މާރިޔާ (ކ) ފައްޔާޒް (މ) ރޮޒޭ (ވ)
މާރިޔާ (ކ) ފައްޔާޒް (މ) ރޮޒޭ (ވ)
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުލްޣަފޫރު މޫސާ އެ މަގާމުން ވަކިކުރުމަށް އެދި ޕާޓީގެ ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަންގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި މުހިންމު ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީގެ އިތުރުން އަންހެނުންގެ ގޮފީގެ ރައީސާ ރޮޒައިނާ އާދަމް ހިމެނިވަޑައިގަންނަވައެވެ.

ޣަފޫރު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އޭނާއާ ޗެއާޕާސަންގެ މަގާމު ހަވާލުކުރީ ސަރުކާރުން ހިންގަމުންދާ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތްތައް އިންތިޒާމު ކުރުމަށް ކަމަށެވެ. ނަމަވެސް، ޕާޓީގެ މަސްލަހަތު ހިފަހައްޓައި، އާންމު މެންބަރުންގެ އިހްސާސްތައް ދެނެގަނެގެން މަސްއޫލިއްޔަތު އަދާކުރުމުގައި އޭނާ ނުކުޅެދިފައިވާ ކަމަށް ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ، ދާދިފަހުން ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދެއްވުމާ ގުޅިގެން ގިނަ މެންބަރުންތަކެއްގެ ނުރުހުން އެމްޑީޕީގެ ލީޑަރޝިޕަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން، ޣަފޫރު ވަކިކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދާއި، ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ކުއްލި ގޮތަކަށް އިއްޔެ މަގާމުން ވަކިކުރި މައްސަލަ ހިމެނެއެވެ.

ޕެޓިޝަންގައި ބުނެފައިވަނީ ޕާޓީގެ ކުރިމަގަށާއި މަސްލަހަތަށްޓަކައި މިވަގުތު އެންމެ ރަނގަޅު ގޮތަކީ އަބްދުލްޣަފޫރު މޫސާ މަގާމުން ދުރަށް ޖެހިވަޑައިގަތުން ކަމަށެވެ. އެމްޑީޕީގެ ތެރޭގައި މިފަދަ ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައިވާއިރު، މިއީ ޕާޓީގެ އެތެރޭގެ ހިންގުމަށް އައި ބޮޑު ލޮޅުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު