ފޮޓޯ: އިލެކްޝަން ކޮމިޝަން
ފޮޓޯ: އިލެކްޝަން ކޮމިޝަން
މ. ވޭވަށު ކައުންސިލް އިންތިޚާބުގެ ވޯޓު އަލުން ގުނުމުންވެސް، އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޭވަށު ކައުންސިލްގެ މެންބަރުކަމަށް ދެ ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އެއީ ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މުޙައްމަދު ނަޒީޙާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން އަހުޝަން ނަޢީމެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އަހުޝަން ނަޢީމަށް 122 ވޯޓު ލިބިފައިވާއިރު، މުޙައްމަދު ނަޒީޙަށް ލިބިފައިވަނީ 120 ވޯޓެވެ. ވޯޓު އަލުން ގުނަން ޖެހުނީ ބާތިލު ވޯޓުތަކާ ގުޅިގެން ނަތީޖާ ކަށަވަރުނުވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.

ވޯޓު އަލުން ގުނުމުން ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ އަދަދުން އެއް ވޯޓު މަދުވި ނަމަވެސް، އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އަލުން ގުނި ނަތީޖާއިން ދައްކާގޮތުގައި ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 83 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 76 ވޯޓެވެ.

މި ފޮށިން ވޯޓުތައް ބާތިލުވާން މެދުވެރިވީ ވޯޓު ކަރުދާހުގައި ޖަހަންޖެހޭ ރަނގަޅު ފާހަގައިގެ އިތުރުން އެކި ކުރެހުންތައް ކުރަހާފައި ހުރުމުގެ ސަބަބުންނާއި، އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ ގިނައިން ނުވަތަ އެއްވެސް މީހަކަށް ފާހަގަ ޖަހާފައި ނުވުމުގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

ވޭވަށު ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 256 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރެއިން 247 މީހަކު ވޯޓުލާފައިވެއެވެ. މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން 7 ވޯޓު ވަނީ ބާތިލުވެފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ގިނަ ފޮށިތަކުގެ ވަގުތީ ނަތީޖާ މިހާރު އިއުލާންކޮށް ނިމިފައިވާ ކަމަށެވެ. މިހާރު ނަތީޖާ ހާމަނުކުރެވި ހުރީ ހަމައެކަނި ޝަކުވާތަކާ ގުޅިގެން އަލުން ގުނަންޖެހޭ ފޮށިތަކުގެ ނަތީޖާއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް