ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މިހާރުގެ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ "މޯރަލް ލެޖިޓިމެސީ" ނުވަތަ އަޚްލާޤީ ޞައްޙަކަން ގެއްލިފައިވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. އަޙްމަދު މިހެން ވިދާޅުވީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް ދެ އިންތިޚާބު އެއްކޮށްލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮތް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ވޯޓެއް ނަގައިގެންވެސް އަދި ނުނަގައިވެސް ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ނަމުގައި، ޤާނޫނުއަސާސީގެ "ބޭސިކް ސްޓްރަކްޗަރ" ނުވަތަ އަސާސީ އޮނިގަނޑާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންވާއިރަށް ޤާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެން ނުވާ ކަމަށެވެ.

ހަމައެއާއެކު، ޑރ. އަޙްމަދު ވިދާޅުވީ ޣައިރު ދުސްތޫރީ ވޯޓަކުން ދެ އިންތިޚާބު އެއްކުރަން އުޅުނީ އެކަމަށް ރައްޔިތުން "ލެޖިޓިމެސީ" ދިނީ ކަމަށް ބުނެ، ދުސްތޫރީ ޞައްޙަކަން ގެއްލިފައިވާ އެތައް އިޞްލާޙެއް ކުރިއަށް އޮތް ތަނުގައި ޤާނޫނުއަސާސީއަށް ގެނައުމުގެ ނުބައި ނިޔަތުގައި ކަމަށެވެ.

ޑރ. އަޙްމަދު މިހެން ވިދާޅުވެފައިވާއިރު، ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ސަރުކާރުން އެހި ސުވާލަށް ވޯޓުލީ މީހުންގެ 70 އިންސައްތަ މީހުން ވަނީ "ނޫނެކޭ" ބުނެފައެވެ. އެހެންކަމުން، އެންމެ ފަހުން ނެގުނު ޢާންމު ވޯޓުގެ ނަތީޖާއިން އެނގި ކަށަވަރުވަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ "މޯރަލް ލެޖިޓިމެސީ" ގެއްލިފައިވާ ކަން ކަމަށް ޑރ. އަޙްމަދު ވިދާޅުވެފައިވެއެވެ.

ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ދަށުން އަޅަންޖެހޭ "ލެޖިޓިމޭޓް" ނުވަތަ ޤާނޫނީ ފިޔަވަޅުތައް އެޅުމަކީ މިހާރު ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.

ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، އެ ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު