ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހިންގި ރެއިޑު އޮޕަރޭޝަނެއްގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހިންގި ރެއިޑު އޮޕަރޭޝަނެއްގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
މިހާތަނަށް ފުރިހަމަ މަޢުލޫމާތު ނުދޭ ބިދޭސީން އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޑީޕޯޓްކުރަން ފަށާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ޤަވައިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހިންގަމުންދާ "އޮޕަރޭޝަން ކުރަނގި" ފެށުމުގެ ކުރިން، ވާރކް ޕާމިޓް ފީ ނުދައްކާ، ވިސާ ވެސް ނެތި ތިބި 148،417 ބިދޭސީން ތިބި ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށެވެ. ނަމަވެސް، ސިސްޓަމްގައި ހިމެނޭ ހުރިހާ ފަރާތްތަކަކީ ހަމަ ރާއްޖޭގައި ތިބި ބައެއް ކަމާ ނުވަތަ ރާއްޖެ ދޫކޮށް ގޮސްފައިވާ ބައެއް ކަމެއް، ތަހުޤީޤީ ނަޒަރަކުން ކަށަވަރު ކުރެވިފައި ނެތް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކުރަނގި އޮޕަރޭޝަން ފެށުމުގެ ކުރިން ޤަވައިދާ އެއްގޮތަށް ތިބި ކަމަށް ސިސްޓަމްގައި ދެއްކީ ހަމައެކަނި %28.97 ބިދޭސީން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހިންގި ހަރަކާތްތަކާ ގުޅިގެން، ފީތައް ފުރިހަމައަށް ދައްކާ، ހުރިހާ ލިޔެކިޔުންތަކެއް ހަމަ ކޮށްފައިވާ ބިދޭސީންގެ ނިސްބަތް %62 އަށް އަރާފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅު

ވިއެވެ. ހަމައެއާއެކު، ދެ ލައްކަ ހަ ހާހަށް ވުރެ ގިނަ ބިދޭސީންގެ ފިންގަ ޕްރިންޓް ނަގާ، ބަޔޯމެޓްރިކްސް ރެކޯޑްތައް ހަމަ ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ހުރެ ސަރުކާރަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު ދިނުމަށް ދެކޮޅު ހަދާ ތިބި ބިދޭސީންގެ ޢަދަދު މިހާރު 2،933 އަށް ތިރިވެފައި ވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ "ކުރަނގި" އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހި، ކަނޑައެޅިފައިވާ ތާރީޚުން ފެށިގެން ރަސްމީކޮށް ފަށާ، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ހުރިހާ ބިދޭސީންގެ ވެސް ފުރިހަމަ ރެކޯޑްތައް ހަމަ ކޮށް ނިންމާ، ހިއްސާ ނުކޮށް ތިބި ހުރިހާ ފަރާތްތަކެއް ހޯދާ ހައްޔަރުކޮށް ޑީޕޯޓް ކުރެވޭނެ ކަމަށެވެ. އަދި ވިސާ ފީ ނުދައްކާ ތިބޭ ކޮންމެ ބިދޭސީއަކު ވެސް ވަގުތުން ޑީޕޯޓް ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ކޮންމެ ފަރާތަކަށް ވެސް، ތިމާގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީންގެ ވާރކް ޕާމިޓާއި ވިސާގެ ހާލަތު ސިސްޓަމް މެދުވެރިކޮށް ބަލައިލެވޭ ގޮތް ހަމަޖެހިފައިވާ ކަމަށާއި، ވިސާ ފީ ދައްކަންޖެހޭ ތާރީޚް ވެސް ސިސްޓަމުން ފެންނަން ހުންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކުން، ކަނޑައެޅިފައިވާ ތާރީޚްތަކަށް ވިސާ ފީ ދައްކާ، ހުރިހާ ލިޔެކިޔުންތަކެއް ހަމަ ކޮށްގެން ބިދޭސީން ގެންގުޅުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް