ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ބާރުތައް ކޮންޓްރޯލްކޮށް، މަޖިލީހުގެ "ދެފައި ބިންދާލާފައިވާ" ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފި އެވެ.

އައްޑޫގައި ބޭއްވި "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވަމުންދާ އިގްސާދީ އަދި ސިޔާސީ ބޮޑެތި ގޮންޖެހުންތަކުން ރައްޔިތުން ސަލާމަތްކުރުމަށް ވަކާލާތު ކުރާތަނެއް މަޖިލީހުން މިހާރު ނުފެންނަ ކަމަށާއި، މަޖިލީހުގެ މިހާރުގެ ހާލަތަކީ "ލޯ ކަނުކޮށްފައިވާ" ހާލަތެއް ކަމަށެވެ.

ނިޒާމަށް ގެންނަންޖެހޭ އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ފައްޔާޒް ހުށަހެޅުއްވީ، މިނިވަން މުއައްސަސާތަކަކީ ދައުލަތުގެ އަނެއް ތިން ބާރުގެ މައްޗަށް ފާރަވެރިވާ "ހަތަރުވަނަ ބާރު" ކަމަށް ކަނޑައެޅުމަށެވެ.

މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ފުރިހަމަ ބާރު މަޖިލީހަށް އޮތުމަކީ އެ ބޭފުޅުން ބިރުވެރިކަމެއްގެ ތެރޭގައި ތިބެންޖެހޭ ސަބަބެއްކަން ފާހަގަކުރައްވައި، އެ ފަރާތްތައް މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މެދުގައި ނަގާ ސީދާ ވޯޓަކުން ކަމަށް ހެދުމަށް އޭނާ ގޮވާލެއްވި އެވެ..

މީގެ އިތުރުން، ފައްޔާޒް ވަނީ މިހާރުގެ އިލެކްޝަންސް ކޮމިޝަން އޮތީ ވެރިކަން ކުރާ ޕީއެންސީގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން މުއައްސަސާތަކަށް ނުފޫޒު ފޯރުވާތީ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ވިދާޅުވެ، އޭނާ ވަނީ ނިޒާމީ ބޮޑު ބަދަލެއް ގެނައުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަކުރައްވާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު