މުޒާހަރާގެ ބައިވެރިންގެ ބޮޑެތި ފާޑުކިޔުންތަކެއް
މުޒާހަރާގެ ބައިވެރިންގެ ބޮޑެތި ފާޑުކިޔުންތަކެއް
އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތައް ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންގުމާ ގުޅިގެން، އެ ކޮމިޝަނަށް މުޒާހަރާގެ ބައިވެރިންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ވިދާޅުވީ، މުޒާހަރާތައް ކުރިއަށް ނުގެންދިއުމަށާއި ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ޒާތީ ގޮތުން ފުރައްސާރަ ނުކުރުމަށް އީސީން އަންގާފައިވާ ކަމަށެވެ.

ނަމަވެސް، އެފަދަ އެއްވެސް އަމަލެއް މުޒާހަރާގެ ތެރެއިން ހިނގަމުން ނުދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދަވަމުން އަންވަރު ތުހުމަތު ކުރެއްވި ގޮތުގައި، 32,000 އަށް ވުރެ ގިނަ މީހުން ވަނީ ވަގަށް ވަކި ޕާޓީއަކަށް ވައްދާފަ އެވެ.

އަދި އެމްޑީޕީއަށް ދޫކުރަންޖެހޭ ފައިސާ ނުދީ ހިފަހައްޓައި، އެ ފައިސާ އަކީ ޖޫރިމަނާގެ ގޮތުގައި ކަނޑާލުމަށް ކޮމިޝަނުން ރާވަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. އަންވަރު ވަނީ އީސީގެ ރައީސް މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވެސް ގޮވާލައްވާފަ އެވެ.

ކޮމިޝަނުގެ އިތުރުން، މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ފުލުހުން ގެންގުޅޭ އުސޫލުތަކަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

މިގޮތުން، ޤާނޫނީ ވަކީލް މުހައްމަދު ނިޝާން ވިދާޅުވީ ފުލުހުން އަމަލުކުރަމުން ދަނީ ޤާނޫނާއި ޤަވާއިދުތަކާ މުޅިން ޚިލާފަށް ކަމަށެވެ. އެމްޑީޕީން ސަރުކާރަށް 12 ޑިމާންޑެއް ހުށަހަޅާފައިވާއިރު، އެ ޕާޓީން ކޮންމެ ރެއެއްގެ 21:00 އިން 00:00 އަށް އަންނަނީ މުޒާހަރާ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު