ފީފާ ވޯލްޑް ކަޕްގެ ރަސްމީ ލަވަ ކަމަށްވާ "ޑާއި ޑާއި"
ފީފާ ވޯލްޑް ކަޕްގެ ރަސްމީ ލަވަ ކަމަށްވާ "ޑާއި ޑާއި"
2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގެ ރަސްމީ ލަވަ ކަމަށްވާ "ޑާއި ޑާއި" ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާންމުންނަށް ދައްކާލައިފިއެވެ.

ނައިޖީރިއާގެ މަޝްހޫރު ފަންނާނު ބާނާ ބޯއީއާ އެކު ކިޔާފައިވާ މި ލަވައިގެ ކުޑަ މަންޒަރުކޮޅެއް ޝަކީރާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވަނީ ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި ނަގާފައިވާ ވީޑިއޯއަކާ އެކުގައެވެ.





މި ލަވައިގެ ފުރިހަމަ ވާޝަން މި މަހުގެ 14 ވަނަ ދުވަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލަވައަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޝަކީރާ ކިޔައިދިން ކާމިޔާބު ލަވަ "ވާކާ ވާކާ" އަށް ފަހު، އޭނާ ފީފާގެ ރަސްމީ ލަވައެއްގެ ގޮތުގައި ކިޔައިދޭ ދެވަނަ ލަވައެވެ.

މީގެ ކުރިން ވެސް ޝަކީރާ ވަނީ 2006 އަދި 2014 ގެ ވޯލްޑް ކަޕާ ގުޅޭ މަގުބޫލު ލަވަތަކެއް ހުށަހަޅައިދީފައެވެ. ޝަކީރާގެ މި އައު ލަވައާ އެކު، ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ބޮޑު ފޯރިއެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޝަކީރާއަކީ ވޯލްޑް ކަޕްގެ ފޯރި އެންމެ ފުރިހަމައަށް ގެނެސްދޭ ފަންނާނެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެންނެވެ. ޖުމްލަ 48 ޓީމު ވާދަކުރާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖުލައި މަހުގެ 19 ވަނަ ދުވަހު އެމެރިކާގެ ނިއު ޖާޒީގައެވެ. "ޑާއި ޑާއި" ލަވައާ އެކު މުބާރާތުގެ މިއުޒިކީ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު