އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ) ގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ) ގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވެން އޮތީ ޕާޓީގެ ޗެއަރޕާސަން ކަމުގެ މަގާމަށް މީކާއީލް އަހުމަދު ނަސީމް ހޮވައިގެން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ) ގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރޭ ޅ. ހިންނަވަރުގައި ބޭއްވި އެމްޑީޕީގެ "އިތުބާރު" ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، އޭނާ ތަމްސީލުކުރައްވާ ދާއިރާއަކީ 2,255 މެންބަރުންނާއެކު މުޅި އެމްޑީޕީގައިވެސް އެންމެ މެންބަރުން ގިނަ ދާއިރާ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު، އެ ދާއިރާގެ އާންމު މެންބަރުންގެ ފަރާތުން ވަރަށް ސާފު މެސެޖެއް ލިބިފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް 2023 ގެއްލުވާލަން އެންމެ އިސްދައުރު އަދާކުރި ފަރާތަށް ވޯޓު ހޯދަންށޭ ކިޔާފަ ދުވަހަކުވެސް ތިމަންނަމެން ކައިރިއަށް އަޅުގަނޑު އައިސްގެން ނުވާނެ ކަމަށް އެބޭފުޅުން ވިދާޅުވި،" ދާއިރާގެ މެންބަރުންނާ ހަވާލާދީ ނާޒިލް ވިދާޅުވިއެވެ.

ނާޒިލްގެ ވާހަކަފުޅުގައި، ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް ކުރިއަށް އޮތް ބޮޑު އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޗެއަރޕާސަންގެ މަގާމަށް މީކާއީލް ހޮވުން މުހިންމުކަން ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.

އެމްޑީޕީގެ އެތެރޭގެ ސިޔާސީ ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި، ޕީޖީ ލީޑަރުގެ މި ވާހަކަތަކާއެކު ޕާޓީގެ ކުރިމަގާ މެދު ކުރެވޭ ބަހުސްތައް ވަނީ އިތުރަށް ހޫނުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު