އަލްފޮންސޯ ޑޭވީސް-
އަލްފޮންސޯ ޑޭވީސް-
2026ގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ބާއްވާ އެއް ގައުމުގެ ގޮތުގައި ހިމެނޭ ކެނެޑާ، މިހާރު ތައްޔާރުވަމުންދަނީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި އަންނާނެ އެންމެ ފަހި ވަގުތަށެވެ. އެއީ ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ މެޗުތައް އެ ގައުމުގައި ބޭއްވުމަށް ލިބުނު ފުރުސަތެވެ. ގްރޫޕް ބީގައި ހިމެނޭ ކެނެޑާގެ ފުރަތަމަ މެޗުގައި ޓޮރޮންޓޯގައި ބޮސްނިއާއާ ދެކޮޅަށް ނުކުންނައިރު، އޭގެ ފަހުން ވެންކޫވަރގައި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވި ގަތަރާއި ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭނެއެވެ.

މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕުން ފުރުސަތު ހޯދައި، 36 އަހަރުގެ މެދުކެނޑުމަކަށްފަހު ކެނެޑާ ވަނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މައިދާނަށް އެނބުރި އައިސްފައެވެ. މިފަހަރު އެ ގައުމުގެ އަމާޒަކީ އަމިއްލަ ފަސްގަނޑުގައި ކުޅެ، ވޯލްޑް ކަޕް ތާރީޚުގައި އެ ގައުމަށް މިހާތަނަށް ލިބިފައިނުވާ ފުރަތަމަ މޮޅު ހޯދުމެވެ.

ގްރޫޕް ބީ އަކީ ތަފާތު ތިން ކޮންފެޑަރޭޝަނެއްގެ (ކޮންކާކަފް، ޔޫއެފާ އަދި އޭއެފްސީ) ޓީމުތައް އެކުލެވޭ ގްރޫޕެކެވެ. މީގެ ތެރެއިން ރޭންކިންގެ ގޮތުން އެންމެ ކުރީގައި އުޅެނީ ސްވިޒަލޭންޑެވެ. އަދި ބޮސްނިއާ އަކީ 2014 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ފުރުސަތު ހޯދި ގައުމެވެ.

2023 ފެބުރުވަރީ 14 ގައި ފީފާ ކައުންސިލުން ނިންމި ނިންމުމާއެކު، މެކްސިކޯ އާއި އެމެރިކާއާ ގުޅިގެން މުބާރާތް ބާއްވާ ގައުމެއްގެ ގޮތުގައި ކެނެޑާއަށް ވަނީ އޮޓޮމެޓިކް ކޮލިފިކޭޝަނެއް ލިބިފައެވެ. މިއީ ކެނެޑާ ވޯލްޑް ކަޕްގައި ވާދަކުރާ ތިންވަނަ ފަހަރެވެ. މީގެ ކުރިން އެ ގައުމުން ވާދަކުރީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތާއި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުގައެވެ.

ކޯޗު ޖެސީ މާޝްގެ އިރުޝާދުގެ ދަށުންނާއި، އަމިއްލަ ސަޕޯޓަރުންގެ ހިތްވަރާއެކު، ކެނެޑާގެ މިފަހަރުގެ އުންމީދަކީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ކުރިއަށް ދިއުމެވެ. މާޝް އަކީ ކުޅުންތެރިއެއްގެ ގޮތުގައި އެމެރިކާގެ މޭޖަރ ލީގް ފުޓްބޯޅަ ގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ، އަދި ކޯޗިންގައި ޔޫރަޕްގެ ބޮޑެތި ކްލަބުތައް ކަމަށްވާ ސަލްޒްބާގް، ލައިޕްޒިގް އަދި ލީޑްސް ޔުނައިޓެޑަށް އިރުޝާދު ދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

ކެނެޑާގެ މެޗުތައް ތާވަލުކުރެވިފައިވާ ގޮތް:

12 ޖޫން: ކެނެޑާ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވިނާ - ޓޮރޮންޓޯ ސްޓޭޑިއަމް

18 ޖޫން: ކެނެޑާ އާއި ގަތަރު - ބީސީ ޕްލޭސް، ވެންކޫވަރ

24 ޖޫން: ސްވިޒަލޭންޑް އާއި ކެނެޑާ - ބީސީ ޕްލޭސް، ވެންކޫވަރ

މެކްސިކޯގައި 1986 ވަނަ އަހަރު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރިއިރު، ފްރާންސް، ހަންގޭރީ އަދި ސޯވިއެޓް ޔޫނިއަނާ ދެކޮޅަށް ކުޅުނު ތިން މެޗުންވެސް ކެނެޑާ ވީ ބައްޔެވެ. އެ މުބާރާތް އެ ގައުމުން ނިންމާލީ އެއްވެސް ލަނޑެއް ނުޖެހިއެވެ. ނަމަވެސް 2022 ގެ ޤަތަރު ވޯލްޑް ކަޕަށް އެޤައުމު ކޮލިފައިވީ ކޮންކާކަފް ސަރަހައްދުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ބެލްޖިއަމް އަތުން 1-0 އިން ބަލިވި ނަމަވެސް، ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އަލްފޮންސޯ ޑޭވީސް ވަނީ ކެނެޑާގެ ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ ލަނޑު ޖަހައިދީފައެވެ. ނަމަވެސް އެ މެޗުން 4-1 އިން ބަލިވިއިރު، ފަހު މެޗުގައި މޮރޮކޯ އަތުން ބަލިވީ 2-1 އިންނެވެ.

އަލްފޮންސޯ ޑޭވީސް އަކީ މިހާތަނަށް ވޯލްޑް ކަޕެއްގައި ކެނެޑާއަށް ލަނޑެއް ޖަހައިދިން ހަމައެކަނި ކުޅުންތެރިޔާއެވެ. އޭނާ ޖެހި ލަނޑަކީ މެޗު ފެށިގެން އެންމެ 1 މިނެޓާއި 7 ސިކުންތުގެ ތެރޭގައި ޖެހި ލަނޑެކެވެ. ކެނެޑާގެ 23 ކުޅުންތެރިއަކު ވަނީ ވޯލްޑް ކަޕްގެ 3 މެޗުގައި ކުޅެފައެވެ. މިފަހަރުގެ މުބާރާތާއެކު މި އަދަދު އިތުރުވެގެންދާނެއެވެ.

ކެނެޑާގެ މިހާރުގެ ޓީމުގައި ތިބި ފެންވަރު ރަނގަޅު ކުޅުންތެރިންނާއި، އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ފޯރިއާއެކު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ އެ ގައުމުން ތާރީޚު ބަދަލުކޮށްލާނެ މުބާރާތަކަށް ވުމަކީ ވަރަށް ގާތް ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު