އަމިއްލަފުޅު ދަތުރުފުޅުތަކާއި އާއިލީ ކަންކަމުގައި ދައުލަތުގެ އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުންނުކުރައްވާ ކަމަށާއި، އެފަދަ ހުރިހާ ޚަރަދެއް ކުރައްވަނީ އަމިއްލަފުޅު ޖީބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން މިއަދާ ހަމައަށް އެމަނިކުފާނުގެ އަމިއްލަ ކަމެއްގައި ނުވަތަ އާއިލީ ދަތުރެއްގައި ރައްޔިތުންގެ ފައިސާ ބޭނުންކޮށްފައި ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިނާޔަތްތަކުގެ ތެރޭގައި އަމިއްލަ ދަތުރުފުޅުތަކަށް ސަރުކާރުން ޚަރަދުކުރުން ހިމެނުނު ކަމުގައިވިޔަސް، އެ އިނާޔަތް ބޭނުންނުކުރެއްވުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

"އަޅުގަނޑު މިމަގާމާ ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އަމިއްލަ އެއްވެސް ދަތުރެއްގައި، އެއްވެސް ކަމެއްގައި، އަޅުގަނޑުގެ އަމިއްލަ ކަމެއްގައި، އަޅުގަނޑުގެ އާއިލާގެ ކަމެއްގައި ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއްވެސް، ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުންކޮށްފައެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، ޗުއްޓީއަށް ރާއްޖޭއިން ބޭރަށް ވަޑައިގަންނަވާ ދަތުރުފުޅުތަކުގައިވެސް އެމަނިކުފާނު ހުންނަވަނީ ރަސްމީ މަސައްކަތްތަކާ ދުރުގައެއް ނޫނެވެ.

އެގޮތުން، ދައުލަތުގެ މުހިންމު ލިޔެކިޔުންތަކާއި ސިޓީތަކުގައި ސޮއިކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އޮފީހުގެ މުވައްޒަފަކު އަރިހުގައި ގެންދަވާ ކަމަށް ވިދާޅުވިއެވެ. އަދި އެ މުވައްޒަފުގެ ދަތުރު ޚަރަދުތައްވެސް ބައެއް ފަހަރު އަމިއްލަފުޅަށް ކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ މީގެ ކުރިން އަމަލުކުރަމުން އައި ގޮތެއް ނޫން ކަމަށް ރައީސް އޮފީހުގެ އިދާރީ މުވައްޒަފުންވެސް ވިދާޅުވާ ކަމަށެވެ.

ކުރީގެ ރައީސުންނާ އަޅާކިޔުއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން އަމިއްލަ ދަތުރުފުޅުތަކަށް ދައުލަތުން ޚަރަދު ކުރައްވާފައިވާ ކަމަށެވެ. އަދި މިހާރުވެސް ކުރީގެ ބައެއް ރައީސުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ބިލުތައް ރައީސް އޮފީހަށް ލިބެމުންދާ ކަމަށާއި، އެކަން އެނގެނީ އެ ބިލުތަކަށް ސަރުކާރުން ފައިސާ ދައްކަން ޖެހުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު