ރޮނާލްޑޯ ނަޒާރިއޯ - ވޯލްޑް ކަޕް ތާރީޚުގައި ބްރެޒިލަށް އެންމެ ގިނަ ގޯލު (15 ގޯލު) ޖަހައިދިން ކުޅުންތެރިޔާ
ރޮނާލްޑޯ ނަޒާރިއޯ - ވޯލްޑް ކަޕް ތާރީޚުގައި ބްރެޒިލަށް އެންމެ ގިނަ ގޯލު (15 ގޯލު) ޖަހައިދިން ކުޅުންތެރިޔާ
ފީފާ ވޯލްޑް ކަޕް 2026 ގެ ޖާގައެއް ބްރެޒިލް ކަށަވަރު ކޮށްފައިވަނީ، ދެކުނު އެމެރިކާ ބައްރުގެ ކޮލިފިކޭޝަންގައި ކޮންމެބޯލް ސަރަޙައްދުން ފަސްވަނަ ހޯދައިގެންނެވެ. މިއާއެކު، ބްރެޒިލް ވެގެން ގޮސްފައިވަނީ، ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން 23 ވަނަ ފަހަރަށް މި މުބާރާތުގައި ވާދަކުރާ ހަމައެކަނި ޤައުމަށެވެ. ދުނިޔޭގެ އެންމެ ޝަރަފުވެރި މި ފުޓްބޯޅަ މުބާރާތުގެ ހުރިހާ އެޑިޝަނެއްގައި ކުޅުނު ހަމައެކަނި ޓީމަކީވެސް "ސެލެސާއޯ" އެވެ.

"ކަނަރީނިއޯ" އިން މިފަހަރު ނުކުންނާނީ އެމީހުންގެ ހަވަނަ ވޯލްޑް ކަޕް ތަށި ހޯދުމުގެ އަޒުމުގައެވެ. މިއީ 2002 ވަނަ އަހަރުގެ ފަހުން އެ ޓީމަށް ތަށި ނުލިބި ހޭދަވާ އެންމެ ދިގު މުއްދަތެވެ. މީގެކުރިން 1958 ގައި ފުރަތަމަ ފަހަރަށް ތަށި ހޯދުމަށްފަހު، 1970 އިން ފެށިގެން 1994 އާ ހަމައަށް 24 އަހަރުގެ މެދުކެނޑުމެއް އައެވެ. އެފަހަރު އެ މެދުކެނޑުން ނިމުމަކަށް އައީ އެމެރިކާގެ ފަސްގަނޑުގައެވެ. އެހެންކަމުން، ބްރެޒިލްގެ ސަޕޯޓަރުން އުންމީދު ކުރަނީ 24 އަހަރަށްފަހު އުތުރު އެމެރިކާގައި ބާއްވާ މި މުބާރާތުގައި ތާރީޚު އިއާދަވެ، ބްރެޒިލަށް ތަށި ލިބޭނެ ކަމަށެވެ.

ރެއާލް މެޑްރިޑާއެކު 2024/25 ސީޒަން ނިންމުމަށްފަހު، ބްރެޒިލް ޓީމާ ހަވާލުވި އިޓަލީގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ވެގެންދާނީ ބްރެޒިލްގެ ޤައުމީ ޓީމަށް އިރުޝާދުދޭ ފުރަތަމަ ބޭރުގެ ކޯޗަށެވެ. ކްލަބް ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކޯޗުގެ ގޮތުގައި ބެލެވޭ "ޑޮން ކާލޯ" އަށް މިއީ ޤައުމީ ޓީމެއްގެ ހެޑް ކޯޗެއްގެ ގޮތުގައި ކުރާ ފުރަތަމަ ތަޖުރިބާއެވެ. ނަމަވެސް، މިއީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕެއް ނޫނެވެ. 1994 ވަނަ އަހަރު އިޓަލީ ފައިނަލަށް ދިޔައިރު، އޭނާއަކީ އަރީގޯ ސާކީގެ އެސިސްޓަންޓް ކޯޗެވެ. އެފަހަރު ފައިނަލުގައި އިޓަލީ ބަލިވީ ބްރެޒިލް އަތުންނެވެ.

ބްރެޒިލްގެ މިއަހަރުގެ ވޯލްޑް ކަޕް މެޗުތައް:

13 ޖޫން: ބްރެޒިލް - މޮރޮކޯ (ނިއުޔޯކް ނިއުޖާޒީ ސްޓޭޑިއަމް)

19 ޖޫން: ބްރެޒިލް - ހެއިޓީ (ފިލަޑެލްފިއާ ސްޓޭޑިއަމް)

24 ޖޫން: ސްކޮޓްލޭންޑް - ބްރެޒިލް (މިއާމީ ސްޓޭޑިއަމް)

ފަސް ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލްގެ ތާރީޚުގައި އެންމެ ކާމިޔާބު މުބާރާތެއް ހޮވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި 1970 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތަކީ އެމީހުންގެ އެންމެ ފުރިހަމަ ކާމިޔާބީއެވެ. ޕެލޭ، ޖައިރްޒީނިއޯ، ޓޮސްޓާއޯ އަދި ރިވެލީނޯ ފަދަ ތަރިން ހިމެނުނު އެ ޓީމުން މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވިއެވެ. އަދި ފައިނަލުގައި އިޓަލީ 4-1 އިން ބަލިކޮށް، "ޖޫލްސް ރިމެޓް" ތަށި ދާއިމީކޮށް މިލްކުކުރި ފަހު ޓީމަށް ބްރެޒިލް ވެގެންދިޔައެވެ.

ބްރެޒިލަކީ 1930 ވަނަ އަހަރު އުރުގުއޭގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރި ދެކުނު އެމެރިކާގެ ހަތް ޓީމުގެ ތެރެއިން އެއް ޓީމެވެ. ނަމަވެސް، ޔޫގޮސްލާވިއާ އަތުން 2-1 އިން ބަލިވެ، އެފަހަރު ގްރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ. އެ މުބާރާތުގައި ބްރެޒިލްގެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ ދެ މެޗުން ތިން ގޯލު ޖެހި ޕްރެގީނިއޯއެވެ. އޭނާއަކީ ވޯލްޑް ކަޕް ތާރީޚުގައި ބްރެޒިލަށް ފުރަތަމަ ގޯލު ޖަހައިދިން ކުޅުންތެރިޔާވެސް މެއެވެ.

2022 ވަނަ އަހަރުގެ މުބާރާތުގައި ބްރެޒިލް ކެޓީ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ އަތުންނެވެ. މިއީ އޭގެ ހަތަރު އަހަރު ކުރިންވެސް އެ ޓީމު ކެޓި މަރުހަލާއެވެ. ސާބިއާ އަދި ސްވިޒަލޭންޑް އަތުން މޮޅުވި ނަމަވެސް، ގްރޫޕްގެ ފަހު މެޗުގައި ކެމަރޫން އަތުން ވަނީ ބަލިވެފައެވެ. އެހެންނަމަވެސް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ބުރަށް ގޮސް، ދެވަނަ ބުރުގައި ދެކުނު ކޮރެއާ 4-1 އިން ބަލިކުރިއެވެ. ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާއާ ބައްދަލުކޮށް، ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި، އިތުރު ވަގުތުގެ ތެރޭގައި ދެ ޓީމުން ގޯލެއް ޖެހިއެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-2 އިން ބަލިވެ ބްރެޒިލް މުބާރާތުން ވަކިވާން ޖެހުނެވެ.

ވޯލްޑް ކަޕް ދެފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ނަޒާރިއޯ އަކީ ވޯލްޑް ކަޕް ތާރީޚުގައި ބްރެޒިލަށް އެންމެ ގިނަ ގޯލު (15 ގޯލު) ޖަހައިދިން ކުޅުންތެރިޔާއެވެ. މީގެ ތެރެއިން އެންމެ މުހިންމު ދެ ގޯލަކީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލުގައި ޖަރުމަނު ކޮޅަށް ޖެހި ދެ ގޯލެވެ. އޭނާގެ 15 ވަނަ ގޯލު ޖެހީ 2006 ވަނަ އަހަރު ގާނާ ކޮޅަށެވެ. އަށް އަހަރު ވަންދެން ވޯލްޑް ކަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޭނާ ދެމެހެއްޓިއެވެ. ނަމަވެސް 2014 ވަނަ އަހަރު ޖަރުމަނުގެ މިރޮސްލާވް ކްލޯސާ ވަނީ ބްރެޒިލްގެ ފަސްގަނޑުގައި އެ ރެކޯޑް މުގުރާލާފައެވެ.

ބްރެޒިލްގެ 1994 ގެ ކާމިޔާބީގައި އުންމީދީ ކުޅުންތެރިއެއްގެ ގޮތުގައި ފެނި، 2002 ގައި ބްރެޒިލަށް ފަސްވަނަ ތަށި ހޯދައިދިނުމުގައި ކެޕްޓަނެއްގެ ދައުރު އަދާކުރި ކަފޫ ވަނީ ޖުމްލަ 20 ވޯލްޑް ކަޕް މެޗު ކުޅެފައެވެ. އޭނާއަކީ ބްރެޒިލްގެ ޤައުމީ ޓީމަށް އެންމެ ގިނަ މެޗު (150 މެޗު) ކުޅެދީފައިވާ ކުޅުންތެރިޔާވެސް މެއެވެ.

ބްރެޒިލްގެ ފުޓްބޯޅަ ތާރީޚުގައި ހަނދާނުން ފޮހެލަން ދަތި އެތައް ހިނދުކޮޅުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން 1970 ގެ ފައިނަލުގައި އިޓަލީ ކޮޅަށް ޖެހި ފަހު ގޯލަކީ ފަންނީ ހުނަރާއި ޓީމުވޯކްގެ ނަމޫނާއެކެވެ. އެއީ ޕެލޭގެ "ރަސްކަން" ކަށަވަރުވެގެންދިޔަ މުބާރާތެވެ. މީގެއިތުރުން 1962 ގައި ޕެލޭއަށް އަނިޔާވުމުން ގަރިންޗާ ދެއްކި ތަފާތު ކުޅުމާއި، 1994 ގެ ޕެނަލްޓީ ކާމިޔާބީގެ އިތުރުން 2002 ވަނަ އަހަރު ރޮނާލްޑޯ، ރިވާލްޑޯ އަދި ރޮނާލްޑީނިއޯގެ ކޮމްބިނޭޝަނަކީ އަބަދުވެސް ފާހަގަކޮށްލެވޭނެ ކަންކަމެވެ.

ބްރެޒިލް ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު މޮޅަކީ 1950 ވަނަ އަހަރު ސްވިޑަން އަތުން 7-1 އިން މޮޅުވި މެޗެވެ. ނަމަވެސް އެ މުބާރާތުގެ ފައިނަލުގައި އަމިއްލަ ފަސްގަނޑުގައި އުރުގުއޭ އަތުން ބަލިވުމަކީ ބްރެޒިލްގެ ފުޓްބޯޅަ ތާރީޚުގައި ލިބުނު އެންމެ ބޮޑު އެއް ހިތާމައެވެ. "މަރަކަނާޒޯ" ގެ ނަމުން މަޝްހޫރުވި މި މެޗުން ދަސްކޮށްދިނީ، ފަސް ފަހަރުގެ ޗެމްޕިއަނުންގެ ކާމިޔާބީގެ ސަފުހާތަކުގެ ތެރޭގައި ހިތްދަތި ނާކާމިޔާބީތައްވެސް އެކުލެވިގެންވާ ކަމެވެ.



ކިޔުންތެރިންގެ ހިޔާލު