ސްކޮޓްލެންޑް ވޯލްޑް ކަޕަށް ކުރި ދަތުރުގެ ތެރެއިން-
ސްކޮޓްލެންޑް ވޯލްޑް ކަޕަށް ކުރި ދަތުރުގެ ތެރެއިން-
1970 ގެ އަހަރުތަކުން ފެށިގެން 1990 ގެ އަހަރުތަކާ ހަމައަށް ސްކޮޓްލޭންޑަކީ ފީފާ ވޯލްޑް ކަޕްގައި ގަވާއިދުން ފެންނަ ޓީމެކެވެ. ނަމަވެސް، ހަތް މުބާރާތުގެ ތެރެއިން ހަ މުބާރާތަކަށް ކޮލިފައިވުމަށްފަހު، 1998 ގެ ފަހުން ޖެހިޖެހިގެން ހަ މުބާރާތަށް ކޮލިފައިނުވެ، އެ ޓީމު ވަނީ ބޮޑު ހުސްކަމަކާއި ކުރިމަތިލާން ޖެހިފައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މައިދާނުން ތިން ދަހަރު ވަންދެން ވަކިވެފައި އޮތުމަށްފަހު، ސްކޮޓްލޭންޑުން ވޯލްޑް ކަޕަށް އެނބުރި އައިސްފައިވަނީ 18 ނޮވެމްބަރު 2025 ގައި ޑެންމާކް އަތުން 4-2 އިން ހޯދި ފުރިހަމަ މޮޅަކާއެކުގައެވެ. އެޓީމު އޮތީ ގެއްލިފައިވާ ވަގުތުތަކުގެ ބަދަލުހިފައި، ފުރަތަމަ ފަހަރަށް ނޮކްއައުޓް ބުރަށް ދިއުމުގެ އުންމީދުގައެވެ.

ސްކޮޓްލޭންޑްގެ ކޯޗު ސްޓީވް ކްލާކް އަކީ އޭނާގެ މަޑުމައިތިރި އަދި މޫނުމަތިން މާބޮޑު އަސަރެއް ފާޅުނުކުރާ މިޒާޖުގެ ސަބަބުން މަޝްހޫރު ފަރާތެކެވެ. ނަމަވެސް 2019 ވަނަ އަހަރު ޓީމާ ހަވާލުވި ފަހުން، އޭނާ ވަނީ ސްކޮޓްލޭންޑްގެ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދީފައެވެ. 2026 ގެ ވޯލްޑް ކަޕަކީ ކްލާކްގެ އިރުޝާދުގެ ދަށުން ސްކޮޓްލޭންޑުން ވާދަކުރާ ތިންވަނަ ބޮޑު މުބާރާތެވެ. މިއީ ވޯލްޑް ކަޕް ނުވަތަ ޔޫރޯއަށް ކޮލިފައިނުވެ 23 އަހަރު ހޭދަކުރުމަށްފަހު ހޯދި ބޮޑު ކާމިޔާބީއެކެވެ. އަދި މި މުބާރާތަށްފަހު އުމުރުން 62 އަހަރުގެ ކްލާކް މަގާމުން ވަކިވާނެ ކަމަށް ބެލެވޭއިރު، އޭނާ ވެގެންދާނީ އެ ގައުމުގެ ތާރީޚުދުށް އެންމެ ކާމިޔާބު އެއް ކޯޗަށެވެ. ކްލާކްގެ ކާމިޔާބީ ބިނާވެފައިވަނީ އަމަލީ ގޮތުން ނަތީޖާ ނެރެދޭ ކުޅުމުގެ ވައްޓަފާޅިއަކަށާއި، އޭނާ އިތުބާރުކުރާ ކުޅުންތެރިންނަށް ދޭ ފުރުސަތުތަކުގެ މައްޗަށެވެ.

ސްކޮޓްލޭންޑްގެ 2026 ގެ ވޯލްޑް ކަޕް މެޗުތައް:

13 ޖޫން: ހެއިޓީ - ސްކޮޓްލޭންޑް (ބޮސްޓަން ސްޓޭޑިއަމް)

19 ޖޫން: ސްކޮޓްލޭންޑް - މޮރޮކޯ (ބޮސްޓަން ސްޓޭޑިއަމް)

24 ޖޫން: ސްކޮޓްލޭންޑް - ބްރެޒިލް (މިއާމީ ސްޓޭޑިއަމް)

ސްކޮޓްލެންޑް ވޯލްޑް ކަޕަށް އެނބުރި އައުމުގެ ދަތުރު ފެށުނީ ގްރޫޕުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ ޑެންމާކާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ އެއްވެސް ލަނޑެއް ނުޖެހި އެއްވަރުވި މެޗުންނެވެ. އަދި ނިމުނީ ހަމަ އެ ޓީމާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ 4-2 އިން ހޯދި ފުރިހަމަ މޮޅުންނެވެ. މި ދެމެދުގައި ކުޅުނު މެޗުތަކުގައި ސްކޮޓްލޭންޑްގެ ކުޅުން އެހާ ފުރިހަމައެއް ނޫނެވެ. ގްރީސް އަދި ބެލަރޫސް އަތުން އުނދަގުލުން ހޯދި މޮޅުތަކަށްފަހު، ސަޕޯޓަރުންގެ ފާޑުކިޔުންވެސް ޓީމަށް އަމާޒުވިއެވެ. އަދި އެތެންސްގައި ގްރީސް އަތުން 3-0 އިން ބަލިވެފައި އޮތް ވަގުތު، ސީދާ ކޮލިފިކޭޝަން ލިބޭނެ ކަމުގެ އުންމީދު ކުޑަވިއެވެ.

ނަމަވެސް ބެލަރޫސްއިން ޑެންމާކް ހިފެހެއްޓުމުން ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ސްކޮޓް މެކްޓޮމިނޭ، ލޯރެންސް ޝަންކްލޭންޑް، ކިއެރަން ޓިއަރނީ އަދި ކެނީ މެކްލީންގެ ލަނޑުތަކާއެކު ސްކޮޓްލޭންޑުން ވަނީ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށްފައެވެ.

ސްކޮޓްލޭންޑްގެ އެންމެ ފުރަތަމަ ވޯލްޑް ކަޕް ތަޖުރިބާއަކީ 1954 ވަނަ އަހަރު ސްވިޒަލޭންޑްގައި ބޭއްވި މުބާރާތެވެ. އެ މުބާރާތުގައި އޮސްޓްރިއާ އަތުން 1-0 އިން ބަލިވިއިރު، ދެވަނަ މެޗުގައި އުރުގުއޭ އަތުން 7-0 އިން ބަލިވުމަކީ އެ ޓީމުގެ ތާރީޚުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީއެވެ.

1974 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ސްކޮޓްލޭންޑުން ދިޔައީ ކެނީ ޑަލްގްލިޝް ފަދަ މަޝްހޫރު ތަރިންނާއެކު ބޮޑު އުންމީދެއްގައެވެ. އެ މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ ނިންމާލި ހަމައެކަނި ޓީމަކީ ސްކޮޓްލޭންޑެވެ. ނަމަވެސް ޒަޔަރް އަތުން މަދު ގޯލުން މޮޅުވުމުގެ ސަބަބުން، ގޯލުގެ ތަފާތުން އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ. 1998 ގެ ވޯލްޑް ކަޕްގައިވެސް ސްކޮޓްލޭންޑަށް ކުރިމަތިވީ ހިތްދަތި ނަތީޖާއެކެވެ. ބްރެޒިލް އަތުން 2-1 އިން ބަލިވެ، ނޯވޭއާ އެއްވަރުވުމަށްފަހު، މޮރޮކޯ އަތުން 3-0 އިން ބަލިވެ ގްރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ.

ސްކޮޓްލޭންޑްގެ ފުޓްބޯޅަ ލެޖެންޑް ޖޯ ޖޯޑަން އަކީ ތިން ވޯލްޑް ކަޕެއްގައި (1974، 1978، 1982) ލަނޑު ޖެހި ފުރަތަމަ އިނގިރޭސިވިލާތުގެ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 4 ލަނޑު ޖަހާފައެވެ. އަދި ގޯލްކީޕަރު ޖިމް ލޭޓަން އަކީ ވޯލްޑް ކަޕްގައި ސްކޮޓްލޭންޑަށް އެންމެ ގިނަ މެޗު (9 މެޗު) ކުޅެދީފައިވާ ކުޅުންތެރިޔާއެވެ.

ސްކޮޓްލޭންޑްގެ ވޯލްޑް ކަޕް ތާރީޚަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ ހަނދާންތަކަކީ އުފަލާއި ހިތާމަ އެކުލެވިގެންވާ ހަނދާންތަކެކެވެ. މީގެ ތެރެއިންވެސް 1978 ވަނަ އަހަރު ނެދަލޭންޑްސްއާ ދެކޮޅަށް އާޗީ ގެމިލް ޖެހި ހިތްގައިމު ލަނޑު ފާހަގަކޮށްލެވެއެވެ. ނަމަވެސް އެ މޮޅާއެކުވެސް، ކުރިން ކުޅުނު މެޗުތަކުގެ ނަތީޖާ ހުރި ގޮތުން ސްކޮޓްލޭންޑަށް ޖެހުނީ މުބާރާތާ އަލްވަދާއު ކިޔާށެވެ.



ކިޔުންތެރިންގެ ހިޔާލު