މިރޮސްލާވް ކްލޯސާ
މިރޮސްލާވް ކްލޯސާ
ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ ޖަރުމަނުވިލާތުން ޖެހިޖެހިގެން ބައިވެރިވާ 19 ވަނަ ވޯލްޑް ކަޕެވެ. އަދި މިއީ އެ ގައުމުން މި މުބާރާތުގައި ވާދަކުރާ ޖުމްލަ 21 ވަނަ ފަހަރެވެ.

ޖަރުމަނަކީ ހަތަރު ފަހަރު ވޯލްޑް ކަޕްގެ ތަށި އުފުލާލާފައިވާ، އަދި އެންމެ ގިނަ ފަހަރު (8 ފަހަރު) ކުއާޓާ ފައިނަލަށް ދަތުރުކުރުމުގެ ރެކޯޑް އޮތް ގައުމެވެ. ނަމަވެސް، 2018 އަދި 2022 ވަނަ އަހަރުގެ މުބާރާތްތަކުގައި އެ ގައުމު ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. އުތުރު އެމެރިކާގައި ބާއްވާ މި މުބާރާތުގައި ޖަރުމަނުން މަސައްކަތް ކުރާނީ ފަހަކަށް އައިސް ކުރިމަތިވި މި ނާކާމިޔާބީތައް ފަހަތަށް ޖައްސާލުމަށެވެ.

ކޯޗު ޖޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން، ކޮލިފައިންގެ ފެށުން ދަށްވި ނަމަވެސް ފަހުން ޓީމުގެ ކުޅުން ވަނީ ރަނގަޅުވެފައެވެ. އެހެންނަމަވެސް، 2024 ވަނަ އަހަރު ޓީމަށް ގެނައި ބޮޑެތި ބަދަލުތަކަށްފަހު ޓީމު އަދިވެސް އޮތީ ބިނާވަމުންދާ މަރުހަލާއެއްގައެވެ. ހަންސީ ފްލިކް މަގާމުން ވަކިކުރުމާ ގުޅިގެން 2023 ސެޕްޓެމްބަރުގައި ހަވާލުވި ނާގަލްސްމަންއަށް، އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ 2024 އަށް ތައްޔާރުވުމަށް ލިބުނީ ކުޑަ ވަގުތުކޮޅެކެވެ. ފުރަތަމަ އެ މުބާރާތުގެ ނިޔަލަށް އެއްބަސްވުން ހެދި ނަމަވެސް، ފަހުން ވަނީ 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޭނާގެ ކޮންޓްރެކްޓް އާކޮށްފައެވެ.

އުމުރުން 38 އަހަރުގެ ނާގަލްސްމަންއަކީ ޖަރުމަނުގެ ތާރީޚުގައި ވެސް ޓީމާ ހަވާލުވި އެންމެ ޒުވާން ކޯޗެވެ. އޭނާއަކީ ޓެކްޓިކަލް ގޮތުން ފްލެކްސިބަލް އަދި އެގްރެސިވް ޕްރެސިން ކުޅުމަކަށް ލޯބިކުރާ ކޯޗެކެވެ. އޭނާގެ އިރުޝާދުގެ ދަށުން ޖަރުމަނުގެ ޑިފެންސް ވަރުގަދަވެފައިވާއިރު، ބޯޅަ ހިފަހައްޓައިގެން ކުޅުމުގައި ނުރައްކާ ކުޑަ އުކުޅުތަކެއް ގެންގުޅެއެވެ.

ވޯލްޑް ކަޕްގައި ޖަރުމަނުގެ މެޗުތައް:

14 ޖޫން: ޖަރުމަނު - ކިއުރަސާއޯ (ހިއުސްޓަން ސްޓޭޑިއަމް)

20 ޖޫން: ޖަރުމަނު - އައިވަރީ ކޯސްޓް (ޓޮރޮންޓޯ ސްޓޭޑިއަމް)

25 ޖޫން: އިކުއެޑޯ - ޖަރުމަނު (ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމް)

ޔޫރޯ 2024 އަށްފަހު ރިޓަޔާކުރަން ނިންމި ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާ އަލުން ޓީމާ ގުޅުމަކީ ޖަރުމަނަށް އޮތް އިތުބާރެކެވެ. މިއީ އޭނާ ފެންނާނެ 5 ވަނަ ވޯލްޑް ކަޕެވެ. މީގެ އިތުރުން ޖޯޝުއާ ކިމިކް، ފްލޮރިއަން ވާޓްޒް، ކައި ހާވާޓްޒް އަދި ނިކޯ ޝްލޮޓަބެކް ފަދަ ކުޅުންތެރިން ޓީމުގައި ހިމެނެއެވެ.

ޖަރުމަނުން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރީ 2025 ނޮވެމްބަރުގައި، ކޮލިފައިން ގްރޫޕް އޭ ގެ އެއްވަނަ ހޯދައިގެންނެވެ. ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ، 16 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަނީ އެންމެ ތިން ލަނޑެވެ. ކޮލިފައިންގައި މުހިންމު ބައެއް ކުޅުންތެރިން އަނިޔާގެ ސަބަބުން ނުކުޅުނު ނަމަވެސް، ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

ޖަރުމަނުން ހަތަރު ފަހަރު ތަށި ހޯދާފައިވާއިރު، އެންމެ ފާހަގަކޮށްލެވެނީ 1954 ވަނަ އަހަރުގެ "މިރަކަލް އޮފް ބާން" އެވެ. އެ ފަހަރު ހަންގޭރީއާ ދެކޮޅަށް ކުޅުނު ފައިނަލްގައި، ކުރީބައިގައި ދެ ގޯލު ފަހަތުގައި އޮވެފައި، ފަހަތުން އަރައި 3-2 އިން މޮޅުވެ ޖަރުމަނުން ފުރަތަމަ ފަހަރަށް ތަށި ހޯދިއެވެ.

1934 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑް ކަޕަކީ ޖަރުމަނުން ވާދަކުރި ފުރަތަމަ މުބާރާތެވެ. އެ މުބާރާތުގައި އެ ގައުމުން ވަނީ ތިންވަނަ ހޯދާފައެވެ. ނަމަވެސް، 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕަކީ ޖަރުމަނަށް ހިތްދަތި މުބާރާތެކެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ޖަޕާން އަތުން ބަލިވުމުން، ފަހު މެޗުގައި ކޮސްޓަރީކާ ބަލިކުރި ނަމަވެސް އެ ގައުމަށް ޖެހުނީ މުބާރާތާ އަލްވަދާއު ކިޔާށެވެ.

މިރޮސްލާވް ކްލޯސާ އަކީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު (16 ލަނޑު) ޖެހި ކުޅުންތެރިޔާއެވެ. އަދި ލޯތަރ މަތިއަސް އަކީ ޖަރުމަނަށް ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗު (25 މެޗު) ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފަސް ވޯލްޑް ކަޕެއްގައި ބައިވެރިވެފައެވެ.

ޖަރުމަނުގެ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ހަނދާން ނައްތާނުލެވޭ އެއް މެޗަކީ 2014 ވަނަ އަހަރުގެ ސެމީ ފައިނަލްގައި ބްރެޒިލް އަތުން 7-1 އިން މޮޅުވި މެޗެވެ. އަދި 2002 ވަނަ އަހަރު ސައުދީ އަރަބިއްޔާ އަތުން 8-0 އިން މޮޅުވި މެޗަކީ އެ ގައުމުން ވޯލްޑް ކަޕްގައި ހޯދި އެންމެ ބޮޑު މޮޅެވެ.



ކިޔުންތެރިންގެ ހިޔާލު