ވިކްޓަރ ގިޔޮކެރޭސް
ވިކްޓަރ ގިޔޮކެރޭސް
ބޮޑެތި ގޮންޖެހުންތަކަކަށްފަހު، ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި ސްވިޑަންގެ 13 ވަނަ ފަހަރަށް ވާދަކުރާނެއެވެ. ސްވިޑަންގެ އަމާޒަކީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި މުބާރާތުގައި އެ ގައުމުން ހޯދި ފަހުރުވެރި ތިންވަނަ މަގާމާ އެއްވަރުގެ ނަތީޖާއެއް މިފަހަރުވެސް ހޯދުމެވެ.

ސްކެންޑިނޭވިއާގެ މި ގައުމަކީ ވޯލްޑް ކަޕްގެ މުއްސަނދި ތާރީޚެއް އޮތް ގައުމެކެވެ. އެގޮތުން 1958 ވަނަ އަހަރު ޖޯޖް ރޭނަރގެ އިރުޝާދުގެ ދަށުން އެ ގައުމުން ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން ކުރިމަތިވި މާޔޫސްކަމަށްފަހު، އިނގިރޭސި ކޯޗު ގްރަހަމް ޕޮޓަރގެ އަމާޒަކީ ދުނިޔޭގެ އެންމެ ބޮޑު މި ފުޓްބޯޅަ އީދަށް ސްވިޑަން އެނބުރި އަންނައިރު، މިހާރު ހޯދަމުންދާ ކާމިޔާބީގެ ރޫހު ދެމެހެއްޓުމެވެ.

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޖޯން ޑާލް ޓޮމާސަންގެ ބަދަލުގައި ޕޮޓަރ ސްވިޑަންގެ ކޯޗުކަމާ ހަވާލުވުމަކީ އޭނާގެ ދެވަނަ ގެޔަށް އެނބުރި ދިއުން ފަދަ ކަމެކެވެ. ޕޮޓަރގެ ކޯޗިންގ ކެރިއަރުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ސްވިޑަންގެ އޮސްޓަސަންޑް ކްލަބުންނެވެ. އޭނާ ވަނީ އެ ޓީމު ސްވިޑަންގެ ހަތަރުވަނަ ޑިވިގަނުން ފެށިގެން އެންމެ މަތީ ޑިވިގަނަށް ގެންގޮސްދީ، 2017 ވަނަ އަހަރުގެ ސްވިޑިޝް ކަޕް ކާމިޔާބުކޮށްދީ، ޔޫއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖަށް އެ ޓީމު ކޮލިފައި ކޮށްދީފައެވެ.

އޮސްޓަސަންޑްގައި ހޯދި ތާރީޚީ ކާމިޔާބީއަށްފަހު، ޕޮޓަރ ވަނީ އިނގިރޭސިވިލާތުގެ ސްވަންސީ ސިޓީ، ބްރައިޓަން، ޗެލްސީ އަދި ވެސްޓް ހޭމްގައި މަސައްކަތްކޮށްފައެވެ. ސްވިޑިޝް ބަހުން ފަރިތަކަމާއެކު ވާހަކަދައްކަން އެނގޭ، އުމުރުން 50 އަހަރުގެ ޕޮޓަރ ސްވިޑަން އާއި ފުރަތަމަ ހަވާލުވީ ވަގުތީ ކޯޗެއްގެ ގޮތުގައެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭ-އޮފް މެޗުތަކުގެ ކުރިން، 2030 ވަނަ އަހަރުގެ ނިޔަލަށް އޭނާއާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މިއީ ވަރަށް ރަނގަޅު ނިންމުމެއްކަން ސާބިތުވީ، ސްވިޑަން އިން ޔޫކްރެއިން އަދި ޕޮލެންޑް ބަލިކޮށް ވޯލްޑް ކަޕްގެ ފައިނަލް ބުރަށް ދަތުރުކުރުމުންނެވެ.

ވޯލްޑް ކަޕްގައި ސްވިޑަން ކުޅޭ މެޗުތަކާއި ގްރޫޕް:

14 ޖޫން: ސްވިޑަން - ޓިއުނީޝިއާ (މޮންޓެރޭ ސްޓޭޑިއަމް)

20 ޖޫން: ނެދަލޭންޑްސް - ސްވިޑަން (ހިއުސްޓަން ސްޓޭޑިއަމް)

25 ޖޫން: ޖަޕާން - ސްވިޑަން (ޑާލަސް ސްޓޭޑިއަމް)

ފައިގެ ކަށިގަނޑެއް ބިންދައިގެން ދިއުމުގެ ސަބަބުން ކޮލިފައިން މެޗުތައް ގެއްލުނު ލިވަޕޫލްގެ ފޯވާޑް އެލެގްޒެންޑަރ އިސާކް މިފަހަރު ޓީމާ ގުޅޭނެއެވެ. އޭނާގެ އިތުރުން އާސެނަލްގެ ވިކްޓަރ ގިޔޮކެރޭސް އަދި ނިއުކާސަލްގެ އެންތަނީ އެލަންގާ ފަދަ ހުނަރުވެރި ކުޅުންތެރިން ސްވިޑަންގެ އެޓޭކިންގ ލައިންގައި ހިމެނެއެވެ.

ޔޫއެފާ ކޮލިފައިންގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު ސްވިޑަން ވަނީ ވަރުގަދަ ރޫހެއްގައި އެނބުރި އައިސް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ކޮލިފައިންގެ ގްރޫޕް ބީގެ އެންމެ ފުލުގައި އޮވެ، އެއްވެސް މެޗަކުން މޮޅުނުވެ ނިންމާލަން ޖެހުނު ނަމަވެސް، ޔޫއެފާ ނޭޝަންސް ލީގުގެ ރޭންކިންގގެ ސަބަބުން އެ ގައުމަށް ޕްލޭ-އޮފްގެ ފުރުސަތު ލިބުނެވެ.

ޕޮޓަރގެ އިރުޝާދުގެ ދަށުން، ސެމީ ފައިނަލްގައި ވިކްޓަރ ގިޔޮކެރޭސް ހެދި ހެޓްރިކާއެކު ޔޫކްރެއިންގެ މައްޗަށް 3-1 އިން ސްވިޑަން ކުރިހޯދިއެވެ. އަދި ފޯރިގަދަ ފައިނަލްގައި ޕޮލެންޑާ ބައްދަލުކޮށް 3-2 އިން ސްވިޑަން މޮޅުވިއިރު، މެޗުގެ 88 ވަނަ މިނެޓުގައި މޮޅުވި ލަނޑު ޖަހައިދީ ހީރޯއަކަށްވީ އަނެއްކާވެސް އާސެނަލްގެ ފޯވާޑް ގިޔޮކެރޭސްއެވެ.

ރޭނަރގެ އިރުޝާދުގެ ދަށުން ސްވިޑަން ވަނީ ފުޓްބޯޅައިގެ ރަން ދިހަ އަހަރެއް ހޭދަކޮށްފައެވެ. އެގޮތުން 1948 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގެ ރަން މެޑަލް، 1950 ގެ ވޯލްޑް ކަޕްގެ ތިންވަނަ އަދި 1952 ގެ ހެލްސިންކީ އޮލިމްޕިކްސްގެ ތިންވަނަ އެ ގައުމުން ހޯދިއެވެ. 1954 ގެ ވޯލްޑް ކަޕަށް ކޮލިފައި ނުވި ނަމަވެސް، އިޓަލީގައި ކޯޗުކޮށްދިނުމަށްފަހު ރޭނަރ އެނބުރި އައިސް 1958 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް ސްވިޑަން ގެންގޮސްދިނެވެ.

އެ މުބާރާތުގައި ނީލްސް ލީޑްހޯމް އަދި ކާޓް ހަމްރިން ފަދަ ޕްރޮފެޝަނަލް ކުޅުންތެރިން ފުރަތަމަ ފަހަރަށް ހިމެނުމުން ސްވިޑަންގެ ޓީމު ވަރަށް ވަރުގަދަވިއެވެ. ގްރޫޕް ސްޓޭޖުގައި މެކްސިކޯ އާއި ހަންގޭރީ ބަލިކޮށް، ވޭލްސްއާ އެއްވަރުވެ ގްރޫޕްގެ އެއްވަނަ ހޯދިއެވެ. ސޯވިއެޓް ޔޫނިއަން އަދި ހުޅަނގު ޖަރުމަނު ބަލިކޮށް ފައިނަލަށް ދަތުރުކުރި ނަމަވެސް، ފައިނަލްގައި ބްރެޒިލް އަތުން 5-2 އިން ބަލިވީއެވެ. އެ މެޗުގައި ލީޑްހޯމް ލަނޑު ޖަހައި ކުރިހޯދައިދިން ނަމަވެސް، ޕެލޭ އާއި ޒަގާލޯ ފަދަ ކުޅުންތެރިން ހިމެނުނު ބްރެޒިލް ޓީމު މާ ވަރުގަދައެވެ.

ސްވިޑަން އިން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1934 ވަނަ އަހަރު އިޓަލީގައެވެ. ފުރަތަމަ މެޗުގައި އާޖެންޓީނާ 3-2 އިން ބަލިކޮށް ދުނިޔެ ސިއްސުވާލި ނަމަވެސް، ކުއާޓާ ފައިނަލްގައި ޖަރުމަނު އަތުން 2-1 އިން ބަލިވީއެވެ. މީގެ އިތުރުން، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ތަރި ޒްލަޓަން އިބްރަހިމޮވިޗް ނުލައިވެސް ސްވިޑަން ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެ މުބާރާތުގައި ދެކުނު ކޮރެއާ އަދި މެކްސިކޯ ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދިއެވެ. ގަދަ 16 ގައި ސްވިޒަލޭންޑް ބަލިކުރި ނަމަވެސް، ކުއާޓާގައި އިނގިރޭސިވިލާތް އަތުން ބަލިވެ މުބާރާތުން ވަކިވާން ޖެހުނެވެ.

ކެނެޓް އެންޑަސަން އަދި ހެންރިކް ލާސަން އަކީ ސްވިޑަންއަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު (ކޮންމެ ކުޅުންތެރިއަކު 5 ލަނޑު) ޖަހައިދީފައިވާ ދެ ކުޅުންތެރިންނެވެ. ލާސަން އަކީ 13 މެޗާއެކު ސްވިޑަންއަށް ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ.

1958 ގެ ފައިނަލްގައި ލީޑްހޯމް ޖެހި ލަނޑަކީ ވޯލްޑް ކަޕް ފައިނަލެއްގައި މިހާތަނަށް އެންމެ ދޮށީ ކުޅުންތެރިއަކު ޖެހި ލަނޑެވެ. އޭރު އޭނާގެ އުމުރަކީ 36 އަހަރެވެ. ސްވިޑަންގެ ފާހަގަކޮށްލެވޭ އަނެއް ކާމިޔާބީއަކީ 1938 ވަނަ އަހަރު ކިއުބާ އަތުން 8-0 އިން މޮޅުވުމެވެ. މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މަރުހަލާއެއްގައި މިހާތަނަށް ޓީމަކުން ހޯދި އެންމެ ބޮޑު މޮޅެވެ.



ކިޔުންތެރިންގެ ހިޔާލު