ގިލްބާޓޯ މޯރާ – މެކްސިކޯ (17 އަހަރާއި 240 ދުވަސް)
ގިލްބާޓޯ މޯރާ – މެކްސިކޯ (17 އަހަރާއި 240 ދުވަސް)
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށޭއިރު، މެކްސިކޯގެ އުއްމީދީ ތަރި ގިލްބާޓޯ މޯރާގެ އުމުރަކީ 17 އަހަރާއި 240 ދުވަހެވެ. މިއާއެކު އޭނާ ވެގެންދާނީ މި މުބާރާތުގައި ފެނިގެންދާނެ އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

ފީފާއިން އާންމުކޮށްފައިވާ 48 ގައުމުގެ ރަސްމީ ސްކޮޑްތަކަށް ބަލާއިރު، މިފަހަރުގެ މުބާރާތުގައި ފުރާވަރުގެ 22 ކުޅުންތެރިން ހިމެނެއެވެ. ޖުމްލަ 1،248 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާއިރު، މިއީ ރެކޯޑް އަދަދެކެވެ. މީގެ ތެރެއިން ޓިޖުއާނާގެ މިޑްފީލްޑަރު މޯރާ އަކީ އެންމެ ހަގު ކުޅުންތެރިޔާއެވެ.

މާޒީއަށް ބަލާއިރު، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑެތި ތަރިންގެ ތެރޭގައި ހިމެނޭ ބައެއް ކުޅުންތެރިންނަކީވެސް ވޯލްޑް ކަޕްގެ ތެރެއިން ވިދާލި ފުރާވަރުގެ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި 1958 ވަނަ އަހަރު ބްރެޒިލަށް ތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޕެލޭ (17 އަހަރު) އާއި، 2018 ވަނަ އަހަރު ފްރާންސަށް ތަށި ހޯދައިދިނުމުގައި ވިދާލި ކީލިއަން އެމްބާޕޭ (19 އަހަރު) ހިމެނެއެވެ. މީގެއިތުރުން 1998 ގެ ވޯލްޑް ކަޕްގައި އިންގްލެންޑުގެ މައިކަލް އޮވެންވެސް ވަނީ 18 އަހަރުގައި އޭނާގެ ހުނަރު ދައްކާލާފައެވެ.

މިފަހަރުގެ މުބާރާތުގައި ފެނިގެންދާ ފުރާވަރުގެ ކުޅުންތެރިންގެ ތެރޭގައި ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގައި މިހާރުވެސް ވިދަމުންދާ ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިންގެ ލަމީން ޔަމާލް (18 އަހަރު) އާއި ޕައު ކުބާސީ (19 އަހަރު) ގެ އިތުރުން ބަޔާން މިއުނިކްގެ ލެނާޓް ކާލް (18 އަހަރު) ހިމެނެއެވެ.

މީގެއިތުރުން، ފުރާވަރުގެ އުމުރު ފަހަނައަޅާފައިވީ ނަމަވެސް، އަލަށް ވޯލްޑް ކަޕެއްގައި ވާދަކުރާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ޕީ.އެސް.ޖީގެ ވޮރެން ޒައިރް-އެމެރީ (20 އަހަރު) އާއި ޑެސިރޭ ދޫއޭ (21 އަހަރު) ހިމެނެއެވެ. އިންގްލެންޑުގެ ނިކޯ އޯރިލީ އާއި ތުރުކީގެ އަރުދާ ގުލާ އަދި އާޖެންޓީނާގެ ނިކޯ ޕާޒް ފަދަ ކުޅުންތެރިންވެސް މި މުބާރާތުގައި ފެނިގެންދާނެއެވެ.

މެކްސިކޯގެ ލީގުގައި ކުޅޭ މޯރާއަކީ ފަހަކަށް އައިސް އެ ގައުމުން އުފެދުނު އެންމެ އުއްމީދީ އެއް ކުޅުންތެރިޔާއެވެ. އޭނާ ވެގެންދާނީ ވޯލްޑް ކަޕެއްގައި ކުޅޭނެ މެކްސިކޯގެ އެންމެ ހަގު ކުޅުންތެރިޔާއަށެވެ. މޯރާ ވަނީ އުމުރުން އެންމެ 15 އަހަރުގައި މެކްސިކޯގެ ފުރަތަމަ ޑިވިޜަންގައި ލަނޑު ޖަހައި، އަދި 16 އަހަރުގައި ގައުމީ ޓީމަށް ކުޅެދީ ގިނަ ރެކޯޑުތަކެއް މުގުރާލާފައެވެ. ރެއާލް މެޑްރިޑާއި ބާސެލޯނާ ފަދަ ބޮޑެތި ކްލަބުތަކުން މިހާރުވެސް އަންނަނީ އޭނާއަށް ފާރަލަމުންނެވެ.

މީގެއިތުރުން، އައިވަރީ ކޯސްޓުގެ ޔާން ދިއޮމަންޑޭ، ބްރެޒިލްގެ އެންޑްރިކް، ސެނެގާލްގެ އިބްރާހިމް އެމްބާޔޭ އަދި އިކުއެޑޯގެ ކެންޑްރީ ޕައޭޒް އަކީވެސް މި ފަހަރުގެ ވޯލްޑް ކަޕުން ފެނިގެންދާނެ މުހިންމު ފުރާވަރުގެ ތަރިންނެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ފެނިގެންދާނެ އެންމެ ޒުވާން ކުޅުންތެރިން:

ގިލްބާޓޯ މޯރާ – މެކްސިކޯ (17 އަހަރާއި 240 ދުވަސް)

ހޫގޯ ސޮޗުރެކް – ޗެކިއާ (18 އަހަރާއި 4 ދުވަސް)

ލެނާޓް ކާލް – ޖަރުމަނުވިލާތް (18 އަހަރާއި 109 ދުވަސް)

އިބްރާހިމް އެމްބާއީ – ސެނެގާލް (18 އަހަރާއި 138 ދުވަސް)

ހަމްޒާ އަބްދުލްކަރީމް – މިސްރު (18 އަހަރާއި 161 ދުވަސް)

ބާރާ ސަޕޯކޯ އެންޑިއާއީ – ސެނެގާލް (18 އަހަރާއި 162 ދުވަސް)

މްލާޑަން ޖުރްކާސް – ބޮސްނިއާ އެންޑް ހެރްޒެގޮވިނާ (18 އަހަރާއި 247 ދުވަސް)

އައްޔޫބު ބުއައްދީ – މޮރޮކޯ (18 އަހަރާއި 252 ދުވަސް)

ކެރިމް އަލަޖްބެގޮވިޗް – ބޮސްނިއާ އެންޑް ހެރްޒެގޮވިނާ (18 އަހަރާއި 263 ދުވަސް)

ރަޔާން އެލޫމީ – ޓިއުނީޝިއާ (18 އަހަރާއި 267 ދުވަސް)

ލޫކަސް ހެރިންގްޓަން – އޮސްޓްރޭލިއާ (18 އަހަރާއި 279 ދުވަސް)

ބެހްރޫޒްޖޯން ކަރީމޯވް – އުޒްބެކިސްތާން (18 އަހަރާއި 308 ދުވަސް)

ލަމީން ޔަމާލް – ސްޕެއިން (18 އަހަރާއި 333 ދުވަސް)

ކެންޑްރީ ޕައޭޒް – އިކުއެޑޯ (19 އަހަރާއި 38 ދުވަސް)

ޓައިލާ ފްލެޗާ – ސްކޮޓްލޭންޑް (19 އަހަރާއި 84 ދުވަސް)

ލޫކާ ވުސްކޮވިޗް – ކްރޮއޭޝިއާ (19 އަހަރާއި 107 ދުވަސް)

ޕައު ކުބާސީ – ސްޕެއިން (19 އަހަރާއި 140 ދުވަސް)

ޔާން ދިއޮމާންޑޭ – އައިވަރީ ކޯސްޓް (19 އަހަރާއި 209 ދުވަސް)

ރަޔާން – ބްރެޒިލް (19 އަހަރާއި 312 ދުވަސް)

އެންޑްރިކް – ބްރެޒިލް (19 އަހަރާއި 325 ދުވަސް)

މި މުބާރާތުގައި ފެންނާނެ އެންމެ ދޮށީ ކުޅުންތެރިއަކީ ސްކޮޓްލޭންޑްގެ ގޯލްކީޕަރު ކްރެއިގް ގޯޑަން އެވެ. އޭނާގެ އުމުރަކީ 43 އަހަރެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ (41 އަހަރު) އާއެކު ޖުމްލަ ހަތް ކުޅުންތެރިއަކު އުމުރުން 40 އަހަރަށްވުރެ މަތީގައި މި މުބާރާތުގައި ކުޅޭނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ހޮވާފައިވާ ކުޅުންތެރިންގެ ތެރެއިން 357 ކުޅުންތެރިން މީގެ ކުރިން ވޯލްޑް ކަޕެއްގައި ކުޅެފައިވާއިރު، 891 ކުޅުންތެރިންނަށް މިއީ އަލަށް ވާދަކުރާ މުބާރާތެވެ. ކޯޗުންނަށް ބަލާއިރު، ގާނާގެ ކޯޗު ކާލޯސް ކުއިރޯޒް ވެގެންދާނީ ވިދިވިދިގެން ފަސް ވޯލްޑް ކަޕްގައި އިރުޝާދުދޭ ދެވަނަ ކޯޗަށެވެ. މީގެކުރިން އޭނާ ވަނީ ޕޯޗުގަލް އާއި އީރާނުގެ ގައުމީ ޓީމަށް އިރުޝާދުދީފައެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ފެނިގެންދާނެ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިން:

ކްރެއިގް ގޯޑަން – ސްކޮޓްލޭންޑް (43 އަހަރާއި 162 ދުވަސް)

ކްރިސްޓިއާނޯ ރޮނާލްޑޯ – ޕޯޗުގަލް (41 އަހަރާއި 126 ދުވަސް)

ގިލާމޯ އޮޗޯއާ – މެކްސިކޯ (40 އަހަރާއި 333 ދުވަސް)

ލޫކާ މޮޑްރިޗް – ކްރޮއޭޝިއާ (40 އަހަރާއި 275 ދުވަސް)

އެޑިން ޒެކޯ – ބޮސްނިއާ އެންޑް ހެރްޒެގޮވީނާ (40 އަހަރާއި 86 ދުވަސް)

މެނުއަލް ނޯޔާ – ޖަރުމަނުވިލާތް (40 އަހަރާއި 76 ދުވަސް)

ވޮޒީނިއާ – ކޭޕް ވާޑޭ (40 އަހަރާއި 8 ދުވަސް)

ފެނާންޑޯ މުސްލޭރާ – އުރުގުއޭ (39 އަހަރާއި 360 ދުވަސް)

ޔޫޓޯ ނަގަޓޯމޯ – ޖަޕާން (39 އަހަރާއި 272 ދުވަސް)

ހެރްނާން ގަލިންޑޭޒް – އިކުއެޑޯ (39 އަހަރާއި 73 ދުވަސް)

މަހްދީ ސުލައިމާން – މިސްރު (39 އަހަރާއި 3 ދުވަސް)

ލިއޮނަލް މެސީ – އާޖެންޓީނާ (38 އަހަރާއި 352 ދުވަސް)

ޓިމް ރީމް – އެމެރިކާ (38 އަހަރާއި 249 ދުވަސް)

ވެވަރޓަން – ބްރެޒިލް (38 އަހަރާއި 180 ދުވަސް)

އަލްބާޓޯ ކްއިންޓޭރޯ – ޕެނަމާ (38 އަހަރާއި 175 ދުވަސް)

ޖޯނީ ޕްލެސައިޑް – ހެއިޓީ (38 އަހަރާއި 133 ދުވަސް)

ނިކޮލަސް އޮޓަމެންޑީ – އާޖެންޓީނާ (38 އަހަރާއި 119 ދުވަސް)

ގަޓީޓޯ ފެނާންޑޭޒް – ޕެރަގުއޭ (38 އަހަރާއި 74 ދުވަސް)

ސްޓޮޕީރާ – ކޭޕް ވާޑޭ (38 އަހަރާއި 22 ދުވަސް)

މައިކަލް ބޮކްސަލް – ނިއުޒީލޭންޑް (37 އަހަރާއި 297 ދުވަސް)



ކިޔުންތެރިންގެ ހިޔާލު