ރަޔާން މެންޑޭޒް
ރަޔާން މެންޑޭޒް
ގާތްގަނޑަކަށް ބައި މިލިއަން މީހުންގެ އާބާދީއެއް އޮތް، އަދި ބިމުގެ ބޮޑުމިނުގައި އެންމެ 4،000 އަކަކިލޯމީޓަރު ހުރި ކޭޕްވާޑް އިން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ އެ ގައުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަޚުރުވެރި ކާމިޔާބީއެކެވެ.

1975 ވަނަ އަހަރު މިނިވަންކަން ލިބުމަށްފަހު، އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ދަތުރު ފެށުނީ 1978 ގައެވެ. އޭގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގައި ކުޅުންތެރިންނާއި ޓީމުތަކަށް ލިބުނު ތަޖުރިބާއާ އެކު، އެމީހުންގެ އުންމީދުތައް ދިޔައީ އިންތިހާއަށް އުފުލެމުންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ކޭޕްވާޑް ފުރަތަމަ ފަހަރަށް ކޮލިފައިވުމުން ދޭހަކޮށްދެނީ، އެ ގައުމުގެ ރައްޔިތުންނާއި ރަށުން ބޭރުގައި ދިރިއުޅޭ އެ ގައުމުގެ ދަރިކޮޅުގެ މީހުން ފުޓްބޯޅައިގެ ޒަރީއާއިން އެކުވެރިވެފައިވާ މިންވަރެވެ. ފަހަކަށް އައިސް، ތަފާތު އެކި ގައުމުތަކުގައި ދިރިއުޅޭ އެ ގައުމުގެ ދަރިކޮޅުގެ ކުޅުންތެރިން ގައުމީ ޓީމާ ގުޅެން ފެށުމަކީ ފުޓްބޯޅައިގެ ތެރެއިން ގައުމު ބިނާކުރުމަށް ލިބުނު ބޮޑު ބާރެކެވެ.

ކޯޗު ބުބިސްޓާގެ އިރުޝާދުގެ ދަށުން، ކޯޗިން ޓީމުން ވަނީ ވަރަށް ބެލެންސްޑް އަދި ކުޅުންތެރިންގެ މެދުގައި ވަރުގަދަ ގުޅުމެއް އޮތް ޓީމެއް ބިނާކޮށްފައެވެ. އެފްރިކާ ބައްރުގެ ކޮލިފައިންގައި ކޭޕްވާޑުން ދެއްކި ސާބިތުކަމާއި ވާދަވެރި ރޫހަކީ ގިނަ ދުވަސްތަކެއްގެ ރޭވުންތެރި މަސައްކަތުގެ ނަތީޖާއެވެ.

މީގެ ކުރީގެ މުބާރާތްތަކުގައި ވެސް އެ ގައުމުން ވަނީ އުންމީދީ ކުޅުމެއް ދައްކާފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕް ކޮލިފައިންގައި، އެފްރިކާގެ ގަދަބާރެއް ކަމަށްވާ ނައިޖީރިއާއާ ދެކޮޅަށް ފަހު ވަގުތާ ޖެހެންދެން ހިތްވަރާއެކު ވާދަކުރިއެވެ. ނަމަވެސް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލާގޯސްގައި ނައިޖީރިއާއާ 1-1 އިން އެއްވަރުވުމުން، އެ ފަހަރު ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލުނީއެވެ.

އޭރުގެ ޓީމުގައި ހިމެނުނު ބައެއް މުހިންމު ކުޅުންތެރިން ކަމަށްވާ ކެޕްޓަން ރަޔާން މެންޑޭޒް، ގޯލްކީޕަރު ވޮޒީނިއާ އަދި ޑިފެންޑަރު ރޮބާޓޯ ލޮޕޭޒް އަކީ މިހާރުގެ ކާމިޔާބު ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިންނެވެ. މި ކާމިޔާބީއަކީ ކުޅުންތެރިންނާއި، ކޯޗުން އަދި ސަޕޯޓަރުން ގުޅިގެން ކުރި މަސައްކަތުން، ދުނިޔޭގެ ފުޓްބޯޅައިގެ ޗާޓުގައި ކޭޕްވާޑްގެ ނަން ފަވާލުމަށް ލިބުނު ރަން ފުރުސަތެކެވެ. އެމީހުން އުތުރު އެމެރިކާއަށް ދަތުރުކުރާނީ، ހީނުކުރާ ފަދަ ނަތީޖާތަކެއް ނެރެ މުޅި ދުނިޔެ ހައިރާންކޮށްލުމުގެ އަޒުމުގައެވެ.

ޕެޑްރޯ ލެއިޓާއޯ ބްރިޓޯ ނުވަތަ އާންމު ނަމުން ނަމަ 'ބުބިސްޓާ' އަކީ ކޭޕްވާޑް ފުޓްބޯޅައިގެ ލީޑަޝިޕްގެ ރަމްޒެކެވެ. ކުރީގެ ކެޕްޓަން އަދި ޑިފެންޑަރު ބުބިސްޓާ ވަނީ އެންގޯލާ، ސްޕެއިން އަދި ޕޯޗުގަލްގެ ކްލަބްތަކަށް ކުޅެފައެވެ. އޭނާއަކީ އަބަދުވެސް ޓެކްޓިކަލް ގޮތުން މޮޅު، އަދި ޓީމު ރޫހަށް ވަރަށް ބޮޑަށް އިސްކަންދޭ ފަރާތެކެވެ. 2020 ވަނަ އަހަރު ހެޑް ކޯޗުގެ މަގާމާ ހަވާލުވީ، ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ދެކުނު ހުވަފެންތައް ހަގީގަތަކަށް ހަދައި، 'ބްލޫ ޝާކްސް' (ކޭޕްވާޑްގެ ލަގަބު) އާ އުސްމިންތަކަކަށް ގެންގޮސްދިނުމުގެ މަގްސަދުގައެވެ.

ބުބިސްޓާގެ އިރުޝާދުގެ ދަށުން ކޭޕްވާޑުން ވަނީ ހީނުކުރާ ފަދަ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އޭނާ ވަނީ ޓީމަކީ ބަލިކުރަން އުނދަގޫ، ޑިފެންސިވް ގޮތުން ވަރުގަދަ، އަދި ކައުންޓަ އެޓޭކުގައި ނުރައްކާތެރި ޓީމަކަށް ހަދާފައެވެ.

ކޭޕްވާޑްގެ 2026 ގެ ވޯލްޑް ކަޕް ތާވަލު:

15 ޖޫން: ސްޕެއިން - ކޭޕްވާޑް (އެޓްލާންޓާ ސްޓޭޑިއަމް)

21 ޖޫން: އުރުގުއޭ - ކޭޕްވާޑް (މިއާމީ ސްޓޭޑިއަމް)

26 ޖޫން: ކޭޕްވާޑް - ސައުދީ އަރަބިއްޔާ (ހިއުސްޓަން ސްޓޭޑިއަމް)

ކޯޗު ބުބިސްޓާގެ ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ކީޕަރު ވޮޒީނިއާ، ވިންގަރ ރަޔާން މެންޑޭޒް، ޑިފެންޑަރު ރޮބާޓޯ 'ޕީކޯ' ލޮޕޭޒް އަދި ކޮލިފައިންގައި މުހިންމު ގޯލުތަކެއް ޖެހި ފޯވާޑް ޑައިލޯން ލިވްރަމެންޓޯ ހިމެނެއެވެ.

ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރުމުގައި ކޭޕްވާޑުން އަމިއްލަ ދަނޑުގައި ދެއްކި މޮޅު ކުޅުން ބޮޑު ދައުރެއް އަދާކުރިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވިއިރު، ބައިކޮޅަށް އެއްވެސް ގޯލެއް ވަދެފައެއް ނުވެއެވެ. އެމީހުން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރީ ގައުމުގެ ވެރިރަށް ޕްރައިއާގައި އެސްވާޓިނީ އަތުން 3-0 އިން މޮޅުވެގެންނެވެ.

ކޭޕްވާޑުން ކޮލިފައިން ގްރޫޕުގެ އެއްވަނަ ހޯދީ ކެމަރޫން އަދި އެންގޯލާ ފަދަ ވަރުގަދަ ޓީމުތައް ފަހަތަށް ޖައްސާލުމަށްފަހުއެވެ. ގްރޫޕް ނިންމާލިއިރު އެމީހުން އޮތީ ދެވަނައިގައި އޮތް ކެމަރޫންއަށްވުރެ ހަތަރު ޕޮއިންޓް ކުރީގައެވެ.



ކިޔުންތެރިންގެ ހިޔާލު