ކީލިއަން އެމްބާޕޭ
ކީލިއަން އެމްބާޕޭ
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ، ފާއިތުވި ތިން އަހަރު ދުވަހު ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ނުފޫޒުގަދަ އެއް ބާރުގެ ގޮތުގައި އޮތް ފްރާންސުން ވާދަކުރާ 17 ވަނަ މުބާރާތެވެ. މިއީ ފްރާންސުން ވިދިވިދިގެން ވޯލްޑް ކަޕްގައި ވާދަކުރާ އަށްވަނަ ފަހަރެވެ. ފްރާންސުން ވަނީ 1998 އަދި 2018 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައެވެ.

ޑިޑިއޭ ޑެޝޯމްޕްގެ އިރުޝާދުގެ ދަށުން ނުކުންނަ ފްރާންސް ޓީމު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލާއިރު އެޤައުމުގެ އެންމެ ބޮޑު އަމާޒަކީ، ވިދިވިދިގެން ތިން ފަހަރު މުބާރާތުގެ ފައިނަލްގައި ކުޅުނު ޔޫރަޕްގެ ދެވަނަ ގައުމަށް ވުމެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ 1982 އާއި 1990 އާ ދެމެދު ހުޅަނގު ޖަރުމަނެވެ. މީގެ އިތުރުން، ގަތަރުގައި އާޖެންޓީނާ އަތުން ވީ ހިތްދަތި ބަލީގެ ހަނދާންތައް ފޮހެލުމަކީ ވެސް އުތުރު އެމެރިކާގައި ބާއްވާ މި މުބާރާތަށް ފްރާންސް ނުކުންނަ މުހިންމު ސަބަބެކެވެ.

ފްރާންސްގެ ވޯލްޑް ކަޕް ތާރީޚަށް ބަލާއިރު، 1998 ވަނަ އަހަރު ކެޕްޓަނެއްގެ ގޮތުގައި ތަށި އުފުލާލުމާއި، 2018 ވަނަ އަހަރު ކޯޗެއްގެ ގޮތުގައި ރަޝިޔާގައި ކާމިޔާބީ ހޯދައިދިނުމުގައި ޑެޝޯމްޕްގެ ދައުރު ވަރަށް ބޮޑެވެ. ކުރިއަށް އޮތް މުބާރާތަށްފަހު އޭނާ މަގާމުން ވަކިވާއިރު، ފްރާންސްގެ ކޯޗުކަމުގައި 14 އަހަރު ވޭތުކޮށްފައިވެއެވެ. މިއީ އޭނާގެ ރޭވުންތެރިކަމާއި، މޮޅުވުމުގެ ރޫހާއި، ޓީމު ގޮވައިގެން ކުރިއަށްދިއުމުގެ ހުނަރު ހުރި މިންވަރު ހާމަކޮށްދޭ ކަމެކެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް ކުއާޓާ ފައިނަލަށް ގެންގޮސްދިނުމަށްފަހު، އޭގެ ހަތަރު އަހަރު ފަހުން އޭނާ ވަނީ ފްރާންސަށް ދުނިޔޭގެ ތަށި ހޯދައިދީފައެވެ. މިއާއެކު އޭނާ ވެފައިވަނީ ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބުކުރި މަދު މީހުންގެ ތެރެއިން އެކަކަށެވެ. މި ޝަރަފު ދެން ލިބިފައިވަނީ ބްރެޒިލްގެ މާރިއޯ ޒަގާލޯ އަދި ޖަރުމަނުގެ ފްރާންޒް ބެކަންބާ އަށެވެ. ގަތަރުގައި ފްރާންސް ދެވަނައަށް ގެންގޮސްދިނުމަށްފަހު، ޑެޝޯމްޕްގެ އަމާޒަކީ ވިދިވިދިގެން ތިންވަނަ ފަހަރަށް ފައިނަލަށް ވާސިލްވާ ފުރަތަމަ ކޯޗުގެ ލަގަބު ހޯދުމެވެ.

ފްރާންސްގެ 2026 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖް މެޗުތައް:

16 ޖޫން: ފްރާންސް - ސެނެގޯލް (ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމް)

22 ޖޫން: ފްރާންސް - އިރާގު (ފިލަޑެލްފިއާ ސްޓޭޑިއަމް)

26 ޖޫން: ނޯވޭ - ފްރާންސް (ބޮސްޓަން ސްޓޭޑިއަމް)

މި މުބާރާތަށް ޑެޝޯމްޕް ނެގި ސްކޮޑުގައި އުސްމާން ޑެމްބެލޭ، ކީލިއަން އެމްބާޕޭ، މައިކަލް އޮލީސޭ އަދި ޒުވާން ތަރި ޑެސިރޭ ޑުއޭ ހިމެނެއެވެ. މީގެ އިތުރުން ޖީން-ފިލިޕް މަޓޭޓާ ވެސް ވަނީ އެނބުރި ޓީމަށް އައިސްފައެވެ.

ފްރާންސުން 2026 ގެ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރީ 13 ނޮވެމްބަރު 2025 ގައެވެ. އެ ރޭ ޔޫކްރޭން އަތުން 4-0 އިން ފްރާންސް މޮޅުވިއިރު، ކެޕްޓަން އެމްބާޕޭ ވަނީ ދެ ލަނޑު ޖަހާފައެވެ. ކޮލިފައިންގެ ހަ މެޗުން ވެސް ބަލިނުވެ ފްރާންސް ކުރިއަށް ދިޔައިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ 5 ލަނޑު ކާމިޔާބުކުރި އެމްބާޕޭއެވެ.

ފްރާންސްގެ ވޯލްޑް ކަޕް ތާރީޚަށް ބަލާއިރު، އެ ގައުމަކީ 1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގައި ވެސް ވާދަކުރި ގައުމެކެވެ. އެ މުބާރާތުގެ ފުރަތަމަ ލަނޑު ޖެހި ކުޅުންތެރިއަކީ ފްރާންސްގެ ލޫސިއަން ލޯރެންޓެވެ.

ފްރާންސްގެ ފުޓުބޯޅަ ތާރީޚުގައި ފާހަގަކޮށްލެވޭ ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި 1958 ވަނަ އަހަރު ޖަސްޓް ފޮންޓޭން އެއް މުބާރާތެއްގައި 13 ލަނޑު ޖަހައި ހެދި ރެކޯޑާއި، 1980 ގެ އަހަރުތަކުގައި މިޝޭލް ޕްލެޓިނީގެ ކާމިޔާބީތައް ހިމެނެއެވެ. އަދި ޒައިނުއްދީން ޒިދާންގެ ޒަމާނުގައި 1998 ވަނަ އަހަރު އަމިއްލަ ގައުމުގައި ތަށި އުފުލާލުން ވެސް ފާހަގަކޮށްލެވެއެވެ.

މިހާރުގެ ތަރި އެމްބާޕޭ ވަނީ ފާއިތުވި ދެ ވޯލްޑް ކަޕުން ޖުމްލަ 12 ލަނޑު ޖަހާފައެވެ. އޭނާއަށް 2026 ވަނަ އަހަރުގެ މުބާރާތުގައި ފޮންޓޭންގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު އެބައޮތެވެ. ފްރާންސް ޓީމަށް ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗު ކުޅެދީފައިވަނީ 20 މެޗު ކުޅުނު ގޯލްކީޕަރު ހޫގޯ ލޮރިސްއެވެ. ނަމަވެސް އެމްބާޕޭ (14 މެޗު) އަށް މި ރެކޯޑް ވެސް ކުރިއަށް އޮތް މުބާރާތުގައި އަމިއްލަ ނަމަށް ބަދަލުކުރުމުގެ ފުރުސަތު އެބައޮތެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް