ސިވިލް ކޯޓު
ސިވިލް ކޯޓު
ސިވިލް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމުތަކަށް ތިން ބޭފުޅަކު އައްޔަނުކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުޞަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ޖޭއެސްސީން ކުރި އިޢުލާނުގައި ވަނީ، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހުންނަށްވާން ޖެހޭނެ ކަމަށެވެ. އަދި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ މި ދެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު، ޤާނޫނީ ވަކީލުކަން ނުވަތަ ފަނޑިޔާރުކަމުގެ މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ.

މީގެ އިތުރުން، ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ސުންނީ ޖަމާޢަތުގެ މުސްލިމަކު ކަމުގައިވުމާއި، ބުއްދި ސަލާމަތުން ހުރި މީހަކަށް ވާންޖެހެއެވެ. އަދި ސިޔާސީ މަޤާމެއް ފުރާ މީހަކަށް ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމުގެ އިތުރުން، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.

އިތުރު ޝަރުތުތަކުގެ ތެރޭގައި، ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ ބަދުއަޚުލާޤީ ޢަމަލެއް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި، އެ ޙުކުމް ތަންފީޒުކޮށް ނިމުނުތާ ހަތް އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 59،000 އަށްވުރެ ގިނަ ރުފިޔާ ލިބޭނެއެވެ. އޭގެ ތަފްސީލަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 37،700 ރުފިޔާ، ލިވިން އެލަވެންސްގެ ގޮތުގައި 18،000 ރުފިޔާ އަދި ރިސްކު އެލަވެންސްގެ ގޮތުގައި 3،300 ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރުންގެ ޤާނޫނާ އެއްގޮތަށް މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވެންސް ވެސް ލިބޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ ލިޔެކިޔުންތަކާއެކު، ޖުލައި މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޖޭއެސްސީގެ ރަސްމީ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު