އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލް
އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) މަޖިލީހުގެ ތަޅުމުގައި އަމަލުކުރަށްވާ ގޮތް ބެލުމަށްފަހު ނޫނީ މަޖިލީހުގެ ރަނގަޅު ކޮމިޓީއަކުން ޖާގަ ނުދެވޭނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ވިދާޅުވަމުންދާ ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ދޫކޮށްލެވެން ނޯންނާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާގެ ބޭރުގައި މިއަދު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިލް ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ސޯބެ "ޕަރފޯމް" ކުރަށްވާ ގޮތް ނުވަތަ އަމަލުކުރައްވާ ގޮތް ބެލުމަށްފަހު ނޫނީ ކޮމިޓީއަކުން ޖާގަ ނުދެވޭނެ ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން އެދޭ ނުވަތަ އެބޭފުޅުން ރުހޭހާ ގޮތަކަށް މަޖިލީހުގައި ސޯބެ އަމަލުކުރަށްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދާއި އުސޫލުތަކަށް ރިއާޔަތްކުރާއިރު، މަޖިލީހުގެ ރޭޝިއޯ އޮންނަ ގޮތުން އިދިކޮޅު އެމްޑީޕީއަށް އިތުރު ދެ ކޮމިޓީއަކުން ޖާގަ ލިބެންޖެހޭނެ ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ޖާގަ ދީފައިވަނީ މަޖިލީހުގެ މަސައްކަތްތައް އެންމެ މަދުން ހިނގާ އަދި އެންމެ ހަރަކާތްތެރިކަން ކުޑަ ދެ ކޮމިޓީން ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މައިނޯރިޓީއަށް ލިބެންޖެހޭ ހައްގުތަކަށް އަރައިގަތުން ކަމަށްވެސް ނާޒިލް ސިފަކުރެއްވިއެވެ.

ހަމައެއާއެކު ނާޒިލް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އޮތް ނަމަވެސް ސަރުކާރު ހިންގާ ޕާޓީއަށް ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށާއި، އުސޫލުގެ ތެރެއިން އިދިކޮޅު މެމްބަރުންނަށް ލިބެންޖެހޭ ހައްގުތަކެއް އޮންނާނެ ކަމަށެވެ.

"މައިނޯރިޓީއަށްވެސް ފުރުސަތު ދޭންޖެހޭނެ، ނަމަވެސް ފެންނަނީ ޖެއްސުން ކުރާތަން. އެހެންވީމާ އަޅުގަނޑުމެންވެސް ދޫދޭކަށް ނެތިން. ބޭނުންހާ ގޮތެއް ނުހެދޭނެ، އަޅުގަނޑުމެންނަށްވެސް އުސޫލުގެ ތެރެއިން ލިބެންޖެހޭ ޙައްޤުތަކެއް އޮންނާނެ." ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިލް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި އެންވަޔަރމަންޓް ކޮމިޓީން އެމްޑީޕީއަށް ޖާގަ ދޭނެ ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، މިހާރު ފެންނަނީ އެ ފުރުސަތު ނުދީ ހިފަހައްޓަން އުޅޭ މަންޒަރު ކަމަށެވެ. އަދި މިކަމާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖު ކުރުމުން، މުޅި އެމްޑީޕީގެ ޕީޖީ ގްރޫޕު މިއަދު މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ތެރެއިން އިދިކޮޅު މެމްބަރުންނަށް ޖެއްސުން ކުރަމުންދާ ދިއުމުގައި އެމްޑީޕީން ދޫދޭން ބޭނުން ނުވާ ކަމަށާއި، ހައްގުތައް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ނާޒިލް ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު