ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސީޝެލްސްގެ ޢާންމު އިންތިޚާބު ކާމިޔާބުކުރަށްވައި އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ރައީސް ވަވެލް ރަމްކަލަމަން އަށާއި، ނައިބުރައީސް އަޙްމަދު އަފީފަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނު ފޮނުއްވި މެސެޖުގައި އިންތިޚާބީ ރައީސް ވަވެލް ރަމްކަލަމަން އަދި އެމަނިކުފާނު ތަމްސީލުކުރައްވާ ލިންޔޮން ޑިމޮކްރަޓިކް ސެސެލްވާ (އެލް.ޑީ.އެސް) ޕާޓީން ސީޝެލްސްގެ ޢާންމު އިންތިޚާބުގައި ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި،ރާއްޖެއާ ސީޝެލްސް އަކީ ވެސް އިންޑިޔާ ކަނޑުގައިވާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމުކަމުގައި ވާތީ، ދެ ޤައުމުން ވެސް އަހައްމިއްޔަތުކަންދޭ އެއްގޮތް ކަންތައްތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަމާއި، ޤުދުރަތީ ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަށް ކުޑަކުރުން، އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.



މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި މި މައްސަލަތައް ޙައްލުކުރުމަށް އަޑުއުފުލުމުގައި ދެޤައުމުން ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކުރައްވައި، ސީޝެލްސްގެ އަލަށް އިންތިޚާބުވެވަޑައިގެންނެވި ރައީސްގެ ޒަޢާމަތުގައި ވެސް ދެ ޤައުމުގެ ސަރުކާރުން ގުޅިގެން މިގޮތުގައި މަސައްކަތްކުރާނެކަމުގައި އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ސީޝެލްސްގެ އައު ރައީސްއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގަންނަވަމުންނެވެ.

ރައީސް ޞާލިޙް ސީޝެލްސްގެ ރައީސް އާއި ނައިބު ރައީސް އަށް މަރުޙަބާ ފޮނުއްވާފައި ވާއިރު، ރައީސް ވަވެލްގެ ނައިބުކަމަށް އިންތިޚާބުވެފައިވަނީ އައްޑޫ ހިތަދޫ އެޅެދީދީގެ ޢަލީ ދީދީގެ ޢަބްދުﷲ ޢަފީފް ދީދީ އާއި ގަނޑަވަރި އަނީސާ ޢަލީ ދީދީގެ އަޙްމަދު އަފީފެވެ. ސީޝެލްސްގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓް ވެވެލް ރަމްކަލަވަން އާއި ރަނިންމޭޓް އަޙްމަދު އަފީފް އިންތިޚާބު ކާމިޔާބު ކުރެއްވީ 54.9 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން