ރަސްފަންނުގައި އެމްޕީއެލް އިން ތަރައްގީކުރި ފާހާނާބަރި މިނިސްޓްރީއާ ހަވާލުކުރުން؛ ފޮަޓޯ: އެމްޕީއެލް
ރަސްފަންނުގައި އެމްޕީއެލް އިން ތަރައްގީކުރި ފާހާނާބަރި މިނިސްޓްރީއާ ހަވާލުކުރުން؛ ފޮަޓޯ: އެމްޕީއެލް
މާލޭގެ ރަސްފަންނު ސަރަހައްދު ބޭނުންކުރާ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ތަރައްޤީކުރި ފާޚާނާބަރީގެ މަސައްކަތް ނިންމައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ ހަވީރު ރަސްފަންނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެމް.ޕީ.އެލްގެ ފަރާތުން މި ފާޚާނާބަރި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު މުޢީންއެވެ. ސަރުކާރުގެ ފަރާތުން މި ތަނާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިސްމާޢީލް ޙަމީދުއެވެ.

މި މަޝްރޫޢަކީ ހައުސިންގ މިނިސްޓްރީގެ އެދިލެއްވުމުގެ މަތިން، އެމް.ޕީ.އެލްގެ އިޖުތިމާއީ ޒިންމާ (ސީ.އެސް.އާރް) ގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ. މިއީ ރަސްފަންނަށް މޫދަށް އެރޭ މީހުންނާއި، އެ ސަރަހައްދުގައި ހިތްއުފާކޮށްލުމަށް ވަގުތު ހޭދަކުރާ އާންމު ރައްޔިތުންނަށް ދިމާވެފައިވާ ފާޚާނާގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

ރަސްފަންނުގައި އެމްޕީއެލް އިން ތަރައްގީކުރި ފާހާނާބަރި، ފޮޓޯ: އެމްޕީއެލް


މިއީ އެމް.ޕީ.އެލްގެ އަމިއްލަ މުވައްޒަފުންގެ ފަންނުވެރިކަމާއެކު ނިންމާފައިވާ ތަނެއް ކަމަށް އެމްޕީއެލްއިން ބުނެއެވެ. އެގޮތުން، މި ތަނުގެ ޑިޒައިން ތައްޔާރުކޮށްފައިވަނީ އެމް.ޕީ.އެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓުންނެވެ. އަދި އަމަލީ ގޮތުން އިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންގޮސްފައިވަނީ އެ ކުންފުނީގެ ފެސިލިޓީ ޑިޕާޓްމަންޓުގެ މުވައްޒަފުންނެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ފާޚާނާބަރީގައި ދެ ފާޚާނާއާއި ފެންވަރާނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދީގެން، ވީލްޗެއަރގައި އުޅޭ މީހުންނަށާއި ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެހެން މި ތަން ވަނީ ފަރުމާކޮށްފައެވެ.

އެމް.ޕީ.އެލްއިން ހާމަކުރި ގޮތުގައި، ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރައްޔިތުންނަށް ސީދާ ގޮތުން ލުއިފަސޭހަކަން ލިބޭނެ މިފަދަ މަޝްރޫޢުތައް ހިންގުމަކީ އެ ކުންފުނިން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް