ތިލަފުށީ ޕޯޓު
ތިލަފުށީ ޕޯޓު
ތިލަފުށީގައި ތަރައްޤީކުރަމުންދާ އައު ވިޔަފާރި ބަނދަރުގެ 375 މީޓަރުގެ އިންޓަރނޭޝަނަލް ކީ ވޯލް ނިމުމުން އެއްފަހަރާ ބޭރުގެ ދެ ކޮންޓޭނަރު ބޯޓު ކައިރިކުރެވޭނެ ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ވިޔަފާރި ބަނދަރުގެ ޖާގައާއި ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އަދި މި އަހަރުގެ މިނިވަން ދުވަހުގެ ޚިޠާބުގައިވެސް ފާހަގަކުރެއްވި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަކީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް މަޝްރޫޢެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެމްޕީއެލްއިން ވަނީ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މާލޭ ވިޔަފާރި ބަނދަރުގައި މިހާރު ބޭނުންކުރަމުން އަންނަނީ 1997 ވަނަ އަހަރު، ރައީސް މައުމޫނުގެ ވެރިކަމުގައި ހަދާފައިވާ 101 މީޓަރުގެ ކުރު ކީ ވޯލެކެވެ. 1995 ވަނަ އަހަރު އެ ބަނދަރަށް ބާލާފައިވަނީ އަހަރަކު 7،480 ކޮންޓެއިނަރެވެ. ނަމަވެސް، 2023 ވަނަ އަހަރު އެ އަދަދު ވަނީ 102،720 އަށް އަރައި، 1140 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ރެކޯޑުކުރެވިފައެވެ. މިހާރު މާލޭ ބަނދަރަށް އޮބިނޯންނަ ވަރަށް ރާއްޖެއަށް މުދާ އިމްޕޯޓްކުރަން ޖެހިފައިވާއިރު، ޖާގައިގެ ދަތިކަމުގެ ސަބަބުން ބޭރުގެ އާގުބޯޓުފަހަރު ބަނދަރު ނުކުރެވި ގިނަ ދުވަސްވެ، ވޭތުވެދިޔަ 4-5 އަހަރު ރާއްޖެއަށް ގެންނަ މުދާތައް ސްރީލަންކާގެ ޕޯޓުތަކުގައި 2-3 މަސްވަންދެން މަޑުކުރަން ޖެހޭ ކަމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުންނެވެ. މީގެ ސަބަބުން ވިޔަފާރިތަކުގެ ޕްރޮޖެކްޓްތައް ލަސްވެ، ޖޫރިމަނާތަކާ ކުރިމަތިލާންޖެހުމާއި، ހިކި ކާބޯތަކެތި ހަލާކުވުމުގެ ގެއްލުންތައް ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެއެވެ.

މީގެ އިތުރުން މުދާ ގެނައުމުގައި ނަގާ ނާލުގެ އަގުވެސް އިންތިހާއަށް ވަނީ އުފުލިފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ. މިހާރު ލަންކާއިން މާލެއަށް 20 ފޫޓުގެ ކޮންޓެއިނަރެއްގެ ނާލަކީ 1300 ޑޮލަރެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް 2500 ޑޮލަރު އަރާއިރު، މިއީ ލަންކާއާއި ދުބާއީއާ ދެމެދު 40 ފޫޓުގެ ކޮންޓެއިނަރަކަށް ނަގާ 800 އާއި 1500 ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. ބަނދަރަށް މުދާ ބޭލުމުގައި ލަސްވުމުގެ ސަބަބުން ދިވެހިންގެ އަތުން އިސްރާފުވާ ނާލުގެ ސަބަބުން މުދަލުގެ އަގު އުފުލި، އޭގެ ބުރަ އުފުލަންޖެހެނީ އާންމު ރައްޔިތުންނަށެވެ.

ވިޔަފާރިވެރިންގެ މި ކަންބޮޑުވުންތަކާ ގުޅިގެން "ރަސް އޮންލައިނަށް" މަޢުލޫމާތު ދެމުން އެމްޕީއެލްއިން ބުނެފައިވަނީ، ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ތިލަފުށީގައި ތަރައްޤީކުރަމުންދާ އައު ވިޔަފާރި ބަނދަރުގެ މަސައްކަތް ނިމުމުން ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމުމަށް އަމާޒުހިފާފައިވާ ތިލަފުށީ ބަނދަރުގައި ބޭރުގެ ބޯޓުފަހަރަށް ޚާއްޞަކޮށް 15 މީޓަރުގެ ފުންމިނުގައި އަޅާ 375 މީޓަރުގެ ކީ ވޯލްއަކާއި، ރާއްޖެތެރޭގެ މުދާ އުފުލާ އުޅަނދުތަކަށް 5 މީޓަރުގެ ފުންމިނުގައި އަޅާ 820 މީޓަރުގެ ކީ ވޯލެއް ހިމެނޭ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.

މި އައު ބަނދަރާއެކު ލިބޭނެ މުހިންމު ފަސޭހަތަކާއި ވަސީލަތްތަކުގެ ތެރޭގައި މިހާރު މާލޭގައި ބޯޓުގެ ކްރޭނުން ނަގާ ވަގުތު ކުޑަކުރުމަށްޓަކައި، ތިލަފުށީ ބަނދަރުގައި ގެންޓްރީ ކްރޭނާއި މޯބައިލް ހާބަރ ކްރޭން ގާއިމުކުރެވޭނެއެވެ. މި ބަދަލާއެކު މިހާރު މުދާ ބޭލުމަށް ނަގާ 14 ދުވަސް 7 ދުވަހަށް ކުޑަކުރެވޭނެއެވެ.

ހަމައެއާއެކު އޮޕަރޭޝަންތައް ބޮޑަށް އޮޓޯމޭޓް ކުރެވޭތީ އިތުރު މުވައްޒަފުން ނުނަގައި، މިހާރު ތިބި މުވައްޒަފުންގެ ކެޕޭސިޓީން މަސައްކަތް ކުރިއަށް ގެންދިއުމަކީ އަމާޒެއް ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.

ހަމައެހެންމެ، އެކި ފެންވަރުގެ މުވައްޒަފުންނަށް އެކަށީގެންވާ އެކޮމޮޑޭޝަން ބްލޮކްތަކާއި، ކެއިންބުއިމުގެ އިންތިޒާމާއި، އިދާރީ އޮފީސްތަކާއި، ތަމްރީނު ސެންޓަރުތަކާއި، އިންޑޯ އަދި އައުޓްޑޯ މުނިފޫހިފިލުވުމުގެ ވަސީލަތްތަކުގެ އިތުރުން އިމަޖެންސީ ސިއްހީ ފަރުވާއާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ނިޒާމުތައް ބަނދަރުގައި ގާއިމުކުރުމަށް އެމްޕީއެލް އިން ވަނީ ޕްލޭން ކޮށްފައެވެ.

އޭގެއިތުރުން މުދާ ބާލައިގެން ސްޓޯރޭޖް ސްޓެކަށް ގެންދިއުމަށްފަހު، އެފް.ސީ.އެލް އަދި އެލް.ސީ.އެލް މުދާ ސީ.އެފް.އެސްއަށް ގެންދިއުމުގެ ކުރިން އެކްސްރޭ މެޝިނުން ސްކޭންކޮށް، ކަސްޓަމްސް ކްލިއަރެންސް ހަލުވިކަމާއެކު ނިންމައި އެޖެންޓުންގެ އުޅަނދުތަކަށް އަވަހަށް ބަރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އެމްޕީއެލް އިން މަޢުލޫމާތު ދީފައިވެއެވެ.

އެމްޕީއެލް އިން ބުނީ މި މަޝްރޫޢަކީ ދިގު މުއްދަތަކުން އަނބުރާ ދައްކާ ގޮތަށް ނަގާ ދަރަންޏަކުން ހިންގާ މަޝްރޫޢެއް ކަމަށެވެ. އަދި އެކުންފުންޏަކީ ސައްތައިން ސައްތަ ދިވެހި ދައުލަތުގެ ކުންފުންޏަކަށް ވެފައި، ބަނދަރުގެ ހިންގުން ހަލުވިވެގެން ދިއުމަކީ ނާލުގެ ޚަރަދު ކުޑަވެ، އޭގެ ޙަޤީޤީ ލުއިފަސޭހަކަން ރައްޔިތުންގެ ޖީބަށް އިޙްސާސްވެގެންދާނެ ކަމެއް ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު