ކ. ކާށިދޫ، ހެޕީނައިޓް، އަހުމަދު އަންވަރު
ކ. ކާށިދޫ، ހެޕީނައިޓް، އަހުމަދު އަންވަރު
ދަރިންނަށް ޚަރަދު ނުދޭ މައްސަލައެއްގައި ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުން ކާށިދޫ މީހަކު ޖަލަށް ލުމަށް ހުކުމްކޮށް، އޭނާގެ ވަނަވަރާއި ފޮޓޯ މިއަދު އާންމުކޮށްފިއެވެ.

ލަންދޫ މެޖިސްޓްރޭޓް ކޯޓުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ދަރިންނަށް ޚަރަދު ނުދޭ މައްސަލައިގައި ކ. ކާށިދޫ، ހެޕީނައިޓް، އަހުމަދު އަންވަރުގެ މައްޗަށް ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އެގޮތުން ކޯޓުގެ އަމުރާ އެއްގޮތަށް ޚަރަދު ދީފައިނުވާތީ، ތަންފީޒީ ފިޔަވަޅެއްގެ ގޮތުން އޭނާ ދެ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ވަނީ އަމުރުކޮށްފައެވެ.

ލަންދޫ ކޯޓުން ބުނެފައިވަނީ އޭނާގެ ވަނަވަރާއި ފޮޓޯ އާންމުކޮށްފައިވަނީ އާއިލާއާ ބެހޭ ގަވައިދުގެ 55 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެ މާއްދާގައި ވާގޮތުން، ދަރިންގެ ޚަރަދު ނުދޭ މީހުންނާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

އޭގެ ތެރޭގައި ކޯޓުގެ ހުއްދަނެތި ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓު ހިފެހެއްޓުމާއި، ބޭންކް އެކައުންޓްތައް ބަލައި ޗެކްކުރުމަށްފަހު އެކައުންޓުތައް ފްރީޒް ކުރުން ހިމެނެއެވެ. އަދި އޭނާގެ މުދަލެއް ކުއްޔަށް ދޫކޮށްފައިވާނަމަ އެ މުދަލެއް ކޯޓުގެ ބެލުމުގެ ދަށަށް ގެނައުމާއި، އެފަދަ ފަރާތްތަކުގެ މައުލޫމާތާއި ފޮޓޯ އާންމުކޮށް ޝާއިއުކުރުމުގެ ބާރު ވެސް ކޯޓުތަކަށް ވަނީ ލިބިދީފައެވެ.

ދަރިންނަށް ޚަރަދުނުދޭ މީހުންގެ ފޮޓޯ އާއި ވަނަވަރު އެންމެ ފުރަތަމަ އާންމުކުރަން ފެށީ ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުންނެވެ. ރާއްޖޭގައި ކައިވެނި ރޫޅުމަށްފަހު ދަރީންގެ ޚަރަދަށް ކަނޑައަޅާ ފައިސާގެ މިންވަރު ކުޑަވުމާއި، ކޯޓުން ހުކުމް ކުރުމުންވެސް ގަވާއިދުން ފައިސާ ނުދެއްކުމަކީ މުޖުތަމައުގައި ޒަމާނުއްސުރެ ހައްލުނުވެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު