އިސްރާއީލުގެ އަނިޔާވެރިންގެ ޒަހަމްކޮށްފައިވާ ފަލަސްތީނުގެ އުމުރުން ދުވަސްވީ މީހެއް:
އިސްރާއީލުގެ އަނިޔާވެރިންގެ ޒަހަމްކޮށްފައިވާ ފަލަސްތީނުގެ އުމުރުން ދުވަސްވީ މީހެއް:
ޣައްޒާގެ ސުންނާފަތިވެފައިވާ މަގުތަކުން މިއަދުވެސް ފެންނަމުންދަނީ ހިތްފަޅައިގެންދާ ފަދަ އިންސާނީ ބޮޑު މުސީބާތުގެ މަންޒަރުތަކެވެ. ވެއްޓިފައިވާ ފާރުތަކުގެ ދަށުންނާއި މަގުމަތިން ފުރާނަ ނެތި ވެއްޓިފައި އެވަނީ ކޮންމެވެސް ލޯބިވާ މައެއްގެ ފުރާނައެވެ؛ އަޅައިލާނެ ލޯބިވާ ބައްޕައެއް ނެތް ކުށެއްނެތް ކުޑަކުއްޖެކެވެ؛ ނުވަތަ މުޅި އާއިލާގެ އުންމީދެވެ.

އިންސާނިއްޔަތުކަމުގެ މިނގަނޑުން ބެލިޔަސް އަދި އިސްލާމީ އުޚުއްވަތްތެރިކަމުގެ ނަޒަރުން ކިރިޔަސް، އެއީ ހަމަ އަޅުގަނޑުމެންގެ ލެއާ ގުޅިފައިވާ އަޚުންނާއި އުޚްތުންނެވެ. ނަމަވެސް، ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ކުޑަވެ، މުޅި ދުނިޔޭގެ ލޯތައް މި ލޭއޮހޮރުވުމުގެ މަންޒަރުތަކަށް ފަރިތަވެ، އާދައިގެ ކަމަކަށް ވެގެންދިއުމަކީ ހިތާމައިގެ އިންތިހާއެވެ. 2023 ވަނަ އަހަރު މި ލާއިންސާނީ ޢުދުވާން ފެށިގެން އައިއިރު ދުނިޔޭގެ ހިތްތަކުގައި އުފެދުނު ރިހުމާއި ކަންބޮޑުވުން، މިއަދުވެސް އެއްވެސް އުނިކަމެއްނެތި ދެމިއޮންނަން އެބަޖެހެއެވެ.

ދުނިޔޭގެ މަސްރަޙުގައި ޣައްޒާއާ މެދު އަޑުއުފުލުންތައް މަޑުޖެހި، ޚަބަރުތަކުގެ ފަލަސުރުޚީތަކުން އެ އަޑުތައް ފަނޑުވަމުން ދިޔަޔަސް، އެ ބިމުގައި ދިރިއުޅޭ ކުށެއްނެތް ރައްޔިތުން ތަޙައްމަލުކުރަމުންދާ އަނިޔާއާއި ވޭނަކަށް އެއްވެސް ލުޔެއް ނުލިބެއެވެ. ބަނޑުހައިހޫނުކަމުގެ ހިތިކަމާއި، ބޯފެނާއި ބޭސްފަރުވާއަށް ޖެހިފައިވާ ނިކަމެތިކަމާއި، ބޯމައްޗަށް ވެހެމުންދާ އަލިފާނުގެ ބޮންތަކުގެ ބިރުވެރިކަން އޮތީ ހަމަ އެ ގޮތުގައެވެ. ނޫން، އެއަށްވުރެވެސް މާ ހިތްދަތި ހާލަތެއްގައެވެ. ދުނިޔޭގެ ހިމޭންކަމަކީ އެ އަނިޔާވެރިކަން ހުއްޓުނު ކަމުގެ ހެއްކެއް ނޫނެވެ؛ އެއީ އިންސާނީ ޒަމީރު މަރުވަމުންދާ ކަމުގެ ހިތި ހަޤީޤަތެކެވެ.

މުސްލިމުންނަކީ އެއް ހަށިގަނޑެއް ފަދަ ބައެކެވެ. ހަށިގަނޑުގެ އެއް ގުނަވަނުގައި ރިއްސައިފިނަމަ، މުޅި ހަށިގަނޑު އެ ވޭނުގައި ބައިވެރިވާންޖެހެއެވެ. އެހެންކަމުން، ހަމައެކަނި ދުލުން ބުނެލާ ހަމްދަރުދީގެ ބަސްތަކުން ފުއްދާނުލައި، އެއީ ޢަމަލީ ވާޖިބަކަށް ހަދަންޖެހެއެވެ. ޣައްޒާގެ އަޚުންނާއި އުޚްތުންގެ ކަރުނަތައް ހަނދާންނައްތައިނުލައި، އެމީހުންގެ ޙައްޤުގައި އަޑުއުފުލުމާއި، ކެނޑިނޭޅި ދުޢާކުރުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ މުޅި އިސްލާމީ އުންމަތުގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އިންސާނީ ބޮޑު މަސްއޫލިއްޔަތެކެވެ. އެމީހުންގެ ހައްޤުގައި އަޅުގަނޑުމެން ހަނުތިބެއްޖެނަމަ، މާދަމާ މާތް ﷲ ގެ ޙަޟްރަތުގައި ދައްކާނެ ޢުޛުރެއް ނޯންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް