ބީއެމްއެލްއިން ބޭއްވި މައުލޫމާތު ސެޝަންގެ ބައިވެރިން، ފޮޓޯ: ބީއެމްއެލް
ބީއެމްއެލްއިން ބޭއްވި މައުލޫމާތު ސެޝަންގެ ބައިވެރިން، ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންހެން ދަރިވަރުންނަށް ޚާއްޞަކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމް، ށަވިޔަނި އަތޮޅުގެ ދެ ސްކޫލެއްގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ށ. ފުނަދޫ ސްކޫލް އަދި ށ. މިލަންދޫ ސްކޫލްގެ ގްރޭޑް 7 އިން 10 އާ ދެމެދު ތަޢުލީމު ހާސިލުކުރަމުންދާ އަންހެން ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްދީފައިވަނީ ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޜަންގައި މަސައްކަތްކުރާ 10 އަންހެން މުވައްޒަފުންގެ ޓީމަކުންނެވެ.

މި ސެޝަންތަކުގައި ދަރިވަރުންނަށް އައިސީޓީގެ ދާއިރާ ތަޢާރަފުކޮށްދިނުމުގެ އިތުރުން، ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށްދާން ހުރި ވަޒީފާގެ ފުރުޞަތުތަކާއި، މި ދާއިރާގެ މުހިންމުކަމާ ގުޅޭގޮތުން އަގުހުރި މަޢުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ. އަދި ޓެކްނޮލޮޖީގެ ދާއިރާއަކީ އަންހެނުންނަށްވެސް ފަހި، ގިނަ ފުރުޞަތުތަކެއް އޮތް ދާއިރާއެއްކަން ދަރިވަރުންނަށް އޮޅުންފިލުވައިދީފައިވެއެވެ.

މި ހަރަކާތަކީ ކޮންމެ އަހަރަކުވެސް ފާހަގަކުރާ "އިންޓަނޭޝަނަލް ގާރލްސް އިން އައިސީޓީ ޑޭ" އާ ގުޅުވައިގެން، ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތަކަށް އަންހެން ކުދިން ޝައުޤުވެރިކުރުވައި، އެ ދާއިރާއަށް ބާރުއެޅުމުގެ މާތް މަޤްޞަދުގައި ބީއެމްއެލް އިން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ ޤައުމީ ބޭންކުން މި ޕްރޮގްރާމް މެދުކެނޑުމެއްނެތި، ޖެހިޖެހިގެން ބޭއްވި ހަތަރުވަނަ އަހަރެވެ.

އައިސީޓީއާ ގުޅޭ އިންފޮމޭޝަން ސެޝަން، ފޮޓޯ: ބީއެމްއެލް


މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް މަރުޙަލާގައި ކިޔަވަމުންދާ އަންހެން ދަރިވަރުންގެ މެދުގައި ޓެކްނޮލޮޖީގެ ދާއިރާއަށް އޮންނަ ޝައުޤުވެރިކަން އިތުރުވެ، ކުރިމަގުގައި އެ ދާއިރާއިން ޤާބިލު އަންހެން ލީޑަރުން އުފެދިގެން ދިއުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް