ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ހުޅުމާލެ ފޭސް ދޭއްގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދިވެހި ފިރިހެނެއްގެ ސިކުނޑިއަށް ލޭއެޅި، އޮޕަރޭޝަނަކަށް ފަހު ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ އުމުރުން 62 އަހަރުގެ ދިވެއްސަކަށެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އޯގަސްޓް މަހުގެ 31 ވީ ހޮނިހިރު ދުވަހުގެ ހެނދުނު 07:36 ހާއިރުއެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސް މަގާއި ހީނާމާ ހިނގުން ގުޅޭ ކަންމަތީގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން 62 އަހަރުގެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބި ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.

އަނިޔާވި މީހާގެ އާއިލާއާ ހަވާލާދީ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެކްސިޑެންޓުގެ ސަބަބުން އޭނާގެ ސިކުނޑީގެ ކަނާތް ފަޅިއަށް ވަނީ ވަރަށް ބޮޑަށް ލޭއެޅިފައެވެ. އެހެންކަމުން، ލިބުނު އަނިޔާގެ ސީރިއަސްކަމުން ހަމަ އެ ދުވަހު އޭނާގެ ބޮލުގެ ކުއްލި އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި، މިހާރު އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫ ގައި ދަނީ ވެންޓިލޭޓަރުގެ އެހީގައި އިތުރު ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ދެ އުޅަނދުގެ ތެރެއިން އެއްވެސް އުޅަނދަކުން ޓްރެފިކް ޤަވާއިދުތަކާ ޚިލާފުވެފައިވޭތޯ ބެލުމަށްޓަކައި، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު