ފޮޓޯ: ސިޓީ ކައުންސިލް
ފޮޓޯ: ސިޓީ ކައުންސިލް
މާލޭގެ މަގުތަކުގެ ކަންކަން މަތީގައި ވެހިކަލް ޕާކުކުރުން ހުއްޓުވުމަށްޓަކައި، ޕާކުކުރުން މަނާކަން އަންގައިދޭ ނިޝާންތައް ކުރެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން އިއްޔެ ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިއީ މާލޭގެ މަގުތަކުގެ ކަންކަންމަތީގައި އުޅަނދުފަހަރު ޕާކުކުރުމުގެ ސަބަބުން ދިމާވާ ޓްރެފިކް ތޮއްޖެހުމުގެ ބޮޑު މައްސަލަ ހައްލުކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ފެށި މަސައްކަތެއް ކަމަށެވެ.

އެގޮތުން މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މ. ފުލޫނިޔާ މަގާ ގުޅިފައިވާ ގޯޅިތަކުގެ ކަންމަތިތަކުގައި ޕާކުކުރުން މަނާ ސަރަހައްދުތައް ފާހަގަކުރުމެވެ. އަދި އެ ސަރަހައްދުތަކަކީ ޕާކުކުރުން މަނާ ތަންތަންކަން އަންގައިދިނުމުގެ ގޮތުން ރީނދޫ ކުލައިގެ ދެ ރޮނގު ވަނީ ދަމާފައެވެ.

މިކަމާ ގުޅޭގޮތުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން މަގުތައް ވަރަށް ބޮޑަށް ތޮއްޖެހެމުންދާ ކަމަށެވެ. އަދި މިގޮތަށް ރީނދޫ ރޮނގު ދަމައި ފާހަގަކުރުމުން އެ ތަންތަނުގައި ޕާކު ނުކުރެވޭނެ ކަމަށާއި އެއީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށްވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މި ފެށުނު މަސައްކަތަކީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެއުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ފަސޭހަ، އަދި އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މާލޭގެ އެކި ސަރަހައްދުތަކުގެ ކަންކަންމަތީގައި މިގޮތަށް ރޮނގު ދެމުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު