ކުށުގެ ވެށީގައި އުޅުމުން ޑީޕޯޓުކުރޮ ބިދޭސީ މީހާ
ކުށުގެ ވެށީގައި އުޅުމުން ޑީޕޯޓުކުރޮ ބިދޭސީ މީހާ
ކުށުގެ ވެށީގައި އުޅުމުގެ ސަބަބުން ރާއްޖެއިން ޑީޕޯޓުކޮށްލާފައިވާ އިންޑިއާ މީހަކު، ދިވެހި ބައެއް ކަސްޓަމަރުންނަށް ގުޅައި އުނދަގޫކުރަމުންދާތީ އެކަމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އޭނާ މަސައްކަތްކުރި ފިހާރައިން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން، އޭނާ މަސައްކަތް ކުރި 'އެބްރަޒޯސް' ފިހާރައިން ހާމަކުރި ގޮތުގައި، އެތަނުގައި މަސައްކަތްކުރި އަޖޭ ކުމާރު ނަމަކަށް ކިޔާ އިންޑިއާ މީހަކު މި ފަހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ރާއްޖެއިން ފޮނުވާލާފައެވެ. އޭނާ ޑީޕޯޓުކޮށްލީ ވައްކަމާއި މާރާމާރީގެ މައްސަލަތަކެއްގައެވެ.

އެ ފިހާރައިން ބުނީ، އަޖޭ އެތަނުގައި ވަޒީފާ އަދާކުރިއިރު އޭނާއަކީ ކަސްޓަމަރުންގެ އޯޑަރުތައް ނެގުމާއި، ތަކެތި ޑެލިވަރީ ކުރުމުގެ އެންމެހައި ކަންކަމާ ހަވާލުވެހުރި މުވައްޒަފު ކަމަށެވެ. އެހެންކަމުން، ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ފޯނު ނަންބަރުތަކާއި ޒާތީ މައުލޫމާތު އޭނާއަށް ލިބިފައިވާނެ ކަމަށް އެ ފިހާރައިން ފާހަގަކުރެއެވެ.

ޑީޕޯޓުކޮށްލި ފަހުން ވެސް، އޭނާ ރާއްޖޭގައި އުޅުނުއިރު ބޭނުންކުރި ފޯނު ނަންބަރު ބޭނުންކޮށްގެން ބައެއް ކަސްޓަމަރުންނަށް ގުޅައި، މެސެޖުކުރުމުގެ އިތުރުން ވީޑިއޯ ކޯލު ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެބްރަޒޯސް އިން ބުނެއެވެ.

އެހެންކަމުން، އާންމު ރައްޔިތުންނާއި އެ ފިހާރައިގެ ކަސްޓަމަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، އެ ނަންބަރުން ގުޅި ނަމަވެސް އެއްވެސް ޒާތެއްގެ މުއާމަލާތެއް ނުހިންގުމަށް އެ ފިހާރައިގެ މެނޭޖްމަންޓުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު