ރައީސް މުޙައްމަދު ނަޝީދު
ރައީސް މުޙައްމަދު ނަޝީދު
ދިރާގަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ނެތީ އެ ކުންފުނި ޕްރައިވެޓައިޒް ކޮށްފައިވުމުން ކަމަށާއި، އެ ކުންފުނީގެ އިތުރު ހިއްސާ ސަރުކާރުން އަލުން ގަތުމަކީ ބޭކާރު ޚަރަދެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިރާގަކީ ސަރުކާރުގެ ވަރަށް ބޮޑު ހަރުމުދަލެއް ކަމަށާއި، ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި އެކުންފުނީގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ގަތުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މީސްމީޑިއާގައި މިއަދު ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ހިންގާ ކުންފުނިތަކުގެ ތެރެއިން ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނުފޯރައި، ސިޔާސީ ބޭނުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ނެތި، ފައިދާވަމުން އަންނަ ހަމައެކަނި ކުންފުންޏަކީ ދިރާގު ކަމަށެވެ. އެކަން އެގޮތަށް ދިމާވީ އެ ކުންފުނި ޕްރައިވެޓައިޒް ކޮށްފައި އޮތުމުން ސަރުކާރުގެ މެޖޯރިޓީ ހިއްސާ އެ ކުންފުނީގައި ނެތުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، މިވަގުތު ދިރާގުގެ އިތުރު ހިއްސާ ސަރުކާރަށް ގަތުމަކީ ބޭކާރު ޚަރަދެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.



ދިރާގު އެންމެ ފުރަތަމަ އުފެދިގެން އައީ ދިވެހި ސަރުކާރުގެ 55 ޕަސެންޓު ހިއްސާއާއި، އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސް ކުންފުނީގެ 45 ޕަސެންޓު ހިއްސާ އޮންނަ ގޮތަށެވެ.

ނަމަވެސް 2009 ވަނަ އަހަރު، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ ދިރާގުގައި އޮތް ދައުލަތުގެ ހިއްސާގެ ތެރެއިން ހަތް ޕަސެންޓް، 40 މިލިއަން ޑޮލަރަށް ކޭބަލް އެންޑް ވަޔާލެސްއަށް ވިއްކާލައިފައެވެ. އެ ބަދަލާއެކު ދިރާގުގައި އޮތް ސަރުކާރުގެ ހިއްސާ ވަނީ 48 ޕަސެންޓަށް ދަށްވެފައެވެ.

އޭގެ ފަހުން 2011 ވަނަ އަހަރު ސަރުކާރުން ވަނީ އެ ކުންފުނީގައި އޮތް ހިއްސާގެ ތެރެއިން އިތުރު 6.2 ޕަސެންޓު އާންމުންނަށް ވިއްކައި، ދިރާގަކީ އާންމު ހިއްސާދާރުންގެ ވެސް ހިއްސާ އޮންނަ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު