ރާއްޖެއަށް މީގެކުރިން އެތެރެކުރި މަސްތުވާތަކެތި-
ރާއްޖެއަށް މީގެކުރިން އެތެރެކުރި މަސްތުވާތަކެތި-
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ކްރިމިނަލް ކޯޓުން މި ހުކުމް އިއްވާފައިވަނީ ވ. ފެލިދޫ، އަނބުގަސްދޮށުގެ، ސާޖިދު އަބްދުލް މުހައިމިންގެ މައްޗަށެވެ.

ދައުލަތުން ސާޖިދުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލީ، އޭނާގެ އަމަލުތައް ހުރި ގޮތުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން ފުލުހުން އޭނާ އިން ސައިކަލު ހުއްޓުވައި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާގެ އަތުން ޑައިމޯފިން ފެނިފައިވާތީއެވެ.

މި މައްސަލައިގެ ޝަރީއަތުގައި ސާޖިދު ވަނީ ދައުލަތުން ކުރި ދައުވާއަށް އިންކާރުކޮށް، ކުށަށް އިއުތިރާޒުކޮށްފައެވެ. އަދި ދިފާއުގައި އޭނާގެ ފަރާތުން ހެކިން ހުށަހެޅި ނަމަވެސް، އެ ހެކިން ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން މައްސަލަ ކުރިއަށްގެންގޮސްފައިވަނީ ސާޖިދުގެ ރުހުމާއެކު، އޭނާގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމަކާ ނުލައެވެ. މި މައްސަލައިގައި ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ވަނީ ކޯޓަށް ހެކި ހުށަހަޅާފައެވެ.

ދައުލަތުން ހުށަހެޅި ހެކިތަކާއި ޝަރީއަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކުރުމަށްފަހު، ކޯޓުން ވަނީ ސާޖިދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

އެހެންކަމުން، އޭނާ އުމުރަށް ޖަލަށްލުމާއެކު، 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި މި ޖޫރިމަނާ ފައިސާ، ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ޚަލާސްކުރުމަށްވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި އަންގާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު