ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޮންގްރެސް ތެރެއިން ޕާޓީގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު ނައިބްރައީސްކަމަށް އެންމެ ގިނަވޯޓު ލިބިވަޑައިގަތް ވަޒީރު ޢަބްދުﷲ ރާފިޢު
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޮންގްރެސް ތެރެއިން ޕާޓީގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު ނައިބްރައީސްކަމަށް އެންމެ ގިނަވޯޓު ލިބިވަޑައިގަތް ވަޒީރު ޢަބްދުﷲ ރާފިޢު
2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ޓިކެޓު، އެތެރޭގެ ޕްރައިމަރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުމަށް އެ ޕާޓީގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ ޕީއެންސީގެ ކޮންގްރެސްގެ ބައްދަލުވުމަށް މި ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ އާންމު މެންބަރު ޢަބްދުﷲ އިބްރާހީމެވެ.

މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޤައުމީ މިނިވަންކަން ކަށަވަރުކުރުމަށާއި، އިޤްތިޞާދީ އަދި އިޖުތިމާއީ ހަމަޖެހުން ޤާއިމުކުރެއްވުމަށް އަގުހުރި މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރައްވައި، ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް ޤައުމެއްގެ އަސްކަރީ ބާރެއް ނެތްކަން ކަށަވަރުކޮށްދެއްވާފައިވާކަން ވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ދައުލަތުގެ މާލީ ހާލަތު ހަމަމަގަށް އެޅުވުމަށް އަޅުއްވަމުން ގެންދަވާ އިޞްލާޙީ ފިޔަވަޅުތަކާއި، ޤައުމުގެ ދަރަނިތައް ޒިންމާދާރުކަމާއެކު އަދާކުރައްވަމުން ގެންދަވާކަން ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ ޒަމާނީކުރުމާއި، "ރަސްމާލެ" ފަދަ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތައް ފެއްޓެވުމުގެ އިތުރުން، ޑިޖިޓަލް އިޤްތިޞާދަކަށް ވާސިލުވުމަށް އިންޓަރނޭޝަނަލް ޕޭމަންޓް ގޭޓްވޭ ތަޢާރަފުކުރުން ފަދަ މުހިންމު ކާމިޔާބީތައް އެމަނިކުފާނު ހާސިލުކުރައްވާފައިވާތީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް އަރުވަންޖެހޭ ކަމަށް އެ ގަރާރުގައިވެއެވެ.

މި ގަރާރާ ގުޅޭގޮތުން، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ބައްދަލުވުން ފެށީ މިފަދަ ހުށަހެޅުމެއް އަންނާނެ ކަމަށް އުއްމީދުކޮށްގެން ނޫން ކަމަށެވެ. ނަމަވެސް، ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިޔަ ބަހުސަށްފަހު، ކޮންގްރެސްގެ އިއްތިފާގުން ވަނީ އެ ގަރާރު ފާސްކޮށްފައެވެ.

މި ނިންމުމާއެކު، ވެރިކަންކުރާ ޕީއެންސީގެ ތެރޭގައި ރައީސް ޑރ. މުޢިއްޒަށް އޮތް ތާއީދާއި އިތުބާރު އިތުރަށް ހާމަވެގެން ގޮސްފައިވާއިރު، މިއީ އެމަނިކުފާނުގެ ސިޔާސަތުތަކަށް ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުންގެ ފުރިހަމަ ރުހުން އޮތްކަން ހާމަކޮށްދިން މުހިންމު ނިންމުމެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި މި ނިންމުމަކީ ކުރިއަށް އޮތް ދައުރަށް ޕާޓީގެ ސިޔާސީ މިސްރާބު ސާފުކޮށް، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ބާރެއްގެ ގޮތުގައި ވެސް އެ ޕާޓީން ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު