ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ: ރައީސް އޮފީސް)
ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ: ރައީސް އޮފީސް)
ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުލާމުކުރުން ފިޔަވަހިތަކަށް ބަހާލައިގެން މަނާކުރުމަށް އެކަށައަޅާފައިވާ ޕްލޭންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ސާފުކުރައްވައިފިއެވެ.

ހެލްތު ކޮމިޓީގެ ބޭފުޅުންނާ އެކު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ހެލްތު ކޮމިޓީގެ ފަރާތުން ވަނީ، މި ޕްލޭނުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަންއެއް ހުށަހަޅުއްވާފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމާއި، މިކަމާ ގުޅޭ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އެކު މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ކެމްޕޭނެއް ހިންގުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމައި މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މި ޕްލޭންގެ ދަށުން މި ވަގުތު ފެށެންހުރި މަސައްކަތްތައް ބައްލަވައި، އެ ކަންކަން ވީ އެންމެ އަވަހަކަށް ފެށުމަށް ހެލްތު ކޮމިޓީގެ މެންބަރުންނަށް އިރުޝާދު ދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން