ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ކަމަށް (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ކަމަށް (ފޮޓޯ: ސޯޝަލް މީޑިއާ)
2021 ވަނަ އަހަރުގެ ބަޖެޓްގައި ފަތުރުވެރިކަން މާކެޓު ކުރުމަށް 154 މިލިއަން ރުފިޔާ ކަނޑައަޅައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް 1.1 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، 2021 ވަނަ އަހަރުގެ ބަޖެޓުގައި އިގުތިސާދު އަދި ސިނާއަތްތައް ކުރިއެރުވުމަށް 7 ބިލިއަން ރުފިޔާ ހިމަނާފައި ވާ ކަމަށާއި، މިއީ އިޤްތިސާދު އާރާސްތުކޮށް، ސިންދަފާތުކޮށް ވިލުންވެރިކަން އިތުރުކުރުމަށް ކުރަންޖެހޭ އިންވެސްޓްމަންޓްތަކަށް އިސްކަންދީފައިވާ ބަޖެޓެއް ކަމަށެވެ.

ޖުލައި 15 ގައި ފަތުރުވެރިކަމަށް އަލުން ހުޅުވާލުމާއެކު ފާއިތުވި ދުވަސްތަކުގައި ދަނީ އުންމީދީ ނިޝާންތަކެއް ފެންނަމުން ކަމަށާއި، އާ އެއާލައިންތައްވެސް ރާއްޖެއަށް އަންނަނީ ދަތުރުތައް ފަށަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތައް ދަނީ އިތުރުވަމުން ކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ، އިތުރު ރިސޯޓުތަކާއި ގެސްޓް ހައުސްތައް ދަނީ އަލުން ހުޅުވަމުން ކަމަށެވެ.

"ގައުމުތަކުން ދަނީ ރާއްޖެއިން ދަތުރުކުރާ ފަރާތްތަކަށް އިތުރު ލުއިތައް ދެމުން. ދުވަހަކަށްވުރެ ދުވަހެއް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު ދަނީ އިތުރުވަމުން. އަޅުގަނޑުމެންގެ އަމާޒަކީ މި ހޯދާ ކުރިއެރުން އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރުން. ދުނިޔޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ވާދަވެރިކަން އިތުރުވެގެންދާ މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓު ކޮށް ޕްރޮމޯޓުކުރުމަށް ހާއްސަ އިސްކަމެއް ވާނީ ދީފައި. ފަތުރުވެރިކަން މާކެޓު ކުރުމަށް 154 މިލިއަން ރުފިޔާ ވާނީ މިބަޖެޓުގައި ކަނޑައަޅާފައި." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ މުހިންމު އެއް ދާއިރާއަކީ ވައިގެ ދަތުރުފަތުރުގެ ނިޒާމު ކަމަށާއި، 2021 ވަނަ އަހަރުގެ ބަޖެޓުގައި ވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް 1.1 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ކަމަށެވެ.

ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ތަސައްވުރުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުތައް ފެށުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ރޭވިފައި ކަމަށާއި، މިއާއެކު އުތުރާ ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ، އިގުތިސާދީ ހަރަކާތްތައް އިތުރުވެ، ވަޒީފާގެ ފުރުސަތުތައް އެސަރަހައްދު ތަކުގައި ތަނަވަސް ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޑޮމެސްޓިކް ގިނަ އެއާޕޯޓުތައް ތަރައްގީ ކުރުމަށް ވެސް ބަޖެޓްގައި ވަނީ ހިމަނާފައެވެ. ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމް އަލުން ރިކަވަރ ވާއިރަށް މި މަޝްރޫއުތައް ނިމި، މިވަސީލަތްތަކުގެ އިގުތިސާދީ ފައިދާ ލިބި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ގެންދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން