ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި 372 މަޝްރޫޢެއް ފަށާފައިވާކަމަށާއި، މިއީ އެހެން ސަރުކާރަކަށް ޙާސިލް ކުރެވުނު ކަމެއް ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ، ކޯވިޑް-19 އާ ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުނަސް، ތަރައްޤީގެ މަޝްރޫޢުތައްވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށެވެ.

"ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުން އެބަދޭ. އަދި އިތުރު 156 މަޝްރޫޢެއް ފެށުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް." ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ކޯވިޑް-19 އާ ގުޅިގެން އައި އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ކަމަކީ، މީހުން ބިނާކުރުން ކަމަށާއި، އެގޮތުން، ތަޢުލީމީ ދާއިރާއިން 2021 ވަނަ އަހަރު ހިންގާ މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ފެންވަރު ރަނގަޅު، ވަށައިޖެހޭ ތަޢުލީމީ ނިޒާމަކަށް ބޭނުންވާނެ، އިންސާނީ އަދި ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އިސްކަންދެވޭނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.

މަތީ ތަޢުލީމުގެ ދާއިރާއިން އެންމެ ފަޚުރުވެރިވާ އެއް ކަމަކީ، މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފްކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 8200 އަށްވުރެ ގިނަ ކުދިންނަށް ހިލޭ ކިޔެވުމުގެ މަގު ސަރުކާރުން ފަހިކޮށްދީފި. އަދި މިސަރުކާރުން ހަމަޖައްސައިދިން ސްޓޫޑެންޓް ލޯންގެ ލުއިތަކާ އެކު، 23 ޤައުމެއްގައި، 1082 ދަރިވަރަކު މިހާރު އަންނަނީ މަތީ ތަޢުލީމް ޙާޞިލްކުރަމުން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މީހުން ބިނާކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތައް ތަރައްޤީކުރުމަށާއި، ޖޫނިއަރ ކޮލެޖް ޤާއިމްކުރުމަށާއި، ޕޮލިޓެކްނިކްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ފެށޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން