ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
މިދިޔަ ދެއަހަރު ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދެވުނު އެންމެ ބޮޑު އިންސާނީ ޙައްޤަކީ ސުލްޙަ މަސަލަސްކަން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ، މީގެ ދެ އަހަރު ކުރިން، ރާއްޖޭގެ ރައްޔިތުން ތިބީ، ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށެވެ. މާރާމާރީ އާއި ގޭންގު ކުށްތައް އިތުރުވެ، ސިޔާސީ ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން، އިޖްތިމާޢީ ހަމަޖެހުން އޮތީ މުޅިންހެން ގެއްލިފައި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ރައްޔިތުން އަޅުގަނޑުމެންގެ ފަރާތުން އެދެމުން ދިޔައީ، ހަމަޖެހިގެން ދިރިއުޅެވޭނެ މާޙައުލެއް ޤާއިމްކޮށްދިނުމަށް. މިދިޔަ ދެ އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ޙައްޤަކީ، އަދި ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ، ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަމާއެކު، ދިރިއުޅެވޭނެ މާޙައުލެއް ޤާއިމުކޮށްދެވުން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ޒަމާނުއްސުރެ މުޖްތަމަޢުގައި އަށަގެންފައި ހުރި، ގިނަ މައްސަލަތަކެއްގެ ވާހަކަ މިއަދު ދެކެވެން ފަށައިފިކަން ފާހަގަކޮށް ރައީސް ވިދާޅުވީ، ކުޑަކުދިންނަށް ކުރާ ތަފާތު ގޯނާތަކާއި، އަންހެނުންނަށް ކުރާ ގެވެށި އަނިޔާތަކުގެ ވާހަކަ މިއަދު ހަރުއަޑުން އެބަ ދެކެވޭ ކަމަށާއި، ކޮރަޕްޝަންގެ ވާހަކަތައް ހާމަކުރަން ފަށައިފި ކަމަށެވެ.

"މީގެ ސަބަބަކީ މިފަދަ މައްސަލަތައް ރިޕޯޓްކޮށް ޝަކުވާ ހުށަހެޅޭނެ އިތުބާރު ހުރި ނިޒާމެއް މި ސަރުކާރުން ޤާއިމުކޮށްދިނުން. އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އެއްވެސް ނުފޫޒެއް ނެތި މިފަދަ މައްސަލަތައް ބެލޭނެ ފުރިހަމަ ނިޒާމެއް ސަރުކާރުން ޤާއިމުކޮށްދޭނެކަން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބުގައި ވަނީ، މިކަމުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުން އަދާކުރި މުހިންމު ދައުރު ފާހަގަކޮށް، ދިވެހި ސިފައިންނާއި ފުލުހުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި ޝުކުރު އަދާކުރަށްވާފައެވެ.

މީގެ އިތުރުން، މިދިޔަ ދެ އަހަރުވެސް، ބައިނަލްއަޤްވާމީ ދާއިރާއިން، ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ޙާޞިލްކުރެވުނު ކަމަށާއި، މިދާއިރާއިން އެންމެ ފާހަގަކޮށްލެވެނީ، ހީނަރުވެފައި އޮތް ޚާރިޖީ ގުޅުންތައް އަލުން ހަރުދަނާކުރެވި، ބައިނަލްއަޤްވާމީ މުޖްތަމަޢާއެކު ގާތް ގުޅުމެއް އުފެދިގެން ދިޔަކަން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ވަރަށް ގިނަ މާލީ އެހީތަކެއްވެސް އަންނަނީ ލިބެމުން ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން