އައްޑޫ ސިިޓީގައި ގާއިމު ކޮށްފައިވާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ ސިިޓީގައި ގާއިމު ކޮށްފައިވާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
ޞިއްޙީ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫޢެއް، އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ، އިޤްތިޞާދީ ގޮތުން، ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަން ދެނެތިބެ، ވެރިކަމުގެ ތިން ވަނަ އަހަރަކާ އަޅުގަނޑުމެން މިކުރިމަތިލަނީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، ވަރަށް މުހިންމު ރޭވުންތަކަކާ އެކު ކަމަށެވެ. މާތް ﷲގެ ވާގިފުޅާއެކު، އަންނަ އަހަރުގެ ތެރޭގައިވެސް، ޤައުމީ ތަރައްޤީއާ ގުޅޭ ހުރިހާ ދާއިރާތަކުން، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާނެ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"އެ ގޮތުން، ޞިއްޙީ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫޢެއް، އަންނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދާނެ. އޭގެ ތެރެއިން، މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ފެށި އެއް މަޝްރޫޢުގައި ހިމެނޭ، 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މި ހޮސްޕިޓަލްތަކުގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާނެ." ރައީސް ވިދާޅުވިއެވެ.

ކޯވިޑް 19އާ އެކު، ޔަޤީންވެގެން ދިޔައީ، ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާކޮށްގެން ތިބެވެން ނެތްކަން ކަމަށާއި، ނަމަވެސް މިއީ، ޢަމަލީ ގޮތުން ޙައްލެއް ހޯދުމަށް މިހާތަނަށް މާބޮޑު މަސައްކަތެއްނުކޮށް އިހުމާލުވެފައި އޮތް ކަމެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.

އިޤްތިޞާދު ސިންދަފާތު ކުރުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްޤީކުރުމަށް، އަންނަ އަހަރުގެ ތެރޭގައި، ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި، މަސްވެރިކަމުގެ ދާއިރާއިން، ކޫއްޑޫއާއި ފެލިވަރު އަދި ކަނޑުއޮތްގިރީގެ ވަސީލަތްތައް ތަރައްޤީކުރުމަށް މިއަންނަ އަހަރު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދަނޑުވެރިކަން ފުޅާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ކުރިއަށް އޮތް ތިން އަހަރަށް އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް، ރަށްރަށުން މިހާރުވާނީ ދަނޑުބިން ދޫކުރަން ފަށާފައި ކަމަށާއި، އަދި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް ވެސް ކުރިއަށް ދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން