ސްޓެލްކޯ އިން ޤާއިމްކުރި ބަސް ހުއްޓި ނައިބުރައީސް ހުޅުއްވައި ދެއްވަނީ
ސްޓެލްކޯ އިން ޤާއިމްކުރި ބަސް ހުއްޓި ނައިބުރައީސް ހުޅުއްވައި ދެއްވަނީ
ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުގެ ދަށުން ދޭ ބަހުގެ ޚިދުމަތް ހޯދާ ފަސިންޖަރުން ބަހަށް އަރައިފޭބުމަށް ޚާއްޞަކޮށްގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބިނާކޮށްފައިވާ ބަސްހުއްޓި މިއަދު ހުޅުވައިފިއެވެ. މި ބަސްހުއްޓި ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނައިބުރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ރައްޔިތުންނަށް އަމާންކަމާއެކު ހަމަޖެހިގެން ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.

އެގޮތުން މިއަދު މި ހުޅުވި ބަސްހުއްޓީގެ ސަބަބުން މަގުމަތީގެ ދަތުރުފަތުރުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، ޓްރެފިކް މައްސަލަ ޙައްލުކުރުމާއި، ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްތެރިކަމާއެކު މަގުތައް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާލޭގެ މަގުތައް ބޭނުން ކުރާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު މިފަދަ ޚިދުމަތްތައް ލިބިގަތުމަށް ގޮވައިލައްވާފައެވެ. އަދި، މަގުތަކުގައި ޕާކުކުރުމުގައި ވެސް އެހެން މީހުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް ޢަމަލުކުރެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ، ސްޓެލްކޯގެ އިސްވެރިންނާއި އެ މުއައްސަސާގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރު ދަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތް، އަޙްމަދު ނަސީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ، އަޙްމަދު ސަމީރާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީއާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ސްޓެލްކޯ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ބިނާކޮށްފައިވާ މި ބަސްހުއްޓިއަކީ ދަތުރުވެރިން އަވިންނާއި، ވާރެއިން ސަލާމަތްވެ ތިބެވޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ބަސްހުއްޓިއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން