ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ދަރުމަވަންތަ ހޮސްޕިޓަލް ވިއްކާލަނީ ޤައުމު ބަނގުރޫޓުވުމުން ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަގްވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރަން ނޫޅޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ޑރ. ޖަމީލް ވިދާޅުވީ، ރައްޔިތުންނަށް އޮޅުވާ ނުލެއްވުމަށާއި، ދަރުމަވަންތަ ހޮސްޕިޓަލް ވިއްކަނީ ރާއްޖެ ޙަޤީޤަތުގައިވެސް ބޭންކްރަޕްޓް ވުމުން ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ހަރުމުދާ ވިއްކަން ޖެހުނީ މޮޅުނޫ އިޤްތިޞާދީ ސިޔާސަތާހެދި ކަމަށާއި، ރާއްޖޭގެ ރޭޓިންގ ދަށްވެ ސޮވެރިން ގެރެންޓީވެސް ޤަބޫލުނުކުރާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"ތީ ރައްޔިތުންނާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް. މި ކާރިސާގެ ތަކްލީފް ވިޔަފާރިތަކާ މުވައްޒަފުން އަދިވެސް އުފުލަމުން ދާއިރު ސަރުކާރުގެ ޚަރަދު ކުޑަކުރާނެ އެންމެ ކަމެއްވެސް 2021 ގެ ބަޖެޓްގައި ނެތް." ޑރ ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ފެންނަމުންދަނީ ރައްޔިތުން ޖޫރިމަނާކޮށް މުދާ ވިއްކައިގެން ވިޔަސް މަތިބަރު ކުރާ މަންޒަރު ކަމަށާއި، މިހާލަތުގައި މަޖިލީހުގެ މެމްބަރުންގެ މުސާރަ ހަމައަށް ދޭން ޖެހޭތޯ ޑރ. ޖަމީލް ސުވާލު އުފެއްދެވިއެވެ.

ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓްގައި ހިމަނައިގެން ބޭރުދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ މަތިން އިޝޫކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސިން އިންސްޓުރުމަންޓެއް ކަމަށެވެ.

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި 2020 ވަނަ އަހަރުގެ ބަޖެޓްގައި މިސުކޫކު ހިމެނުމުގެ އިތުރަށް ބަޖެޓް ސްޕީޗްގައި މި ސުކޫކަށް އަލި އަޅުވާލެވި، އަދި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ސުކޫކުގެ އެކި ކަންކަން ސާފުކޮށްދީފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެކަމާގުޅިގެން ފިނޭންސް މިނިސްޓްރީން ރޭގައި ނެރުނު ބަޔާނުގައި ބުނީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ނުކުރާކަމަށާއި، ވިއްކާވެސް ނުލާނެ ކަމަށެވެ. ނަމަވެސް އޭގެ ކުރުން މީސް މީޑިއާގައި ލީކްވި ސިޓީގައި ބުނެފައިވަނީ މި ސްކޫކް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތުގެ އޯނަރޝިޕް ފިނޭންސް މިނިސްޓްރީއަށް ބަދަލުކޮށް މި މުއާމަލާތުގެ ތެރޭގައި އެތަން ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. މިސިޓީއަކީ ހަގީގަތެއް ނޫން ކަމަކަށް ފިނޭންސް މިނިސްޓަރީން މިހާތަނަށް ވެސް ވިދާޅުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން