ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ވެރިކަމަށް އައިސް އެމްޑީޕީން މަސްވެރިން ފުނޑާލައިފި ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ސަރުކާރުން ކޮންމެކަމެއް މަތިކުރަމުންދަނީ ކޯވިޑް-19 އާ ކަމަށާއި، ނަމަވެސް އެއީ އެންމެ ޒިންމާދާރުގޮތް ނޫން ކަމަށެވެ. އަދި ކޮވިޑާ ހަމައަށް އައި އިރުވެސް ސަރުކާރުން ވަޢުދުތައް ފުއްދާފައި ނުވާ ކަމަށާއި، 100 ދުވަހުގެ ވަޢުދުތައްވެސް ފުއްދާފައި ނެތްކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އެމްޑީޕީގެ މަސްވެރި ދާއިރާތަކަށް ނިސްބަތްވާ މަޖިލީސް މެމްބަރުންގެ އޯޑިއޯތަކާއި ވީޑިއޯ ތަކުގައި އެހުރީ މަހަށް ހަމައަގު ދޭނެ ކަމަށާއި، މަސް ވިއްކޭނެކަމަށް. އެކަމަކު މިއަދުގެ ޙަޤީޤަތަކީ ދިވެހިރާއްޖޭގެ އެއް ސިނާޢަތަކަށް އެމްޑީޕީ އައިސްގެން ފުނޑާލި ސިނާޢަތަކީ މަސްވެރިކަން." ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ މިއީ ޤައުމެއްގެ ޙައިސިއްޔަތުން އެންމެ ބޮޑަށް ދެރަވާން ޖެހޭ މައްސަލަ ކަމަށާއި، ފަތުރުވެރިކަމަކީ ރާއްޖެއަށް އެންމެ ބޮޑު ޢާމްދަނީ ލިބޭ މަސައްކަތްކަމަށް ވީ ނަމަވެސް މަސްވެރިކަމަކީ ޢާއްމު މީހާއަށް އެ ސިނާޢަތަށް އެންމެ ފަސޭހައިން ވާސިލުވެވެން އޮތް ސިނާޢަތު ކަމަށެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވަނީ މަސްވެރިން ބިކަކޮށް މަސްވެރިކަމުގެ ސިނާޢަތަށް އެއްވެސް ކަމެއް ކޮށްނުދީ މަސްވެރިން މަގުމަތިކޮށްފައި ކަމަށެވެ.

ރައީސް ޞާލިހާއި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އެންމެ މުހިންމު އެއް ވަޢުދަކީ މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައި ދިނުމާއި މަސްވެރިންނަށް ފަސޭހަ ކަމާއެކު މަސްކިރޭނެ ގޮތް ހަމަޖައްސައިދީ ފަސޭހައިން ތެލާއި އައިސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ.

މީގެއިތުރުން މަސްވެރިން ކިރުވާ މަހަށް ވަގުތުން ފައިސާ ދިނުމާއި ބޭރުގެ މާކެޓްތަކަށް އަގުއެއްކުރި މަހުގެ އުފެއްދުންތައް ވިއްކޭނެ މަގު ތަނަވަސް ކޮށްދިނުމާއި މަސްވެރިކަމަކީ އާއިލީ މަސައްކަތަކަށް ހެދުމަށް ގޭދޮށު މަސްފެކްޓްރީ ހަދައިގެން މަހުގެ އުފެއްދުންތައް ރަށުފެންވަރުގައި އުފެއްދުމަށް މަގުފަހިކޮށްދިނުމަކީވެސް މަސްވެރިންނަށް ވެފައިވާ މުހިންމު ވަޢުދެކެވެ. ނަމަވެސް މީގެތެރެއިން މަދު ކަމެއްގެ ނޫނީ އަމަލީ މަސައްކަތް ވެސް ފެށިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން