ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް - ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް - ފޮޓޯ: ސޯޝަލް މީޑިއާ
މިދިޔަ ހަފްތާގައި އެކަނިވެސް އިންޑިއާގެ 2031 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަކަށް އިންޑިއާ ވެއްޖެއެވެ.

ރާއްޖެއާ އިންޑިއާއާއި ދެމެދު ޤާއިމްކޮށްފައިވާ ޓްރެވަލް ބަބުލްގެ ސަބަބުން ރާއްޖެ އައުމަށްފަހު އެނބުރި އިންޑިއާއަށް ދާ ފަތުރުވެރިން އެޤައުމުގައި ކަރަންޓީންވާކަށް ނުޖެހެއެވެ. މިހާތަަނަށް އިންޑިޔާގެ ތިން އެއާލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައިވެއެވެ. އެއީ އިންޑިގޯއާއި, ގޯއެއާ އަދި ސްޕައިސް ޖެޓެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ބޯޑަރު އަލުން ހުޅުވިފަހުން މިދިޔަ ހަފުތާގެ ނިޔަލަށް އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 5،449 އަށް އަރައިފަ އެވެ. މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ރަޝިއާއިން 12،961 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. އަދި ލިސްޓުގެ ތިން ވަނައިގައި 4745 ފަތުރުވެރިންނާއެކު އޮތީ އިނގިރޭސި ވިލާތެވެ.

ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 125 ރިސޯޓެއް ހިންގަމުން އަންނައިރު އެއީ 28،856 އެނދެވެ. އަދި މިދިޔަ އޮކްޓޫބަރު 15 ގައި މާލޭ ސަރަހައްދު ފިޔަވައި ހުރިހާ ސަރަަހައްދެއްގެ ގެސްޓްހައުސްތައް ހުޅުވާލާފައިވާއިރު މިނިސްޓްރީން ބުނާ ގޮތުގައި 2284 އެނދާއެކު 189 ތަނަކުން މިހާރު އަންނަނީ ހިދުމަތްދެމުންނެވެ. އޭގެ އިތުރުން 122 ސަފާރީއެއް އޮޕަރޭޓްކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް މިހާތަނަށް ޒިޔާރަތްކޮށްފައި ވަނީ ޖުމްލަ 59،105 ފަތުރުވެރިއެކެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ބައި މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން