މަރަދޫ ކައުންސިލަރ: ފައިސަލް އިބްރާހީމް - ފޮޓޯ: ރަސްއޮންލައިން
މަރަދޫ ކައުންސިލަރ: ފައިސަލް އިބްރާހީމް - ފޮޓޯ: ރަސްއޮންލައިން
ބިޔަ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން އައްޑޫސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ބިންހިއްކުމުގެ މަސައްކަތާއެކު އެ ސިޓީގެ އެއްފަސް ރަށްތައް ގުޅިފައިވާ ލިންކްރޯޑް ހިމާޔަތް ކުރުމުގެ ގޮތުން މަރަދޫގެ ބަނދަރާއި މަރަދޫފޭދޫ ބަނދަރާ ދެމެދުން ހިއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އައްޑޫސިޓީ މަރަދޫ ކައުންސިލަރ ފައިސަލް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ކައުންސިލަރ ފައިސަލް މިހެން ވިދާޅުވީ ފޭދޫގެ ބޮޑުބައެއް ހިއްކުމާއި މަރަދޫ އަދި މަރަދޫފޭދޫގެ ބަނދަރު ހެދުމުގެ ސަބަބުން ލިންކްރޯޑާއިވީ ފަޅިން މިހާރަކަށް އައިސް އުދައެރުން އާއްމުވެ އޭގެ ސަބަބުން ރަށުތެރެއިން ލިންކްރޯޑުގެ ދުވާރުމަތި ހަލާކުވެ، ރައްޔިތުންގެ އުޅަނދުތަކަށާއި މުދާތަކަށްވެސް ބޮޑެތި ގެއްލުންތައް ވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ރަސްއޮންލައިން އާ ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުން ކުރިއައޮތް ދެމަސްދުވަސްތެރޭ ފެށުމަށް ހަމަޖެހިފައިވާ ބިންހިއްކުމުގެ މަޝްރޫޢަކީ މުޅި އައްޑޫ ސިޓީގެ ތަރައްގީއާއި އެސިޓީގެ ޒުވާނުންގެ ކުރިމަގާއި ގުޅިލާމެހިފައިވާ ވަރަށް މުޙިއްމު މަޝްރޫޢެއް ކަން ފާހަގަކުރައްވަމުން ކައުންސިލަރ ފައިސަލް ވިދާޅުވީ އައްޑޫގެ ބިންހިއްކުމުގެ މަސައްކަތް ނިމޭއިރު މަރަދޫ އާއި މަރަދޫފޭދޫ ފުއްޓަރު ފަރާތުން ބޮޑުބައެއް ހިއްކުމާއި ގައުކެނޑިންފެށިގެން ހިތަދޫޕޯރޓް ސަރަހައްދާދެމެދު ބޮޑުބައެއް ހިއްކޭނެ ކަމަށެވެ. އަދި ރިސޯޓުތަކެއްގެ ގޮތުގައި ތަރައްގީކުރުމަށް އައު ފަސްރަށެއް ހިއްކޭނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ނަމަވެސް ފައިސަލް ވިދާޅުވީ ލިންކްރޯޑަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ގޮތެއްނެތި މަރަދޫގެ ފުއްޓަރު ފަރާތުން ބޮޑުބައެއް ހިއްކައި މުޅި ސިޓީގެ އެހެނިހެން ސަރަހައްދުތަކުން ބޮޑުބައެއް ހިއްކުމުން ލިންކްރޯޑަށް މިހާރު ލިބެމުންދާ ގެއްލުން އެތައް ގުނައަށް އިތުރުވެގެންދާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ މަރަދޫގެ އެކި ސަރަހައްދުތަކުން ލިންކްރޯޑަށް އުދައެރުން މިހާރުވެސް އާއްމުވެފައިވާތީ މިކަމަށް ހައްލެއް ނެތި ބިންހިއްކުމުގެ ބިޔަ މަޝްރޫޢެއް ފެށުން އެއީ ރަށުގެ ރައްޔިތުންގެ ކަން ބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މި ކަންބޮޑުވުންތައް ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންގޮސްފައިވާ ކަމަށްވެސް މަރަދޫ ކައުންސިލަރ ވިދާޅުވިއެވެ.

"މިކަމަކީ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަން އޮތް ކަމަކަށްވާތީ، ކުރިއަށް އޮތް ދެމަސް ދުވަސްތެރޭ ސަރުކާރުން ފަށާ ބިންހިއްކުމުގެ މަޝްރޫޢުގެ ތެރޭގައި ރައްޔިތުން އެދޭގޮތަށް ލިންކްރޯޑް ހިމާޔަތް ކުރުމުގެ ގޮތުން، މަރަދޫ ބަނދަރުންފެށިގެން މަރަދޫފޭދޫ ބަނދަރާ ހަމައަށް 300 އަކަފޫޓުގެ ފުޅާމިނުގެ ސަރަހައްދެއް ހިއްކުމަށް އެދި އަޅުގަނޑު މިހާރުވަނީ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހަށް ސިޓީއެއް ފޮނުވައި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފުގެ ސަމާލުކަން ހޯދުމަށްވެސް ސިޓީއެއް ފޮނުވާފައި" ކައުންސިލަރ ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވިގޮތުގައި ލިންކްރޯޑް ހިމާޔަތް ކުރުމަށް އޮތް ހައްލަކީ 300 އަކަފޫޓުގެ ފުޅާމިނުގެ ސަރަޚައްދެއް މަރަދޫއާއި މަރަދޫފޭދޫ ބަނދަރާދެމެދު ހިއްކުމެވެ.

ކައުސިލަރ ފައިސަލް ވިދާޅުވީ ލިންކްރޯޑަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއް ނޭޅި އެހާބޮޑު ސަރަޙައްދެއް ހިއްކައިފި ނަމަ ލިންކްރޯންޑް ހަލާކުވެގެން ހިނގައިދާނެ ކަމަށާއި ބިންހިއްކުމުގެ މިފަދަ ބިޔަ މަޝްރޫޢަކަށްފަހު ދެން އަލުން އެފަދަ ލިންކްރޯޑެއް ކައިރި މުސްތަގުބަލެއްގައި އެއްވެސް ސަރުކާރަކުން އެޅުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން