ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް (ކ)
ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް (ކ)
މި އަހަރު ބައިމިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން މިވަގުތުއޮތް ޙާލަތާމެދު ހިތްހަމަޖެހޭ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތުން މި އިންޑަސްޓްރީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވުމަށްފަހު އެންމެ ފުރަތަމަ އަމާޒުކުރީ އެއްލައްކަ ފަތުރުވެރިން ގެނައުމަށް ކަމަށާއި، ނަމަވެސް އެ އަދަދު ފަހަނައަޅައި ގޮސް މިހާރު އަމާޒު ހުރީ ޖުމްލަ ބައިމިލިއަން ފަތުރުވެރިން ގެނައުމަށް ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރަށް އުންމީދުކުރި ޓާގެޓް ހާސިލުވާނެ، އެއްލައްކަ ފަތުރުވެރިން އަޅުގަނޑުމެން ފުރަތަމަ އަމާޒުކުރީ ބޯޑަރު ހުޅުވުމަށްފަހު ގެނެވޭނެ ކަމަށް އިރާދަކުރެއްވިއްޔާ އެ އަދަދު ފަހަނައަޅައި ގޮއްސަ އަޅުގަނޑުމެންގެ މުޅި ޖުމްލަ އަހަރީ ޓާގެޓް އެއީ ފަސްލައްކަ ފަތުރުވެރިން އިރާދަކުރެއްވިއްޔާ މިއަހަރުތެރޭ ގެނެވޭނެ. މިހާރު ނަންބަރުތައް ދައްކާގޮތުން އިރާދަކުރެއްވިއްޔާ އެކަންތައްވާނެ." ޑރ. މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އަންނަ އަހަރުގެ އަމާޒު ހުރީ އެއް މިލިއަން ފަތުރުވެރިން ހަމަކުރުމަށް ކަމަށާއި، އިތުރު ވިސާއެއް ނެގުމެއްނެތި ފަތުރުވެރިން ރާއްޖޭގައި މަޑުކުރެވޭ މުއްދަތު 3 މަސް ދުވަހަށްވުރެ އިތުރު ކުރުމަށްވެސް މިހާރު މަޝްވަރާ ކުރެވެމުންދާކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެބަދަލު ގެނެވިއްޖެ ނަމަ 2019 ވަނަ އަހަރާ އެއްވަރަށް ރާއްޖޭގެ ބެޑް ނައިޓްސް އިތުރުވެގެންދާނެ ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ޖުމްލަ 441،952 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ހަމައަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 382،760 ފަތުރުވެރިންނެވެ.

ރާއްޖެއަށް ޖުމްލަ 16 އެއަރލައިނެއް ދަތުރުކުރަމުން ދާއިރު އިތުރު 9 އެއަރލައިނެއް މިއަހަރުގެ ތެރޭގައި ރާއްޖެއަށް އުދުހެން ފަށާނެ ކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން