ލާމު އަޮޅުގައި އޮންނަ ރަހާ ރިސޯޓު
ލާމު އަޮޅުގައި އޮންނަ ރަހާ ރިސޯޓު
ލ. ގަމު ހުރިހާ އަވަށެއްގެ ކަރަންޓު އެއް ވިއުގައިން ގުޅުވާލުމާއި ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް އަދި ގަމު ޒޯން ސްޓޭޑިއަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ލ. ގަމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށްފަހު ރައީސް ޞާލިޙް ވަޑައިގެންނެވީ އެ އަތޮޅުގައި އޮންނަ ރަހާ ރިސޯޓަށެވެ. މިހާހިސާބުން އުފެދޭނެ ސުވާލަކީ ރައީސް ޞޯލިޙް މިރަށަށް ވަޑައިގެންނެވި ސަބަބަކާއި މެދު އުފެދޭނެ ސުވާލެވެ. ދަތުރުފުޅުގައި ރޭކޮށްލުމަށް އެރިސޯޓަށް ވަޑައިގެންނެވީތޯ ނުވަތަ އެރަށް ވަޑައިގެންނެވީ އެނޫން އެހެން ބޭނުން ފުޅެއްގައިތޯ ސުވާލު އުފެދޭނެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެ މަނިކުފާނު އެ ރިސޯޓަށް ވަޑައިގެންނެވި އިރު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް ހުންނެވީ އެ ރިސޯޓުގައެވެ. އަދި އެ ރިސޯޓުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ ސިޔާާސީ މަޝްރަހުގައި އެއް އިރެއްގައި ވަރަށް ގަދަކޮށް ނަގާކިޔާ އުޅުއްވި، ރީކޯ މޫސާ މަނިކު ވެސް ހުންނެވީ އެރަށުގައެވެ. 1982ން ފެށިގެން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ނަމެއް ކަމަށްވާ ރީކޯ މޫސަ މިހާރު ފާހަގަކުރެވެނީ ސިޔާސީ ދާއިރާއާ ތަންކޮޅެއް ދުރުގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ރީކޯ މޫސައަކީ އެއްއިރެއްގައި އެމްޑީޕީގައި ވަރަށް ގަދަކޮށް އުޅުއްވި ބޭފުޅަކަސް މިހާރު މޫސައަކީ އެމްޑީޕީގެ މެންބަރެއްވެސް ނޫނެވެ. މިއީ ވެސް ރައީސް ޞާލިޙް އެރަށަސް ވަޑައިގެންނެވުމުން ސުވާލު އުފެދޭނެ ކަމެއް ކަމުގައި ގަބޫލު ކުރެވެއެވެ. އަޅުގަނޑާއެކު ކުރިއަށް ވަޑައިގެންނެވުމުން މިސުވާލު ތަކުގެ ޖަވާބާއި އޭގެ އިތުރުންވެސް ވަރަށް މުހިންމު މައުލޫމާތު ތަކެއް އެނގިވަޑައި ގަންނަވާނެއެވެ.

މިއީ ރީކޯގެ ދެ ވަނަ ރިސޯޓު، ލާރިގަނޑެއް ކާލި ކަމަށް ބުނާ ވާހަކައިގެ އަސްލެއް ނެތްކަން މި ވާހަކައިން!

އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނުވަތަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރީކޯ މޫސަ 21 މިލިއަން ޑޮލަރު "ކާލިކަމަށް" ބުނާ ވާހަކައަކީ ދެއިރު ކާ ބޭހެއް ފަދައިން އޭރު އިވެމުންދިޔަ މޫސަގެ ހިތްޕުޅުގައި މިހާރުވެސް ހަރުލާފައި ހުރި ވާހަކައެކެވެ. ނަމަވެސް، މޫސައަކީ ދުވަހަކު ވެސް އެފަދަ ކަމެއް ކުރި އަދި ކުރާނޭ މީހެއް ނޫން ކަމަށް ވިދާޅުވެ، މޫސަ ވަނީ އޭނާގެ ވިޔަފާރި ފެށުނު ގޮތް ވެސް "ރަސް އޮންލައިން"އާ ހިއްސާކުރަށްވާފައެވެ.

އެންމެ ފުރަތަމަ މޫސަ ވިޔަފާރިއެއް ފެށްޓެވީ ބޭބެއާއި ގުޅިވަޑައިގެން 1979ގައި ކަމަށާއި އެއީ ކަށި މިޔަރު ތެޔޮ އެކްސްޕޯޓްކުރުން ކަމަށް މޫސަ ވިދާޅުވިއެވެ. ސަރުކާރުން އެކަން ހުއްޓުވުމުން، ދެން ފެށީ ބޯޓު ދަތުރުކުރަން މީހުން ފޮނުވަން ކަމަށާއި އެކަން ހުއްޓުނީ ބޭބެގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭބެ ކުރި ކަަމަކުން އަޅުގަނޑަށް ޖެހުނީ ޖަލަށް ދާން. ހަތަރު އަހަރު ފަހުން ޖަލުން ސަލާމަތްވެ، އަނެއްކާ ވެސް ވިޔަފާރި ފެށީ." ރީކޯ ވިދާޅުވިއެވެ.

ފަތުރިވެރި ކަމުގެ ވިޔަފާރީގެ ތެރެއަށް ނުވަތަ ރިސޯޓެއް ތަރައްގީ ކުރެއްވުމުގެ މަސައްކަތުގެ ތެރެއަށް ވަދެވަޑައިގެން ފުރަތަމަ ރިސޯޓު ހުޅުވީ، 2000 ވަނަ އަހަރު ބަޔަކާ ގުޅިގެން ކަމަށް ރީކޯ ވިދާޅުވިއެވެ.

"ފުރަތަމަ ހެދި ރިސޯޓު ބަޔަކަށް ވިއްކާލީ. 2004 ވަނަ އަހަރު ހެވީ ލޯޑް ކުންފުނި ރަޖިސްޓަރީ ކުރީ." މި ނޫހާ މައުލޫމާތު ހިއްސާ ކުރަށްވަމުން ރީކޯ މޫސަ ވިދާޅުވިއެވެ.

ހެވީ ލޯޑް ކުންފުނި ތަރައްގީކޮށް ލިބުނު ފައިސާއިން މިދިޔަ އަހަރު އޭނާ ވަނީ ރަހާގެ ނަމުގައި ލ. އަތޮޅުުގައި އޭނާގެ ދެވަނަ ރިސޯޓު ތަރައްގީކޮށް ހުޅުވާފައެވެ.

ރައީސް ރަހާ ރިސޯޓަށް ވަޑައިގަތުން ރީކޯ ސިފަކުރައްވަނީ ކިހިނެއް؟

ލ. އަތޮޅުގައި އޮންނަ 4 ތަރީގެ ރަހާ ރިސޯޓަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގަތުން ރީކޯ ސިފަކުރައްވަނީ އެކުވެރިކަމުގައި ކުރެއްވި ޒިޔާރަތެއްގެ ގޮތުގައެވެ. އަދި ރާއްޖޭގެ ޓުއަރިޒަމް ކުރިއެރުވުމަށް ރައީސް ދެއްވާ އަހައްމިޔަތުކަން މިކަމުން ދޭހަވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ، ރައީސް ޞާލިޙާއި އޭނާއަކީ ގާތް ރަހުމަތްތެރިން ކަމަށެވެ. އެމަނިކުފާނަށް މި ދައުވަތު އަބަދުވެސް ދެއްވާ ކަމަށާއި ނަމަވެސް ދުރު ހިސާބަކަށް ވާތި އަދި ވަޑައިނުގެންނެވި އޮތީ ކަމަށެވެ.

އެމްޑީޕީއަށް ޓަކައި އެތައް ގުރުބާނީއެއް ވީމަ ލިބުނު ހަދިޔާއަކީ ޕާޓީން ވަކިކުރުން!

ރީކޯ މޫސައޭ ބުނުމުން މުޅިން ވެސް ހަނދާނަށް އަންނާނީ އެމްޑީޕީގެ މަތީންނެވެ. ރީކޯ މޫސާ މަނިކުގެ ސިޔާސީ ފިކުރަކީވެސް ސިޔާސީ ވިސްނުމަކީ ވެސް ސިޔާސީ ހަޔާތުގެ ފެށުމަކީ ވެސް އެޕާޓީއެވެ. ނަމަވެސް މޫސަ ވިދާޅުވާ ގޮތުން "އެމްޑީޕީއަށް ޓަކައި ވީ ޤުރުބާނީގެ އަގަކީ ނުވަތަ ހަދިޔާއަކީ ޕާޓީން ވަކިކޮށް އެއްލާލުން ކަމަށް އޭނާ ވިދާޅުވިއެވެ. ރީކޯ އެމްޑީޕީން ވަކިކުރީ ޕާޓީގެ އިސްސަފުގައި އޭރު ތިއްބެވި ބައެއް ބޭފުޅުން އޭނާއާ ދޭތެރޭ ހިތްހަޖެހިވަޑައި ނުގަންނަވައިގެން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އެމްޑީޕީ އެންމެ ނިކަމެތިވި ދުވަސްވަރު ނުވަތަ ރައީސް ނަޝީދުގެ ވެރިކަން ނިިމިގެން ދިޔަ ދުވަސްވަރު، ޕާޓީ ނަގާ ކޮޅަށް ޖަހައި ރައީސް ނަޝީދުގެ ދިފާޢުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި، ޕާޓީގެ ހަރަކާތްތަކުގެ އާރްކާޓީއަކަށް ހުންނެވީ ރީކޯ މޫސައެވެ. އަދި ޖެހިގެން އައި އިންތިޚާބުގައި ކެމްޕެއިން ކުރުމަށް ރަަށްރަށަށް ދަތުރުކުރަށްވައި އެމްޑީޕީގެ މުޒާހަރާ ތަކުގައި ލީޑް ނަންގަވައިގެން އެންމެ ކުރީ ސަފުގައި ހުންނެވީ ވެސް ރީކޯ މޫސައެވެ.

ރީކޯ ވިދާޅުވީ، އޭނާ ޕާޓީން ވަކިކުރަންޖެހޭ ވަރުގެ ކަމެއް ކުރަށްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް އިސްސަފުގައި އޭރު ތިބި ބަޔަކު އޭނާއާއި މެދު ޒާތީ ހަސަދައެއް ބާލާލީ ކަމަށް ރީކޯ ވިދާޅުވިއެވެ.

ރީކޯ މޫސަ އެމްޑީޕީން ވަކިކުރިތާ އަހަރުތަކެއް ފަހުން، ވާން މިއުޅެނީ ކިހިނެއް؟

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ގޮނޑި ފުރުއްވާފައިވާ އަދި 18 ވަނަ މަޖިލީހުގެ ނާއިބް ރައީސްކަން ވެސް ކުރަށްވާފައިވާ ރީކޯ މޫސަ ވިދާޅުވަނީ އެމްޑީޕީ އަކީ އޭނާގެ ސިޔާސީ ހިތް ކަމަށެވެ. އެއީ އޭނާ އެންމެ ލޯބިވާ ޕާޓީ ކަމަށެވެ. މޫސަ ވިދާޅުވީ އޭނާ އެމްޑީޕީ ދޫކޮށް ނުލައްވާކަމަށެވެ. ނަމަވެސް އެމްޑީޕީން އޭނާ ދޫކޮށްލީ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ އިން ބޭރުކުރާވަރުގެ ކަމެއް ނުކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ 2014 ވަނަ އަހަރު އެމްޑީޕީ ރެލީއެއްގައި ވެރިކަމަށް ކުރިމަތިލައްވާން ބޭނުން ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.

އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއަކަށް ވާހިނދު ޕާޓީގައި ހުންނަވައިގެން ވެރިކަމަށް ކުރިމަތިލައްވާން ބޭނުންވާކަމަށް ވިދާޅުވުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ. އޭނާ އެހެން ވިދާޅުވުމުން އޭރު އެއީ ވަރަށް ބޮޑު މައްސަލައަކަށް ވި ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އެ މައްސަލަ ދިމާވެފައި ވަނިކޮށް މަޖިލީހަށް އެމްޑީޕީން ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރުމަށް ލީމައްސަލަ މަޖިލީހުން ބަލައިގަނެފައި ވަނިކޮށް ކުރީގެ ރައީސް ނަޝީދު އެ ބިލަށް ވޯޓު ނުދެއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި، އެ ބިލަށް ވޯޓު ނުދެއްވުމަށް ވިޕް ލައިނެއް ވެސް ނެރުނު ކަމަށް މޫސަ ވިދާޅުވިއެވެ. ނަމަވެސް މައްސަލަ އަކަށްވީ ވޯޓަށް އެހި ވަގުތު ތަޅުމުގައި ވަޑައިގެން ނެތް މައްސަލ ކަމަށް މޫސަ ވިދާޅުވިއެވެ.

އެގޮތުން އެދުވަހު މޫސައާއެކު އިތުރު ހަ މެންބަރަކު ތަޅުމުގައި ވަޑައިގެން ނެތް ކަމަށާއި އެ ހަ މެންބަރުން މަޢާފަށް އެދިވަޑައިގެންނެވުމަށް ޕާޓީއިން އެންގި ކަމަމުގައި މޫސަ ވިދާޅުވިއެވެ. ނަމަވެސް ރީކޯ މޫސައަށް މިމައްސަލައިގައި އައީ ތަފާތު ހުކުމެއް ކަމަށާއި އެއީ ޕާޓީން ވަކި ކުރުމުގެ ހުކުމެވެ. އޭގެ ފަހުން ރީކޯ މޫސަ ފެނިގެން ދިޔައީ މަޑުމަޑުން ސިޔާސީ ދާއިރާއާ ފެއަށް ވަޑައިގެންނެވިތަނެވެ. ދެން މޫސަ ފެނިފައިވަނީ އަސްލު ރީކޯ މޫސަގެ ގޮތަކު ނޫނެވެ. ރީކޯ މޫސަގެ ސިޔާސީ ރޫހަކުވެސް ނޫނެވެ.

އެމްޑީޕީގެ މިހާރުގެ އެންމެ އިސް ލީޑަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ރީކޯ މޫސަގެ ރިސޯޓަށް ވަޑައިގެންނެވުމުން ސުވާލު އުފެދެނީ މިހާ ހިސާބުންނެވެ. މިހާހިސާބުން އުފެދޭ ސުވާލުތައް ބައިވަރެވެ. ރައީސް މޫސަގެ ރިސޯޓަށް ކުރެއްވި މިދަތުރުފުޅު ނިމޭނީ ކިހިނަކުން ބާވައެވެ؟ އެމަނިކުފާނު ރަހާ ރިސޯޓުން ފުރާވަޑައިގަންނަވާނީ ރީކޯގެ އިނގިލީގެ ނިޝާން އަދި ސޮއި ހޯއްދަވައިގެން، އަލުން އެމްޑީޕީގެ މެމްބަރަކަށް މޫސަ ހައްދަވައިގެން ބާވައެވެ؟ ނޫނީ މިއީ ހަމަ ހަގީގަތުގައި ވެސް އެދުމެއް ނެތި ކުރަށްވާ ވެދުމެއް ބާވައެވެ؟ ނޫންނަމަ މިއީ ހަމަ މޫސަ އެވިދާޅުވާ އެކުވެރިކަމުގެ ޒިޔާރަތަކަށް އެކަނި ވެދާނެ ބާވައެވެ؟ މިހިރީ ހައްތަހާ ވެސް ސުވާލެވެ. އިންތިޒާރުކޮށްލައްވާށެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ބަނޑު އަކިރި

07-Dec-2020

ތިޔަ އިނގިލީގެ ނިޝާން ބަލާ ރާއްޖޭގެ ރައީސް މޫސަހުރިތާކުން ހޯދައިގެން ދިޔަކަމަށް ލިޔެނެގީމާ ބޮއްކުރާ ދޮށަށް އޮޑި ކެބުން ތިޔަ ހާމަކޮށްދެވުނީދޯއެވެ.


-6

ހަސަނު

05-Dec-2020

ރީކޯ އަކީ އޭރުވެސް މިހާރުވެސް އެޕީޓީ މީހެއް އޭނާގެ އެފިކުރެއް ނުފިލާނެ


4

ޖައުފަރު

05-Dec-2020

ރީކޯ އެމްޑީޕީ އަށް ތި ވަނީތާ ދޯ އެއްމެ ރަނގަޅީ ވެސް އެގޮތް


2

ކުޑަބެ

05-Dec-2020

ރީކޯ ނުދަންނަ މީހުން ކާރީގަ ތިވާހަކަ ދައްކާ. މާބޮޑުވިޔަފާރިވެރިއެއް ކަމަށް ދައްކަން އުޅުނަސް މަޖުލީހަށް ހޮވެންދެންދެސް އޭނަގެ ހުންނަނީ މަޖީދީ މަގުން މާވެޔޮމަގު ކަންމައްޗަށް ހުންނަ ކުޑަ ފިހާރަގަނޑެއް. އޭނަ މުއްސަނދިމީހަކަށް ހަދައި ދިނީ އަންނި ޢޭނަގެ ވެރިކަމުގައި.


2

ހަޖަމް

05-Dec-2020

ހަޖަމް ކުރަން ދަސްކުރަން ވެއްޖެ ނުބެހޭ ނެތީ އެއްކަމެއް ކޮންމެ ތާކަށްދިޔަޔަސް ހަޖަމް ހަޖަމް ހަޖަމް


8

މަންތިރި

05-Dec-2020

ޝުކރިއްޔާ ރޔާމީން. ކުރީގެ ސަރުކާރުން ނިންމާފަ ހުރި ޕްރޮޖެކްޓް ތަކެއްކަން ލިއުމުގަި ބަޔާން ނުކޮށް ރަސް ޑޮޓްކޮމް އެއްކޮށް ޞާލިޙް ވެފަ މިއޮތީ


-7

ސަޢީދު

05-Dec-2020

އެމްޑީޕީއަށްރީކޯގެންގޮސްއާއްމު މެމްބަރުންގެ ލަފާނުހޯދަނީނަމައަހަރެގެންސަޕޯޓަރަކު އެމް.ޑީޕީ އަށް ތާއީދު ނުކުރާނެ


1

ނަކް

04-Dec-2020

ތި ވާނި ވަރުގަދަ ޑީލަކަށް ދިޔައީކަމަށް.. ރީކޯ ދެން ފެންނާނެ އިބޫ ފެކްޝަނުން



ޓްރެންޑިން