ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ގައުމަށް ދިމާވެފައިވާ އިގްތިސާދީ އަދި އިޖްތިމާއީ މައްސަލަތަކުން އަރައިގަތުމުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ލ އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"ކޮވިޑް-19އާ ދެކޮޅަށް އެޅި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވި ފަދައިން، އިގްތިސާދު އަލުން އާރާސްތު ކުރުމުގައިވެސް އެހީތެރިވެދެެއްވާނެ ކަމަށް އުއްމީދު ކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އުއްމީދަކީ ކޮވިޑް-19ގެ ނުރައްކަލުން ސަލާމަތްވެ ރައްޔިތުންގެ ކުރިއެރުމާއި ގައުމުގެ ތަރައްގީއަށް ރާވާފައިވާ މަޝްރޫއުތައް ހަލުވިމިނެއްގައި ކުރިއަށް ދެވޭނެ އަވަސް އަލިމަގެއް ފެނިގެން ދިއުން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލާމަރުކަޒު ކުރުމަށް މީގެ ދެ އަހަރު ކުރިން ފަށައިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ރައްޔިތުންގެ އިތުބާރު ލިބި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ހިދުމަތް ހޯދާ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ކޮވިޑް-19ގެ ބަލި މަޑުކަމާއި ގުޅިގެން މާލެ ފުރަބަންދު ކުރަން ޖެހުމުން ހިދުމަތް ލާމަރުކަޒު ކުރުމުގެ މުހިންމުކަން ފެނިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި މިއީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް އަޅުގަނޑުމެންނަށް މި ވަނީ ގަބޫލު ކުރަން ޖެހިފައި. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ތަކުލީފަކަށް ނުވެ ރައްޔިތުންނާއި ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ ގޮތްތައް ފޯރުވާދިނުން." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން