ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
މިއަހަރުގެ ޑިސެމްބަރ 25 ވަނަ ދުވަހަށް ސަރުކާރުގެ އަމާޒަށް ވާސިލްވެ ފަސްލައްކަ ފަތުރުވެރިން ގެނެވޭނެ ކަމަށް އުންމީދު ކުރަށްވާކަމުގައި ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރ ބަންދު ކުރުމަށްފަހު ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވި ފަހުން ނޮވެމްބަރ 25 ގެ ނިޔަލަށް ރާއްޖެއަށް ވަނީ، 67564 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޑރ. މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ކުރިއަރަމުން ކަމަށާއި، މިދިޔަ އަހަރާ އަޅާ ބަލާފައި ބައެއް މާކެޓުތަކުން ކުރިއެރުން ލިބިފައިވާ ކަމަށެވެ.

"ބޯޑަރު ހުޅުވި ފަހުން އައި ފަތުރުވެރިންގެ ޢަދަދު ލައްކައަކަށް އަރާނެ ކަމަށް ބެލެވެނީ ޑިސެމްބަރު 16 އަށް. މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ ޖުމްލަ އަދަދު ފަސް ލައްކަ އަށް އަރާނެ ކަމަށް ބެލެވެނީ މި މަހުގެ 25 ގައި." ޑރ. މައުސޫމް ކުރެއްވި ޓްވީޓްގައި ވެއެވެ.



2019 ވަނަ އަހަރާ އަޅާ ބަލާ އިރު ފަތުރުވެރިކަމަށް އައި ކުރިއެރުމަށް އިޝާރާތްކުރަށްވައި މިނިސްޓަރ މައުސޫމް ވިދާޅުވީ، މި އަހަރު މިސްރުން އައި ފަތުރުވެރިންގެ އަދަދު 40 އިންސައްތަ އިތުރު ކަމަށާއި، ކަޒަކިސްތާނުން އައި ފަތުރުވެރިންގެ އަދަދު 24.4 އިންސައްތަ އަށް އިތުރު ވެފައިވާކަމަށެވެ. އަދި ރަޝިއާ އިން އައި މީހުންގެ އަދަދު ފަސް ޕަސެންޓު އިތުރުވެފައިވާއިރު ބްރެޒިލުން އައި މީހުންގެ އަދަދު 2.9 އިންސައްތަ އިތުރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ޔޫކްރެއިނުން އައި ފަތުރުވެރިންގެ އަދަދު 2.9 އިންސައްތަ އިތުރު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ. މައުސޫމްގެ ޓްވީޓްގައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާ އަލުން ކޮޅަށް ޖެހުމަށް ކެތްތެރިކަމާއި، ހިތްވަރާއިއެކު މަސައްކަތް ކުރަށްވާ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން