މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
އައްޑޫގެ ރައްޔިތުންނަށްޓަކައި އައްޑުއަތޮޅުގައި ހުރި ރިސޯޓުތައް އަލުން ހުޅުވުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.

އައްޑޫގައި ހިންގާ ދެ ރިސޯޓްކަމަށްވާ ޝަންގްރިއްލާ ރިސޯޓާއި، ކެނަރީފް ރިސޯޓު ވެސް ވަނީ ކޮވިޑާއި ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކު ބަންދުކޮށްފައެވެ. މި ދެ ރިސޯޓުގައި ވެސް އައްޑޫގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރެއެވެ.

އެކަމާގުޅިގެން މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، އައްޑޫ އަތޮޅު ހެރެތެރެ ރިސޯޓާއި، ޝަންގްރިއްލާ ރިސޯޓަކީ ދައުލަތުން ވަރަށް ބޮޑެތި އިނާޔަތްތަކެއް ދީގެން ހަދާފައިވާ 2 ރިސޯޓް ކަމަށެވެ. އަދި ކޯވިޑް-19 ގެ މިހާލަތުގައި މި ދެރިސޯޓު ބަންދުކޮށްފައި ބޭއްވުމަކީ ނިކަމެތިވެފައިވާ އައްޑޫ ސިޓީގެ ދިރިއުޅުމުގެ ހާލަތަށް އިތުރު ބޮޑު ނިކަމެތިކަމެއް ލިބޭނެކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.



ބޮންޑޭ އިތުރަށް ވިދާޅުވީ، އައްޑޫސިޓީގެ ރިސޯޓު ގެސްޓުހައުސް އޮޕަރޭޓު ކުރާ ފަރާތްތަކާއި އެއަރކާގޯ މުދާ އެތެރެކުރާ އަދި ބޭރުކުރާ ފަރާތްތަކަށް ފަސޭހަ ގޮތްތަކެއް އިންތިޒާމް ކޮށްދިނުމަށް ގަން އިންޓަނޭޝަލް އެއަރޕޯޓަށް މަޖިލީހުން ވަނީ ދަންނަވާފައި ކަމަށެވެ.

އައްޑޫ ސިޓީގައި ހިންގާ ކެނަރީފް އަދި ޝަންގްރިއްލާ، ރިސޯޓަކީ އިންވެސްޓަރަށް ވަކި ކޮންސެޝަން ރޭޓަކުން ފުރަތަމަ ދިން ދެ ރަށެވެ. ސަރުކާރުން އެ ދެ ރިސޯޓަށް ކޮންސެޝަނަލް ރޭޓެއް ކަނޑައެޅީ އައްޑޫސިޓީގައި ވަޒީފާ އިތުރު ކުރުމުގެ ބޭނުމުގައެވެ.

މާލީ ޙާލަތު ދަށްވުމުގެ ސަބަބުން، މުއްދަތެއް ނެތްގޮތަށް ޝަންގްރިއްލާ ރިސޯޓް ބަންދުކޮށްފައިވާއިރު، ކެނެރީފް ރިސޯޓު ބަންދު ކޮށްފައިވަނީ ދެ އަހަރަށެވެ. ފާއިތުވެދިޔަ ފަސް އަހަރު ގެއްލުމުގައި ހިންގާފައިވާ ކެނެރީފް ރިސޯޓުގެ ގެއްލުމުގެ އަދަދު މިހާރު 21 މިލިއަން ޑޮލަރަށްވުރެ މަތިވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޯވިޑާއި ގުޅިގެން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ސަރުކާރުން ދީފައި ބޮޑެތި ލުއިތައް ބޭނުން ކުރަމުންދާއިރުވެސް ބައެއް ރިސޯޓްތައް ނުހުޅުވައި ހުރުމުން އެރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފުންގެ އާމްދަނީ އަދިވެސް ވަނީ ހުއްޓިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން