ޓުއަރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި
ޓުއަރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި
ނޮވެމްބަރ މަހު އެކަނި ވެސް ރާއްޖެއަށް 35000 ފަތުުރުވެރިން ޒިޔާރަތްކޮށްފައި ވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ހާމަވެއްޖެއެވެ.

ޓުއަރިޒަމް މިނިސްްޓްރީ އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ ނޮވެންބަރު މަހަކީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުުމަށް ފަހު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުުވެރިން ޒިޔާރަތްކުރި މަހެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން އަންނަ ކަމުގެ ހެއްކެކެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ނޮވެމްބަރ މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 35756 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ އޮކްޓޯބަރު މަހާއި އަޅައި ބަލާއިރު 66 އިންސައްތަ އިތުރު އަދަދެކެވެ. އޮކްޓޯބަރު މަހު ރާއްޖެއަށް އައީ 21000 ފަތުރުވެރިންނެވެ.

ޖުލައި މަހު ފަތުރުވެެރިކަމަށް ރާއްޖެ އަލުން ހުޅުވާލި ފަހުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން، ކޮންމެ މަހަކު ވެސް ފަތުރުވެރިން ޒިޔާރަތްކުރާ މިވަރު އިތުރުވެ ބޮޑު ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ.

ފާއިތުވި ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ އަދި އިންޑިއާ އިންނެވެ. ރަޝިއާ އިން ރާއްޖެއަށް 8581 ފަތުރުވެރިން އައިސްފައި ވާއިރު އިންޑިއާ އިން ވަނީ 7610 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި 15 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް 72،623 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 445،470 އަށް އަރައިފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ފަސްލައްކަ ފަތުރުވެރިން ރާއްޖެ ގެނައުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން