މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
ކުރީގެ ރައީސުން ކަމަށްވާ ސުއްމުވުލް އަމީރު އަލްމަރުޙޫމް މުޙައްމަދު އަމީން ދީދީ އާއި، ރައީސް މަރުޙޫމް އިބްރާހިމް ނާސިރަށް ހެދިގޮތް ކުރީގެ ރައީސް ޔާމީނަށް ނުހެދޭނެ ކަމަށް ޕީއެމްސީގެ ނާއިބު ލީޑަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން މިއަދު މެންދުރުފަހު 14:00 ގައި ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރެއްވުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. މިހާރުވެސް ރައީސް ޔާމީން ގެންދަވަނީ މަނީލޯންޑަރިންގެ މައްސަލައެއް ސާބިތުވެ 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އެމައްސަލާގައި އެ މަނިކްފާން 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، އެފައިސާ އަދި އެމަނިކުފާނު ދަޢުލަތަށް ދައްކަވާފައެއް ނުވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އެމްއެމްޕީއާރުސީ ގެ ޚިޔާނާތް ހިންގި ބައެއް ފަރާތްތަކާއެކު ސަރުކާރުން ޑީލް ހެދީ ރައީސް ޔާމީނަށް އަދިވެސް އިތުރު ނުޙައްޤު އަނިޔާ ދިނުމަށް ކަމަށާއި، ކޮރަޕްޝަންގައި ބައިވެރިވި މީހުންނާއި ގެއްލުނު ފައިސާ ހޯދަން ސަރުކާރުން ނޫޅޭ ކަމަށެވެ.

"މަރުހޫމް އަމީން ދީދީ އާއި މަރުހޫމް ނާސިރަށް ހެދި ގޮތެއް ރައީސް ޔާމީނަކަށް ނުހެދޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.



ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާ އާއި ގުޅޭގޮތުން ޕީއެންސީގެ ލީޑަރ އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަށް މަތިމައްޗަށް ދަޢުވާ އުފުލިޔަސް މި އަނިޔާވެރި ސަރުކާރުގެ ކުރިމަތީ ކުޑަކަކޫ މައްޗަށް ތިރިވެ ޑީލެއް ނުހައްދަވާނެ ކަމަށެވެ. އަދި ދީނާ ގައުމުގެ ޙައްގުގައި ވަކާލާތު ކުރެއްވުން ހުއްޓައެއް ނުލައްވާނެ ކަމަށާއި، ފިލާވަޑައެއް ނުގަންނަވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ.

މި މައްސަލާގައި މީގެ ކުރިން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނަށް މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ފުރުސަތު ކަރެކްޝަންސް ސަރވިސް އިން ފަހިކޮށްނުދޭކަމަށް ބުނެ ޝަކުވާ ކުރަށްވާފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވެ އަދި އެޚިޔާނާތުގެ ފައިސާއިން މަންފާކުރި އެތައް ބަޔަކު ތިބި އިރު ރައީސް ޔާމިނާއި ކުރީގެ ނާއިބްރައީސް އަދީބާއި ކުންފުނީގެ އެމްޑީ ޒިޔަތުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާއިރު މި މައްސަލައިގައި ހިމެނޭ އެހެން މީހުންގެ މައްޗަށް ދަޢުވާ ނުކުރާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި މިހާތަނަށް މައްސަލައިގައި ހުކުމް ކޮށްފައިވާ ތިން މީހުންގެ ތެރެއިން ޖަލުގައި ހުކުމް ތަންފީޒު ކުރަށްވަނީ ހަމައެކަނި ރައީސް ޔާމިން ކަމަށް ވާތީ ބައެއް ފަރާތްތަކުން ސިފަ ކުރަނީ މިއީ ޒާތީ ކަމެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން