މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
ރާއްޖެއަށް ޑްރަގް ވަންނަ ދޮރުތައް ވަނީ ގިނަ ކަމަށާއި، އެއީ ދެރަކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ފުލުހުން ވަނީ މާލޭގެ ފަރީދީމަގާއި ފާމުދޭރީ ހިނގުން ގުޅޭ ކަންމަތި ބަންދުކޮށްގެން މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ފަށައި ކާރެއް ހުއްޓުވައިފައެވެ. މި އޮފަރޭޝަންގައި މިހާތަނަށް 10 މީހުން ހައްޔަރު ކޮށްފައިވާއިރު، ފުލުހުން ބުނެފައިވަނީ މި އޮޕަރޭޝަން މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

މި ކަމާގުޅިގެން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި ވަންނަ ދޮރުތައް ވަނީ އިތުރު ކަމަށާއި، މިއީ ވަރަށް ދެރަކަމެއް ކަމަށެވެ. އަދި ފުލުހުން ބުރަމަސައްކަތުން މަސްތުވާތަކެތި އަތުލައިގަތް ނަމަވެސް، އެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ޝަރީޢަތް ފެށުމުގެ ކުރިން ސަރުކާރުން އެމީހުން ދޫކޮށްލާ މައްސަލަ އާދަމް ޝަރީފް ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި އަނެއްބަޔަކު ޖަލުގައި ރަނގަޅަށް އުޅޭ އިރަށް މިނިވަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހުރިހާ ހާސްކަމަކާއި ބިރުވެރިކަމެއް ޢާއިލާ ތަކަށާއި މުޖުތަމަޢު އަށް. ޑްރަގް ވަންނަ ދޮރުތައް ވަނީ ގިނަ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ޑްރަގްގެ ކުށުގައި ހިފޭ މީހުން ވަރަށް ފަސޭހައިން މިނިވަންވާ ކަމަށާއި، އެއީ ސަރުކާރާ ޑީލް ހަދައިގެން ކުރާކަމެއް ކަމަށެވެ. ނަމަވެސް އެމީހުން މިނިވަން ވުމުން ޑްރަގް ވަންނަ ދޮރުތައް ގިނަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުޖުތަމަޢާއި އާއިލާތައް ޑްރަގްގެ ވަބާއިން ސަލާމަތް ކުރެވޭނީ ހަރުކަށި ފިޔަވަޅު އެޅި ޤާނޫނު ތަންފީޒު ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހި ކާރަކުން ފެނިފައިވާ ކަމަށާއި އެކާރުން ފޮރެންސިކް އެވިޑެންސް ނަގަމުން އަންނަކަމަށެވެ. މި މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުންގެ އިންޓެލިޖެންސާއި މެރިން ފުލުހުން ހަފްތާއަކަށް ވުރެ ގިނަދުވަހު މަސައްކަތްކޮށްފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވި އެވެ. ކޮމިޝަނަރ ޙަމީދު ވިދާޅުވީ މި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށާއި، މިކަމާ ގުޅޭ މަޢުލޫމާތު ފަހުން ހާމަ ކުރަށްވާނެ ކަމަށެވެ.

ފަހަކަށް އައިސް ފުލުހުން ގެންދަނީ މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތައް ހިންގައި، ބޮޑެތި ޢަދަދުތަކުން މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. ނަމަވެސް ހައްޔަރުކުރާ މީހުން ކޯޓު މަރުޙަލާއިން މިނިވަންވާކަމުގެ ކަންބޮޑުވުން ޢާއްމުން ދަނީ ފާޅު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން