ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް (މ)
ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް (މ)
ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރު ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމް 42، ޝަރީއަތް ނިމެން ދެން ބަންދު ކުރަން ހައިކޯޓުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތާޢީދު ކޮށްފިއެވެ.

މިދިޔަ އޮގަސްޓް މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިިމެނޭ ޝަހީބް ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލީ މިދިޔަ އޮކްޓޯބަރ މަހުއެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. ހައިކޯޓުން ވަނީ ޝަރީއަތް ނިމެންދެން ޝަހީބު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ ޝަހީބްގެ ފަރާތުންނެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ، ޝަހީބަކީ ހަމައެކަނި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ނޫން ކަމަށާއި، އެއަށްވުރެ ބޮޑަށް ޑްރަގް ބޮޑު ނެޓްވޯކެއް ހިންގާ މީހަކަށް ވުމުން އެކަމުގެ ސަބަބުން މުޖުތަމަޢަށް ނުރައްކާއޮތްކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި ޝަހީބު އިބްރާހިމްގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމާއި، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކީ ޖިނާއީ ބޮޑު ތުހުމަތެއް ކަމަށް ވާތީ ހައިކޯޓުގެ ހުކުމަށް ތާއީދުކުރާ ކަމަށް މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބަލާފައިވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރަކަށްހުރި ޝަހީބުގެ މި ޑްރަގް ނެޓްވޯކުގައި އިތުރު ބަޔަކު ވެސް ހިމެނެ އެވެ. ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންގައި ހަތް މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން އިސްކޮށް އުޅުނުކަމުގެ ތުޙުމަތުގައި ހައްޔަރުކުރި 2 މީހެއްގެ މަޢުލޫމާތު ފުލުހުން ވަނީ އާއްމުކޮށްފައެވެ. އެއީ ހއ. ހޯރަފުށި ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަޙުމަދު މޫސާއާއި، ގއ. ވިލިނގިލި، ލައިޓްހައުސް، ޢުމުރުން 42 އަހަރުގެ ޝަހީބް އިބްރާހިމެވެ.

ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމް އާއި ޖާމިނުކޮށް އީރާން 7 މީހުން ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލާފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން